06 Jun 2012, 19:32
ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ފެބުރުއަރީ ހަތްވަނަ ދުވަހު ފުރޮޅުނު ގޮތް ތަހުގީގު ކުރަން އެކުލަވާލެއްވި އިންކްއަރީ ކޮމިޝަނުން ވަނީ 14 ޖެނުއަރީން ފެބުރުއަރީ 7 އަށް ހިނގައިދިޔަ ގޮތުގެ ޓައިމް ލައިނެއް އާންމުކޮށްފަ އެވެ. މި ޓައިމްލައިނަކީ އެ ކޮމިޝަނުން މިހާތަނަށް ބެލި ކަންކަމުގެ މައްޗަށް ބަލައި ނެރުނު ލިޔުމެކެވެ. ހިޔާލު ހޯދަން ޓައިމްލައިން ހުޅުވާލިއިރު ފެބުރުއަރީ ހަތަކާއި ގުޅޭ ގޮތުން ނުދައްކާ ހުރި އާ އެތައް ވާހަކަ އެއް ވެއެވެ.
ބީޗުން ފުލުހުންނާއި ސިފައިން ގެންދަން އަމުރު ކުރެއްވީ ރައީސް ނަޝީދު:
ފެބުރްއަރީ ހަވަނަ ދުވަހުގެ ރޭ އެމްޑީޕީ އާއި އިދިކޮޅު އިއްތިހާދުން އާޓިފިޝަލް ބީޗްގައި މުޒާހަރާ ކުރަމުން ދަނިކޮށް އެތަނުން ފުލުހުން ފޮނުވާލަން ޕޮލިސް ކޮމިޝަނާ އަހުމަދު ފަސީހަށް ފުރަތަމަ އަމުރު ކުރެއްވީ އޭރުގެ ހޯމް މިނިސްޓަރު ހަސަން އަފީފެވެ. އެ އޯޑަރާއެކު ކޮމިޝަނާ ފުލުހުންގެ އޮޕަރޭޝަންސް ހެޑް އެ ސަރަހައްދަށް ފޮނުއްވި އެވެ. ނަމަވެސް އެ ހިސާބުގެ މަސްރަހު ރަނގަޅު ނޫންކަމަށް އެބޭފުޅާ ކޮމިޝަނާއަށް ރިޕޯޓްކުރެއްވި އެވެ. ނަމަވެސް ހޯމް މިނިސްޓަރުގެ ދެވަނަ އޯޑަރެއް ދެއްވީ ވެސް އެތަނުން ފުލުހުން ގެންދިޔުމަށެވެ.
މަސްރަހު ރަނގަޅު ނޫންކަމަށް ކޮމިޝަނާ ހޯމް މިނިސްޓަރަށް ދެންނެވި ކަމަށް ވެސް ކޮމިޝަންގެ ޓައިމްލައިން ބުނެ އެވެ. ފުލުހުން އެތަނުން ފޮނުވާލަންދެން ސީދާ އޯޑަރު ކޮމިޝަނާއަށް ކުރެއްވީ ރައީސް ނަޝީދު ކަމަށްވެސް ކޮމިޝަންގެ ހޯދުންތަކަށް އެނގެ އެވެ. ބީޗުން ފުލުހުން ގެންދިއުމުގެ ދެވަނަ އަމުރެއް ރައީސް ނަޝީދު ކުރެއްވި ކަމަށް ވެސް ޓައިމްލައިން ބުނެ އެވެ. އެ އަމުރުގައި ކޮމިޝަނާއަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށް ބުނަނީ "ފުލުހުންނަށް މިހާރު އިތުބާރު ނުކުރެވޭ!" ކަމަށެވެ.
