06 Jun 2012, 20:25
ސަރުކާރާ ބައިވެރިވާ ޕާޓީތަކުގެ ތެރެއިން އެންމެ މެންބަރުން ގިނަ ޕާޓީ، ޑީއާރްޕީގެ މުސްތަގުބަލާބެހޭ ގޮތުން އެ ޕާޓީގެ އިސް ބޭފުޅުން ވާހަކަފުޅު ދެއްކުމަށް ބާއްވާ އާންމު ޖަލްސާއެއް މާއްދަމާ ރޭ އޮންނާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ގިނަ ދުވަސްތަކަކަށްފަހު މާދަމާ ރޭ އާޓިފިޝަލް ބީޗްގައި ޑީއާރްޕީން ބާއްވާ ޖަލްސާއާބެހޭ ގޮތުން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ މާދަމާ ރޭގެ ޖަލްސާގައި ކުރިއަށް އޮތް ތާނގައި ޑީއާރްޕީ ހާސިލް ކުރާނެ ލަނޑުދަނޑިތަކާއި ޕާޓީގެ މުސްތަގުބަލަށް ރާވާފައިވާ ކަންކަން ހާމަކުރުން އޮންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ޖަލްސާއެއް ބާއްވަން އިތުރު ހިތްވަރެއް ލިބުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޑީއާރްޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމަށް އިއްޔެ ނެގި ވޯޓް ނާކާމިޔާބު ކޮށްލެވުމުން ކަމަށެވެ.
މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ޑީއާރްޕީގެ ހަރަކާތްތައް މާލޭގައި މެދުކެނޑިފައި އޮތުމަށްފަހު މާދަމާ ރޭ ބާއްވާ ޖަލްސާއަކީ ހަރަކާތްތައް އަލުން ފެށުން ކަމަށެވެ. މާދަމާ ރޭގެ ޖަލްސާގައި ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި ޑީއާރްޕީއާ ކޯލިޝަން ހަދާފައިވާ ގައުމީ ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގްނަނަވާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.