އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ރެގިއުލޭޓް ކުރުން ގާނޫނީ އިމުގެ ތެރެއަށް ފެއްތުމުގެ ގޮތުން ގާނޫނެއް އެކުލަވައިލުމުގެ މަސައްކަތްކުރަމުން ދާކަމަށް އިންޑިއާގެ ޓެކްނޮލޮޖީ މިނިސްޓްރީން ބުނެފިއެވެ.

އިންޑިއާގެ އައިޓީ މިނިސްޓަރު އަޝްވިނީ ވައިޝްނައު ވިދާޅުވީ، ގާނޫނީ މަރުހަލާގެ ތެރެއިން އާޓިފިޝަލް އިންޓެލިޖެންސްގެ ހުރިހާ ކަމެއް ރެގިއުލޭޓަރީ ފްރޭމްވޯކެއް ހެދުމަށް އިންޑިއާ އިން ތައްޔާރުވަމުން އަންނަ ކަމަށެވެ.

އޭއައިގެ ރަސްމީ އުސޫލާއި ގައިޑްލައިންތައް ގާއިމުކުރުމުގެ މަސައްކަތް އިންޑިއާގެ ކުރިއަށް އޮތް އާންމު އިންތިޚާބު ނިމުމާއެކު ވަރަށް އަވަހަށް ފެށޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އިކޮނޮމިކް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި ވައިޝްނައު ވިދާޅުވީ ސަރުކާރުން ގެންގުޅޭ ސްޓޭންޑަކީ އޭއައި ދާއިރާގައި ސެލްފް ރެގިއުލޭޝަން ނުފުދޭނެ ކަމަށް ގަބޫލުކުރުމެވެ.

"އަޅުގަނޑުމެން ދެކޭ ގޮތުގައި މި ގަވާއިދަކީ ލެޖިސްލޭޓިވް މެތަޑަކުން ހަދަން ޖެހޭ ގަވާއިދެއް،" އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޓެކް އިންޑަސްޓްރީއާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާތައް މިހާރު ވެސް ކުރެވިފައިވާ ކަމަށާއި އޭއައި ގާނޫނެއް ޑްރާފްޓް ކުރުމުގެ ރަސްމީ މަރުހަލާއެއް އިންތިހާބަށް ފަހު ފަށާނެ ކަމަށެވެ.

ނަމަވެސް އިނޮވޭޝަން ހިމާޔަތް ކުރުމަށް ގަވާއިދުތައް "ބެލެންސް" ކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

"އިނޮވޭޓަރުންގެ އުފެއްދުންތެރިކަމަށް ހުރަސް ނޭޅޭތޯ ބަލާނަން. އެކަމަކު ކޮޕީރައިޓް، ފައިނޭންޝަލް، ކޮމާޝަލް ފަދަ ކަންކަމަށް ބަލާއިރު ކޮންމެ ވެސް ގަވާއިދެއް ބޭނުންވޭ،" ވައިޝްނައު ތަފްސީލުކޮށްދެއްވިއެވެ.

އޭއައި ރެގިއުލޭޓަރީ ފްރޭމްވޯކެއް އެކުލަވާލުމަށް އިންޑިއާއިން ބާރު އަޅާފައި މިވަނީ ޓެކްނޮލޮޖީގެ ނުރައްކާ ބޮޑުވެ، އެ ޓެކްނޮލޮޖީ އިތުރަށް ފުޅާވަމުން ދާއިރު، ނޭދެވޭ ނަތީޖާތަކާ މެދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އިންޑިޔާއިން ހައްލުކުރަން އަމާޒުހިފާފައިވާ މައިގަނޑު މައްސަލަތަކުގެ ތެރޭގައި ޑީޕްފޭކްތައް ހުއްޓުވުމާއި އިންޓެލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް ހިމާޔަތްކުރުން ހިމެނެއެވެ.

މި ގަވައިދުގެ ސަބަބުން އޭއައިގެ ގާބިލުކަމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ގޫގުލް، މައިކްރޮސޮފްޓް އަދި އޯޕަންއޭއައި ފަދަ ދުނިޔޭގެ ޓެކްނޮލޮޖީ ކުންފުނިތަކަށް އަސަރުކޮށް، އިންޑިއާގެ ޓެކްނޮލޮޖީގެ ދާއިރާގައި އެ ކުންފުނިތަކުގެ ބައިވެރިވުން މަޑުޖެހިދާނެ ކަމަށް ބެލެވެއެވެ.

މި ކަމުގެ ތަފްސީލްތައް މަދު ނަމަވެސް، އޭއައި ގާނޫނެއް ގެނައުމަށް އިންޑިއާއިން ނިންމި ނިންމުމުން ދޭހަވަނީ، މި ޓެކްނޮލޮޖީއަކީ ސިނާއަތްތަކުގައި އެޑޮޕްޝަން ފެތުރެމުންދާއިރު، ރެގިއުލޭޓް ނުކުރެވޭ، ސެލްފް ގަވަނިން އެޕްރޯޗަކަށް ފުރުސަތު ދެވޭ ވަރަށް ވުރެ ބޮޑަށް ނަތީޖާ ނެރެފައިވާ ޓެކްނޮލޮޖީއަކަށް ވެފައިވާކަމެވެ.