ޤާހިރާ (ޖޫން 6): އުމުރަށް ޖަލަށްލާފައިވާ މިސްރުގެ ކުރީގެ ރައީސް ޙުސްނީ މުބާރަކްގެ ސިއްޙީ ޙާލުކޮޅު ކުއްލިއަކަށް ދަށަށްދާން ފެށުމުން މެޑިކަލް ޓީމެއް ޖަލަށްގެންގޮސް ކުއްލި ޙާލަތުގައި އޭނާ އަށް ފަރުވާދެމުން ގެންދާ ކަމަށް މިސްރުގެ ޕްރިޒަން ސަރވިސް ޑިޕާޓްމަންޓުން ބުނެފި އެވެ.

އެ ޑިޕާޓްމަންޓާ ޙަވާލާދީ މިސްރުގެ މިޑްލްއީސްޓް ނޫސްއެޖެންސީ ބުނި ގޮތުގައި ޤާހިރާގެ ތުއްރާ ޖަލުގައި ހައްޔަރުކުރެވިފައިވާ މުބާރަކްގެ ސިއްޙީ ހާލުކޮޅު ދަށަށްދާންފެށީ އޭނާގެ އަނބިކަނބަލުންނާއި ދެދަރިކަލުންގެ އަނބިކަނބަލުން ޖަލަށް ވަޑައިގެން އޭނާ އަށް ޒިޔާރަތް ކުރެއްވުމުންނެވެ. މުބާރަކަށް ކުރިމަތިވިވަޑައިގެންނެވި ސިއްޙީ މައްސަލައިގެ ތެރޭގައި ކުއްލިއަކަށް ލޭގެ ޕްރެޝަރާއި ހިތްޕުޅުގެ ހިނގުން ދަަށަށް ދިޔުމާއި ލޯމައްޗަށް އަނދިރިއެޅުމާއި ކޯމާއަކަށް ދާންފެށުން ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.

މީހުން މެރުމާއި ދައުލަތުގެ މުދަލާއި ފައިސާ އަށް ޚިޔާނާތްތެރިވުމުގެ ކުށުގައި އުމުރަށް ޖަލަށް ލުމަށް ޤާހިރާގެ ޖިނާއީ ކޯޓުން މުބާރަކްގެ މައްޗަށް ޙުކުމްކޮށްފައި ވަނީ މިމަހުގެ 2 ވަނަ ދުވަހު އެވެ. އެއަށް ފަހު މުބާރަކް ވަނީ ޤާހިރާގެ ތުއްރާޖަލުގައި ހައްޔަރުކޮށްފަ އެވެ. މުބާރަކް ޖަލަށް ބަދަލު ކުރުމާއެކު ވެސް އޭނާ ހާލުކޮޅު ސީރިއަސްވެ، ހާޓްއެޓޭކެއް ޖެހިވަޑައިގަތްކަމުގެ ރިޕޯޓްތަކެއް ވެސް ފެތުރިފައިވެ އެވެ.

800 މީހުން މެރުމުގެ ކުށް މުބާރަކްގެ މައްޗަށް ސާބިތުވި ނަމަވެސް އޭނާގެ މައްޗަށް މަރުގެ ޙުކުމް އިއްވާފައިނުވާތީ މިސްރުގެ އިސްލާމީ ޚިޔާލުގެ ޖަމާއަތްތަކާއި މުބާރަކްގެ ވެރިކަން ވައްޓާލުމުގައި އިސްކޮށް ޙަރަކާތްތެރިވި އެކްޓިވިސްޓުންނާއި މަރުވި މީހުންގެ ޢާއިލާތަކުން ވަނީ މިއީ ވަރަށް ލުއި ޙުކުމެއް ކަމަށް ސިފަކޮށްފަ އެެވެ. މިޙުކުމާދެކޮޅަށް ޤާހިރާގެ ތަޙްރީރު މައިދާނުގައި މިލިޔަނަކަށްވުރެ ގިނަމީހުން އިއްޔެވަނީ މުޒާހަރާކޮށްފައެވެ. (އަލްޖަޒީރާ)