07 Jun 2012, 09:33
އިސްތަންބޫލް (ޖޫން7): އދ.ގެ ޗާޓަރުގެ 7 ވަނަ ޗެޕްޓަރުގެ ދަށުން ސޫރިޔާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހިދާނެ ކަމަށްބުނެ އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން ސޫރިޔާއަށް އިންޒާރު ދެއްވައިފި އެވެ.
ތުރުކީގެ އިސްތަންބޫލްގައި ކުރިޔަށްދާ ސޫރިޔާއާ ބެހޭ ބައްދަލުވުމެއްގެ އަރިމަތީގައި ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ހިލަރީ ވިދާޅުވީ އދ.ގެ ޗާޓަރުގެ 7 ވަނަ ޗެޕްޓަރުގެ ދަށުން ސޫރިޔާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް އެމެރިކާ ގެންގުޅޭ ވިސްނުމަށް މަސްއޫލުވެރި ހުރިހާ ޤައުމުތަކަކުން ތާއީދުކުރާނެ ކަމަށް އުންމީދުކުރައްވާ ކަމުގަ އެވެ.
އިސްތަންބޫލްގައި އިއްޔެ ހަވީރު ފެށި މިބައްދަލުވުމުގައި ހިލަރީގެ އިތުރުން ތުރުކީގެ ޚާރިޖީ ވަޒީރު އަޙްމަދު ދާވޫދާއި އިނގިރޭސި ޚާރިޖީވަޒީރު ވިލިޔަމް ހޭގް އާއި ފަރަންސޭސި ޚާރިޖީ ވަޒީރު ލޮރަން ފެބިއޮސް އާއި ޢަރަބި ބައެއް ޚާރިޖީ ވަޒީރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. ސޫރިޔާގެ މައްސަލަ ޙައްލުކުރުމަށް އދ.ގެ މަންދޫބު ކޯފީ އަނާން އެކުލަވާލައްވާފައިވާ ޕްލޭން ތަންފީޒުކުރުމަށް ކުރިމަތިވެފައިވާ ހުރަސްތައް ނައްތާލުމާބެހޭ ގޮތުން މަޝްވަރާކުރުމަށް އީރާނާއި ޗައިނާއާއި ރަޝިޔާގެ މަސްއޫލުވެރިން ހިމެނިވަޑައިގަންނަވާ ގޮތަށް ބައްދަލުވުމެއް ބޭއްވުމަށް ރަޝިޔާ އިން ދަޢްވަތު ދިނުމުން ހިލަރީ އެކަމަށް އިޖާބަދެއްވީ ވަރަށް ފިނި ގޮތަކަށެވެ.
އދ.ގެ ޗާޓަރުގެ 7 ވަނަ ޗެޕްޓަރުގެ ދަށުން ސޫރިޔާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހިދާނެ ކަމަށް ވިދާޅުވެ ހިލަރީ ސޫރިޔާ އަށް އިންޒާރު ދެއްވާފައި މިވަނީ ސޫރިޔާއަށް ބޭރުގެ ޢަސްކަރީ ބާރެއްވަނުމާ ވަރަށް ބޮޑަށް ދެކޮޅު ހައްދަވާކަން ޗައިނާގެ ރައީސް ހޫޖިންޓާއޮ އާއި ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ކަށަވަރުކޮށްދެއްވާފައި ވަނިކޮށެވެ.
ދެބޭފުޅުން ބެއިޖިންގްގައި ބައްދަލުކުރެއްވުމަށް ފަހު ނެރުއްވި ގުޅިފައިވާ ބަޔާނުގައި، ހުޅަނގުން ބާރުގެ ބޭނުންކޮށްގެން ސޫރިޔާގެ ވެރިކަން ވައްޓާލައި އެޤައުމުގެ ނިޒާމް ރޫޅި މުޅިޤައުމު ފުނޑުފުނޑުވެގެން ދިޔުމާ ދެކޮޅު ހައްދަވާކަން ހޫޖިންޓާއޮ އާއި ޕޫޓިން ވިދާޅުވެފައިވެ އެވެ.
އަނެއްކޮޅުން އިޓަލީގެ ޚާރިޖީ ވަޒީރު ޖޫލިޔޯ ތެރެސީ ވަނީ ބޭރުގެ ޢަސްކަރީ ބާރުތައް ސޫރިޔާއަށް ވަނުން ލަސްވަމުންދާ ނަމަ އެޤައުމުގެ ރައްޔިތުން ޤަތްލުޢާންމުތަކުން ސަލާމަތް ނުކުރެވޭނެ ކަމަށް ވިދާޅުވެ ބޭރުގެ ޢަސްކަރީ ބާރުތައް ސޫރިޔާއަށް ވަދެގަތުމަށް ގޮވާލައްވާފައެވެ. ފަރަންސޭސިވިލާތުން ބުނެފައިވަނީ އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރާ ޤަރާރެއްގެ ދަށުންމެނުވީ އެޤައުމުގެ ބާރުތައް ސޫރިޔާއަށް ނުވަންނާނެކަމުގަ އެވެ.
އދ.ގެ ޗާޓަރުގެ 7 ވަނަ ޗެޕްޓަރުގެ ދަށުން ސޫރިޔާއާ ދެކޮޅަށް ފިޔަވަޅު އަޅަންޖެހިދާނެ ކަމަށާއި ސޫރިޔާއަށް ޢަސްކަރީ ގޮތުން ވަދެގަންނަންޖެހިދާނެ ކަމަށްބުނެ އެމެރިކާގެ މަސްއޫލުވެރިން ވާހަކަ ދެއްކެވި ނަމަވެސް މިކަންކަމާ ބެހޭ ޤަރާރުތައް ސަލާމަތީ މަޖިލީހުން ފާސްކުރުމަކީ ރަޝިޔާއާއި ޗައިނާގެ ދެކޮޅުހެދުންތަކުގެ ކުރިމަތީގައި އެމެރިކާ އަށް ކުރެވޭނެ ކަމެއްނޫން ކަމަށް ޑިޕްލޮމޭޓުން ބުނެ އެވެ. އަދި ބައިނަލްއަޤްވާމީ ބާރުގެ ތިލަފަތަށް މިހާރު އައިސްފައިވާ ބޮޑެތި ބަދަލުތަކާއެކު އަފްޣާނިސްތާނައި ޢިރާޤާއި ލީބިޔާއަށް ޢަސްކަރީ ގޮތުން ވަދެގަތްގޮތަށް ސޫރިޔާއަށް ވަދެގަތުމުގެ ފުރްސަތު އެމެރިކާއަށް ވަރަށް ކުޑަކަމަށް ވެސް މިފަރާތްތަކުން ދެކެއެވެ.
ސޫރިޔާގެ އިދިކޮޅު ސިޔާސީ ލީޑަރުންނާއި ހަނގުރާމަވެރިންގެ ކޮމާންޑަރުން ވަނީ ހުޅަނގުން ވެސް ސޫރިޔާގެ ރައްޔިތުން ޙިމާޔަތްކުރުމުގެ އިޚްލާސްތެރިކަން ޚުދު ހުޅަނގުންވެސް ނުގެންގުޅޭ ކަމާއި ސޫރިޔާގެ ރައްޔިތުން ޙިމާޔަތްކުރުމުގެ ނަމުގައި އެމެރިކާއާއި ޔޫރަޕުންވެސް ދައްކަމުން ގެންދަނީ ހަމައެކަނި ވާހަކަތަކެއް ކަމަށް ސިފަކުރައްވާފަ އެވެ. (ނޫސްއެޖެންސީތައް)