ހިޔާލުހޯދަން ކަމަށްބުނެ ނޭޝަނަލް އިންކްއަރީ ކޮމިޝަނުން ވެރިކަން ބަދަލުވި ގޮތުގެ ޓައިމްލައިނެއް މިއަދު އާންމުކުރީ ކޮމިޝަންގެ މަސައްކަތް ލަސްކޮށް އެ މަސައްކަތް ނުކުރަން ގޮތްތަކެއް ރޭވުމުގެ ވިސްނުމުގައި ކަމަށް އެމްޑީޕީން ބުނެފި އެވެ.

ޓައިމްލައިނާބެހޭ ގޮތުން ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ސްޕޯކްސް ޕާސަން އިންޓަނޭޝަނަލް އެފެއާޒް ހާމިދު އަބްދުލް ޣަފޫރު މިއަދު ވިދާޅުވީ އެމްޑީޕީގެ އިތުބާރު އޮންނަ ގޮތަށް ކޮމިޝަން ރިފޯމްކުރަން ސަރުކާރުން އެއްބަސްވީ ވެސް އެތައް ދުވަހެއް ފަހުން ކަމަށާއި އަދި ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ނަމެއް ގަބޫލު ކުރުމުގައި ވެސް ސަރުކާރު ބަހަނާ ދެއްކި ކަމަށެވެ. އެހުރިހާ ކަމަކުން ދޭހަވަނީ ކޮމިޝަންގެ މަސައްކަތް ލަސްކުރަން ސަރުކާރު ބޭނުންވުން ކަމަށެވެ.

"މިވަގުތު އަޅުގަނޑަށް ދެންނެވެން އޮތީ މަންޒަރުތަކުން މި ފެންނަނީ ކޮމިޝަންގެ މަސައްކަތް ލަސްކޮށް، ނުފެށޭނެހާ ގޮތްތަކެއް ކުރިމަތި ކުރުމަށް މަސައްކަތް ކުރާތަން ކަމަށް. މި ފެންނަނީ ވަރަށް ރަނގަޅަށް، ތިއީވެސް [ޓައިމްލައިނަކީ ވެސް] އެކަހަލަ ކަމެއްކަމަށް ވެދާނެ، އެ މަސައްކަތް ހަމަ ލަސްކޮށްލަން ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ މިދިޔަ މަހުގެ މެދުން ފެށިގެން، އެއީ އެބޭފުޅުން އެކަމަށް އެއްބަސްވި [ކޮމަންވެލްތް ބޭނުން ގޮތަށް ކޮމިޝަން] ރިފޯމް ކުރަން އެއްބަސްވި ހިސާބުން ފެށިގެން އެގޮތަށް މަސައްކަތް މި ކުރެވެނީ،" ހާމިދު ވިދާޅުވި އެވެ.

ޓައިމްލައިންއިން ނެރުނުއިރު ސަރުކާރުން ކޮމަންވެލްތާއެކު މިދިޔަމަހު ތެރޭ އެއްބަސްވެފައި ވަނީ ކޮމިޝަނަށް ރައީސް މުހަންމަދު ނަޝީދުގެ ފަރާތުން ބޭފުޅަކު ހަމަޖެއްސުމަށާއި ބޭރުގެ ފަނޑިޔާރަކު ހަމަޖެއްސުމަށެވެ. ކޮމިޝަން ރިފޯމްކޮށް ނިމެންދެން ސަރުކާރުން އޮތީ ކޮމިޝަންގެ މަސައްކަތް މެދުކަނޑާލާފަ އެވެ.

ހާމިދު ވިދާޅުވީ ސަރުކާރުން އެ ވިސްނުމުގައި އަމަލު ކުރާނަމަ ކާމިޔާބެއް ނުލިބޭނެ ކަމަށާއި މިއަދު އެޅި ފިޔަވަޅުގެ ސަބަބުން ކޮމަންވެލްތުގެ ދަތި ކުރުމުގެ ފިޔަވަޅުތަކަކާއި ރާއްޖެ ކުރިމަތިލާން ޖެހުމަކީ ކައިރި ކަމެއް ކަމަށެވެ.

