ޝީޝާގެ ތިން ބެއިންގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގައި ހުޅުވާފައިވާ އެކައުންޓަކުން ވަގު ޑޮކިއުމަންޓެއް ބޭނުން ކޮށްގެން ދެ ފަހަރެއްގެ މަތިން 18 މިލިއަން ރުފިޔާ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެކައުންޓަކަށް ޓްރާންސްފާކޮށް ގިނަ އަދަދެއްގެ ފައިސާ ބޭނުން ކުރި މައްސަލާއިގެ ތަހުގީގު ނިންމާ ޝަރީއަތަށް ހުށަހަޅަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރަން މިމަހު ފަސްވަނަ ދުވަހު ޕީޖީއަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

ދައުވާކުރުމަށް ފޮނުވާފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ޝީޝާގެ ތިން ބެއިންގެ އެކައުންޓުން ފައިސާ ޓްރާންސްފާ ކުރެވުނު ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްގެ ވެރިފަރާތް ކަމަށްވާ ބ. ތުޅާދޫ، މާފަރިވާގޭ، އިބްރާހިމް ޝާހިދު 42، އާއި ދަފްތަރު ނަންބަރު 1307 މުހައްމަދު ރަޝީދު އަބްދުލް ބާޤިރު 51، އާއި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ށ. ޅައިމަގު، ޖަމްސަރީރުގޭ، މުޙައްމަދު މުސްޠަޢުމިދު 32، އާއި ށ. ޅައިމަގު، ގޯލްޑް ސްޓާރު މުޙައްމަދު މުޞްޠަފާ 35، އެވެ.

މި މީހުންގެ އިތުރުން ވެސް މި މައްސަލައިގައި ނުސީދާ ގޮތެއްގައި ބައިވެރިވި ކަމަށް ބެލެވޭ އިތުރު ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރުމާމެދު ގޮތެއް ނިންމަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.