އެ އަމުރާއެކު ސިފައިންގެ މާލޭ އޭރިޔާ ކޮމާންޑަރަށް ކޮމިޝަނާ ގުޅުއްވާ ފުލުހުން އެތަނުން ފޮނުވާލަން ޖެހިއްޖެ ކަމަށާއި ސިފައިން އެތަނަށް ފޮނުވުމަށް އެދިވަޑައިގަތެވެ. އަދި އެތަނުން ފުލުހުން ދިޔުމަށް ކޮމިޝަނާ ކޮމާންޑް ކުރެއްވި އެވެ. ނަމަވެސް ސްޕެޝަލް އޮޕަރޭޝަންސް ފުލުހުންގެ ޓެކްނިކަލް އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ފަރާތް އެ ކޮމާންޑަށް އިންކާރު ކުރައްވާ އެހެން ބަޔަކު އެތަނާ ހަވާލުވުމުން ދާނެ ކަމަށް ކޮމިޝަނާއަށް ދެންނެވި ކަމަށް ބުނެ އެވެ. އެ ހިސާބުން ފުލުހުންގެ ނުކިޔަމަންތެރިކަން ރައީސް ނަޝީދާއި ކުރިމަތިވެ ވަޑައިގަތެވެ.
ބީޗަށް ސިފައިން ފޮނުއްވީ އެއްވެސް ބޭފުޅަކާއި މަޝްވަރާ ނުކުރައްވާ މާލޭގެ ކޮމާންޑަރު އިބްރާހިމް ދީދީ އެވެ. ނަމަވެސް ރައީސް ނަޝީދު އިބްރާހިމް ދީދީއަށް އެންގެވީ އެމްޑީޕީގެ ސަޕޯޓަރުން އެތަނުގައި ހަމަނުޖެހުން ނުހިންގާނޭ ކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި ސިފައިން އަނބުރާ މަރުކަޒަށް ފޮނުވާލުމަށެވެ. އިބްރާހިމްދީ ހާލަތަށް ބަލައި ނިންމެވީސޯމިލާ ހިސާބަށް ސިފައިން ފަހަތައް ޖެއްސުމަށެވެ. އެ ގަޑީގައި ދެ ފަރާތުން ވަރުގަދަ ހަމަލާތައް ބަދަލުކުރި އެވެ.
ކޮމިޝަނާ ވަނީ މާކުރިން އިސްތިއުފާ ދެއްވަން ނިންމަވާފައި:
އެރޭގެ 11:00 އާއި 12:00 އާ ދެމެދު ކޮމިޝަނާ، މަގާމުން އިސްތިއުފާދެއްވަން ރައީސް ވަނީ އަންގަވާފަ އެވެ. ސަބަބަކީ ފުލުހުން އާޓިފިޝަލް ބީޗުން ފޮނުވާލަން ރައީސް ކުރެއްވި އަމުރު ފަސީހުގެ ޒަމީރު ގަބޫލު ނުކުރުމެވެ. އެހިސާބުން އިސްތިއުފާގެ ސިޓީ ލިޔުއްވުމަށް އެންގެވީ އެވެ. އެ އެންގުމަށް އިސްތިއުފާގެ ސިޓީ ތައްޔާރުކޮށް ސޮއި ކުރައްވަން މޭޒުމަތީގައި ބޭއްވެވި އެވެ.
ޓައިމްލައިންގައި އެ ދުވަހު 10:00 އަކާއި 1:00 ދެމެދު ފުލުހުންގެ ހެޑްކުއާޓަރުގެ އެތެރޭގައި ހިނގިކަންތައްތަކުގެ ތެރޭގައި ފުލުހުންގެ ކޮމާންޑް ފެއިލްވުމުން ދެން ފުލުހުންގެ ކޮމާންޑާައި ހަވާލުވުމަށް ފުލުހުންގެ އިސް އޮފިސަރުން ހެޑްކުއާޓަރުގެ ކޮންފަރެންސް ރޫމްގައި ބޭއްވި ބައްދަލުވުމުގައި ދެ އޮފިސަރަކު ވަޑައިގެން ފަސީހުއާއި ބައްދަލު ކުރެއްވެވި އެވެ. އަދި ބައްދަލު ކުރުމުމުގައި ފަސީހު އެދެ އޮފިސަރުންނަށް ވިދާޅުވެފައިވަނީ މާކުރިން އިސްތިއުފާދެއްވުމަށް ނިންމަވައިގެން ހުންނެވި ކަމަށެވެ.
