07 Apr 2024, 12:01
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ކެންޑިޑޭޓުން ރައްޔިތުންގެ މަޖިލީހުގައި ވާދަ ކުރުމަކީ ޗެލެންޖެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުލިއާގޭގައި "ސަން"އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ ފުރަތަމަ ދުވަހުން ފެށިގެން ވެސް އިދިކޮޅު ޕާޓީތަކުން ދިޔައީ އެމަނިކުފާނުގެ ސަރުކާރަށް އެކި ޗެލެންޖްތައް ކުރިމަތި ކުރަމުން ކަމަށެވެ.
ކުރިއަށް މަޖިލިސް އިންތިޚާބު އޮތްއިރު ޔާމީން އެކުގައި ނެތުމަކީ ކިހާ ވަރެއްގެ ގޮންޖެހުމެއްތޯ ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެއީ ޗެލެންޖެއް ކަމަށާއި މަސައްކަތް ކުރައްވަނީ އެކަން ގަބޫލު ކުރައްވައިގެން ކަމަށެވެ.
"ޗެލެންޖްތައް އެބަހުރި. ޕީއެންއެފް އުފެއްދުމާއި ރައީސް ޔާމީންގެ ފަރާތްޕުޅުން ކެންޑިޑޭޓުން ތިބުމާ. އެއީ ވެސް ހަމަ ޗެލެންޖަކަށް ވެސް ވާނެ. ބައެއް ދިމަދިމާގަ އުނދަގޫތައް ވެސް ހުރެދާނެ. އެހެންނަމަވެސް އެކަންކަން އެހެން ހުރި ކަން ގަބޫލުކޮށްގެން ދެއްތޯ އަޅުގަނޑުމެން ކުރިއަށް ދާން ވާނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ސަންއަށް އިންޓަވިއޫ ދެއްވަނީ: އެމަނިކުފާނު ވިދާޅުވީ ޕީއެންއެފް އުފެއްދުމާއި ޔާމީންގެ ކެންޑިޑޭޓުން ތިބުމަކީ ޗެލެންޖެއް ކަމަށް --- ސަންފޮޓޯ/ މުޙައްމަދު ހަމްޒާ
މީގެއިތުރުން، ރައީސް ވިދާޅުވީ ޔާމީން ބޭނުންފުޅުވާ ކެންޑިޑޭޓުން އިންތިޚާބަށް ނެރުމަކީ އެ މަނިކުފާނުގެ ޙައްގެއް ކަމަށާއި ސިޔާސީ މައިދާނުގައި ގައުމަށް ޚިދުމަތް ކުރުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮންނާނެ ކަމަށެވެ.
ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕް ގުޅިގެން މަސައްކަތް ކުރަމުން އަންނަނީ ރައްޔިތުންނަށްް އެމަނިކުފާނު ވެވަޑައިގެންފައިވާ ހުރިހާ ވައުދުތައް ފުއްދުމަށް މަޖިލިސް އިންތިޚާބު ކާމިޔާބު ކުރުމަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އެ ޗެލެންޖްތަކުގެ ތެރެއިން މަސައްކަތްކޮށް ވެސް އަޅުގަނޑު ގަބޫލުކުރަނީ ރައްޔިތުން އަޅުގަނޑާ ހަވާލު ކުރި ޒިންމާ ފުރިހަމައަށް އަދާކުރުމަށް މި ފަހަރު އެހީތެރިކަން ދެއްވާނެ މަޖިލިސް އިންތިޚާބުގައި." އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްތާ މާ ގިނަ ދުވަހެއް ނުވެ ޔާމީން އެ ކޯލިޝަނުން ވަކިވެވަޑައިގަތުމަށް ފަހު އަމިއްލަ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވިއެވެ. ސޮއި ހަމަ ކޮށްފައިވާތީ އެ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ވެސް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ދީފައެވެ.
ޔާމީނާއި އެ މަނިކުފާނަށް ތާއިދު ކުރާ މީހުން ވެރިކަން ކުރާ ޕާޓީތަކަށް ފާޑުވިދާޅުވާއިރު ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕުން ވެސް އެ މަނިކުފާނަށް ފާޑު ކިޔުން އަމާޒުކުރެއެވެ.