06 Jun 2012, 21:41
އަންނަ ހުކުރު ދުވަހު ޕޮލެންޑާއި ޔޫކުރޭންގައި ފަށާ ޔޫރޯ 2012 ފުޓުބޯޅަ މުބާރާތުގެ މެޗްތައް ބެލުމަށް އެކިއެކި ޖަމިއްޔާ ޖަމާއަތްތަކާއި ބައެއް ރަށް ރަށުގެ ކައުންސިލްތަކަށް "ވީޑިއޯ ޕްރޮޖެކްޓަރު" ކުޅިވަރާ ބެހޭ މިނިސްޓްރީން ދޫކޮށްފި އެވެ.
ކުޅިވަރާ ބެހޭ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުކަތު ވިދާޅުވީ، ޔޫރޯ ފުޓުބޯޅަ މުބާރާތުގެ މެޗްތައް ބެލުމަށް ޕްރޮޖެކްޓަރު ދޫކޮށްފައި ވަނީ، ޕްރޮޖެކްޓަރު ހޯދުމަށް އެދި މި މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓްރީގައި އެދިފައިވާ އެކިއެކި ޖަމިއްޔާ ޖަމާއަތްތަކާއި ބައެއް ރަށް ރަށުގެ ކައުންސިލްތަކަށެވެ. އަދި ޕްރޮޖެކްޓަރު ހޯދުމަށް އެދި 40 ގިނަ ފަރާތަކުން މިނިސްޓުރީގައި އެދުނު ކަމަށާއި އެގޮތުން މިހާރު 37 ފަރާތަކަށް ޕްރޮޖެކްޓަރު ހަވާލުކޮށްފައިވާ ކަމަށް ނާއިފް ވިދާޅުވި އެވެ.
"މިކަން އަޅުގަނޑުމެން މިކުރީ ވަރަށް ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން. މިއީ ސިޔާސީ ކަމެއް ނޫން. ރައްޔިންނަށް ވަގުތުން މި މުބާރާތް ބެލޭނެ އިންތިޒާމް ހަޖައްސެވުމަށް ކުރައްވާ މަސައްކަތުގައި މިހާރު ވެސް އަޅުގަނޑުމެން ވާނީ 37 ވީޑިއޯ ޕްރޮޖެކްޓަރު ދޫކުރެވިފައި. ޕްރޮޖެކްޓަރުތައް އަޅުގަނޑުމެންނަށް ލިބުނީ ބިޑަށް ލުމުން އެސްޓިއޯގެ ފަރާތުން. އެސްޓިއޯ އިން ލިބުނީ 37 ޕްރޮޖެކްޓަރު،" ނާއިފް ވިދާޅުވި އެވެ.
ޕްރޮޖެކްޓަރު ލިބުނު ފަރާތްތަކަށް، ޕްރޮޖެކްޓަރު ދޫކޮށްފައި ވަނީ ކުޅިވަރާ ބެހޭ މިނިސްޓްރީގެ މައި އޮފީހުގަ އެވެ.
މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗްތައް ބެލުމަށްޓަކައި މާލެއާއި ރާއްޖެތެރޭގެ ގިނަ ރަށް ރަށުގެ ޒުވާނުން ވަރަށް ފޯރިޔާ އެކު "ބޮޑު ސްކުރީން" ބެހެއް ޓުމުގެ މަސައްކަތް ފަށާފައިވާ އިރު، މިފަހަރުގެ ޔޫރޯ މުބާރާތުގައި ޖުމްލަ 16 ޓީމް ވާދަކުރެވެ.
ހަތަރު ގްރޫޕަކަށް ބަހައި ލައިގެން މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިރު، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ނަކީ ސްޕެއިންނެވެ.