މިދިޔަ ސަރުކާރުން މަޝްރޫއުތައް ހިންގީ ޕާޓީ މީހުންނަށް ފައިސާ ދިނުމަށްކަމަށް މައުލޫމާތު ލިބިފައި ވާކަމަށާއި އެއް މަޝްރޫއެއް އެތައް ބަޔަކާ ހަވާލުކޮށް އެޑްވާންސް ފައިސާ ނަގާފައި ވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވިއެވެ.

ކޮންމެ ދުވަހަކު އާންމުކުރާ ރައީސްގެ ޖަވާބު ޕްރޮގްރާމްގެ މިއަދުގެ ވީޑިއޯގައި އާއްމު ރައްޔިތެއް ކަމަށްވާ އާމިނަތު ނަޒީރާ ވަނީ ކުރީން ހިންގަމުން އައި މަޝްރޫޢުތައް މި ސަރުކާރުން ހުއްޓާލާފައިވާކަމަށް ވާދަވެރި ފަރާތްތަކުން ދައްކާ ވާހަކަތަކާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރުން މަޝްރުއުތައް ހަވާލު ކުރަނީ ޕާޓީ މީހުންނަށް ފައިސާ ދޭންކަމަށް އަޑުއިވިވަޑައިގެންފައި ވާކަމަށެވެ. އެ ގޮތުން ބަޔަކަށް ޕްރޮޖެކްޓް ހަވާލުކޮށް އެޑްވާންސް ފައިސާ ދިނުމަށް ފަހު އަނެއްކާ އެ ޕްރޮޖެކްޓް އެހެން ބަޔަކާ ހަވާލުކޮށްފައި އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.

"ތިން ހަތަރު ފަހަރު އެބަހުރި މިހެން ހުއްޓިފައި ހުރި މަޝްރޫތައް މީހުންނަށް ދީ އެޑްވާންސް ފައިސާ ނަގާފައި،" ރައީސް ވިދާޅުވިއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިސާ ނުލިބި ކޭޝް ފްލޯ ނެތުމުން ގިނަ މަޝްރޫއުތައް ހުއްޓިފައި ހުރިކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ފެނާއި ނަރުދަމާގެ މަޝަރޫއުތައް ވެސް ކުރިއަށް ނުގޮސް މަގުމަތީ ހޮޅިތައް ހުރި މަންޒަރު ފެނިވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރާ ހަވާލުވީއިރު ހުއްޓިފައި ހުރި މަޝްރޫއުތައް ފެށީ މި ސަރުކާރުން ކަމަށާއި ނަމަވެސް، ވާހަކަ ދައްކަނީ އިދިކޮޅަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން އައީ ނަތީޖާ ނެރެދޭން ކަމަށާއި ވައުދާ އެއްގޮތަށް މަޝްރޫއުތައް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރުގައި ފެށި މަޝްރޫއުތައް މި ސަރުކާރުން ހުއްޓާލާފައި ވާކަމަށް އިދިކޮޅު އެމްޑީޕީން އަންނަނީ ތުހުމަތު ކުރަމުންނެވެ.