"މިކަހަލަ ކަންކަމުގައި އާންމުކޮށް އަންނާނީ ސްޓިކް އެންޑް ކެރޮޓް، އެއްކޮޅުން ފޯސް އަނެއް ކޮޅުން ސްވީޓްނަސް ނުވަތަ ކަންކަން ހަމަޖެއްސުން، ކޮމަންވެލްތުން މިހާތަނަށް ދެމުން މި އައީ ކެރޮޓް، އެކަމަކު ސަރުކާރުގެ އަމަލުތައް މިހެން ހުރިއްޔާ އަންނާނީ ސްޓިކް، މިކަންކަން ސީމެގްގައި ތިއްބަވާ މިނިސްޓަރުންނަށް ވެސް ފެންނާނެ،" ހާމިދު ވިދާޅުވި އެވެ.

ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ ކޮމިޝަނުން ޓައިމްލައިން އާންމުކުރުމަކީ ކޮމިޝަންގެ މަސައްކަތްތަށް ލިބޭ ކުރިއެރުމެއް ކަމަށާއި ކޮމިޝަނުން ބޭނުންވަނީ އެ ކޮމިޝަންގެ މަސައްކަތްތައް އާންމުންނަށް އެނގޭނެހެން އާންމުންގެ ހިޔާލާ އެއްގޮތައް ކުރިއަށް ގެންދަން ކަމަށެވެ.

"ކޮމިޝަނަކީ މިނިވަންކަމާއެކު މަސައްކަތް ކުރާ ބައެއް އެބޭފުޅުންނަށް ފެނިވަޑައިގަތީ ރައްޔިތުންގެ ހިޔާލު ލިބުމަކީ ކޮމިޝަންގެ މަސައްކަތައް ލިބޭނެ ކުރިއެރުމެއް ކަމަށް. އެހެންވީމަ އެގޮތަށް އެބޭފުޅުން އަމަލު އެކުރެއްވީ، އެގޮތަށް ކުރިއެރުން ލިބޭ ކަމަށްވަންޏާ ސަރުކާރުން އެކަމަށް މަރުހަބާ ކިޔަން، އަދި ކޮމަންވެލްތުން މިކަމުގައި ސަރުކާރަށް ޕްރެޝަރެއް އަންނާކަށް ނުޖެހޭ،" އައްބާސް ވިދާޅުވި އެވެ.

ޖެނުއަރީ 14 އިން ފެބުރުއަރީ ހަތަކާ ހަމައަށް ކަންހިނގައިދިޔަ ގޮތުގެ ޓައިމްލައިން ނެރެމުން އިންކްއަރީ ކޮމިޝަނުން ބުނެފައިވަނީ އެއީ ކޮމިޝަންގެ ރަސްމީ ރިޕޯޓް ނޫން ކަމަށާއި ޓައިމްލައިން ނެރުނީ އާންމުންގެ ހިޔާލު ހޯދަން ކަމަށެވެ.

މިވަގުތު ސިއްރު ހިފެހެއްޓުން މުހިންމު ކަމަށް ކޮމަންވެލްތުން ބުނެފައިވާ ދަނޑިވަޅެއްގައި 40 އެތައް ސޮފްހާއެއް ހިމެނޭ ޓައިމްލައިން ނެރުނު ވެރިކަން ބަދަލުވި ދުވަހުގެ ބައެއް ސިއްރުތައް ވެސް ހިމަނާފައި ވެއެވެ.

ސަރުކާރުން ވަނީ ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކޮމިޝަންގެ މަސައްކަތް އަލުން ފަށާނެ ކަމަށްބުނެފަ އެވެ.