މިދިޔަ ފެބްރުއަރީ މަހު ފ. ހިމިތިން ހޮވި ހުދަންބަރު މާވަހަރެއް ވިއްކާނުލައި ބޭއްވުމުގެ ވަގުތީ އަމުރެއް މިރޭ ސިވިލް ކޯޓުން ނެރެފި އެވެ.

ސިވިލްކޯޓުން މި ގޮތަށް އަމުރެއް ނެރިފައި މި ވަނީ މާވަހަރު ހޮވި ކަމަށް ބުނާ އެ ހަތަރު މީހުންގެ ތެރޭގައި ހިމެނޭ ފ. ބިލެތްދޫ ތޯހާ ނަޝީދާއި ފ. ނިލަންދޫ އަހްމަދު ޝިޔާމް މާވަހަރު ވިއްކުމަށް ނިންމައި އެ ފައިސާ މާވަހަރު ހޮވުމުގައި ބައިވެރިވި ފ. ނިލަންދޫ، އަބުދުލް ގާދިރުއަށާއި ފ. ނިލަންދޫ އަހްތަރު ޔޫނުސް ނުދިނުމަށް ނިންމާފައިވާ ކަމަށް ބުނެ އަބްދުލްގާދިރު ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެންނެވެ.

އެ މައްސަލަގައި ގާދިރު ބުނެފައި ވަނީ 43 ކިލޯގެ އެ މާވަހަރު ފުރަތަމަ ފެނުނީ އޭނާ އާއި ތޯހާ އާއި އަދި ޝިޔާމުގެ އިތުރުން ޔޫނުސް ހިމިއްޗަށް ގޮސްއުޅެނިކޮށް އެނާ އަށް ކަމަށެވެ. އެހެން ނަމަވެސް ހަތަރު މީހުން އެ ބެލުމަށް ފަހު މާވަހަރެއް ކަން ޔަގީން ނުވާތީ ރަށުގެ ގޮނޑުދޮށަށް ލުމަށް ފަހު އެމީހުން އެ ރަށުން ފައިބައިގެން ގޮސްފައިވާ ކަމަށާއި އެއީ މާވަހަރެއްކަން އެނގުނީ ރަށުން ދިޔަ ފަހުން މީހަކު ބުނުމުން ކަމަށް ގާދިރު ޝަރީއަތުގައި ބުނެފައިވެ އެވެ.

އަދި އޭގެ އެއް ދުވަސް ފަހުން އެއީ މާވަހަރެއްކަން އެނގުމުން ހިމިތީގައި ރުކުއަޅަން އުޅޭ މީހަކަށް ގުޅާފައި އެ ފޮރުވައި ދިނުމަށް އޭނާ ގާތު އެދުމުން އޭނާ މާވަހަރު ފޮރުވާފައި އޮއްވައި ޝިޔާމާއި ތޯހާ އެ ރަށަށް ގޮސް އެ މާވަހަރު ފޮރުވާފައި އޮތް "މީހާ އަށް ބިރު ދައްކައިގެން" މާވަހަރު އަތުލާފައިވާ ކަމަށް ޝާރީއަތުގައި ގާދިރު ވަނީ ބުނެފަ އެވެ.

އަދި މާވަހަރު ފުރާންސްގެ ބަޔަކަށް މާދަމާ ވިއްކާލުމަށް ހަމަޖެހިފައިވާ ކަމަށް މާވަހަރު ގަތުމަށް ނިންމާފައިވާ ފްރާންސް މީހުންގެ ފަރާތުން އެނގިފައިވާ ކަމަށާއި މާވަހަރު ވިއްކާނުލާ ބޭއްވުމުގެ ވަގުތީ އަމުރެއް ބޭނުން ވަނީ އެ ވިއްކަލައިފި ނަމަ އެއިން ލިބޭ ފައިސާ ނުލިބިދާނެތީ ކަމަށް ވެސް ވަގުތީ އަމުރަށް އެދި ގާދިރު ވަނީ ބުނެފަ އެވެ.