ފުލުހުން ހައްޔަރު ކުރަން ސިފައިންގެ ގްރައުންޑް ކޮމާންޑަރުން ދެކޮޅުހެދި:
ފުލުހުންގެ އިސްވެރިންގެ އެންގުމަށް އަމަލު ނުކުރި ކޮމާންޑަރުން ހައްޔަރުކުރަން އެރޭގެ އެކަކާއި ދޭކާއި ދެމެދު ސިފައިންނާއި ފުލުހުންގެ އިސްވެރިން ނިންމި އެވެ. އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޑިފެންސް މިނިސްޓާ ތޮލްހަތު އިބްރާހީމް ކަލޭފާނެވެ. އޭރު އެސްއޯގެ ކުރީގެ ދެ އޮފިސަރަކާއި އަދި އެކަޑަމީގެ އޮފިސަރެއް ގެންދިޔައީ ޖުމްހޫރީ މައިދާނުގައި ތިބި ފުލުހުންގެ ތެރެއަށް ވަދެ ލީޑް ކުރަމުންނެވެ.
އޭރު "ބްލޫސް" ތިބީ ޑެޕިއުޓީ ކޮމިޝަނާ އެންގެވުމަށް ޝަހީދު ހުސެއިން އާދަމް ބިލްޑިންގުގެ ހޯލަށް ވަދެ އެވެ. ކޮމާންޑަރުން ތިބީ ވަކިކޮށްފަ އެވެ. އަދި ޑިފެންސް މިނިސްޓަރުގެ ކޮމާންޑަކަށް ފުލުހުންގެ އެސްއޯ ކޮމާންޑަރުން ހައްޔަރު ކުރުމަށް ސިފައިންގެ 10 މީހުންގެ ސްކޮޑެއް ޖުމްހޫރީ މައިދާނަށް ވަނެވެ. އެއާއެކު ދެން ތިބި ފުލުހުން ހުރަސް އަޅައި އަދި އެ ހަބަރު ލިބިގެން ފުލުހުންގެ ހެޑްކްއާޓަރުގައި ތިބި ބްލޫސް ވެސް ޖުމްހޫރީމައިދާނާ ގުޅުނެވެ. އަދި ކޮމާންޑަރުންވެސް ގޮސް ފުލުހުންނާއި ގުޅުނެވެ. އެއާއެކު ސިފައިންގެ ގްރައުންޑް ކޮމާންޑަރުން ފުލުހުން ހައްޔަރު ކުރަން އުނދަގޫ ވާހަކަ ބުންޏެވެ.
ކޮމާންޑަރުންނާ ޑިފެންސް މިނިސްޓަރާއި ސިފައިންގެ އިސްބޭފުޅުން ބައްދަލުކޮށް ނިންމީ ފުލުހުންނާއި މަޝްވަރާ ކުރާށެވެ. ނަމަވެސް އެ މަޝްވަރާތައް ކާމިޔާބެއްނުވި އެވެ. އަދި ހަތް ވަނަ ދުވަހުގެ ފަތިހު ފަހަކާއި ހަޔަކާ ދެމެދު ވެސް ސިފައިން ފުލުހުން ހައްޔަރު ކުރަން ނިކުތެވެ. ނަމަވެސް އެ ފައުޖު އެނބުރި ވަނީ އެވެ. އެ ފައުޖާ ރައީސް ބައްދަލު ކުރުމުން ފައުޖުގެ ކޮމާންޑަރުން ވަނީ ފުލުހުން ހައްޔަރު ކުރުމުގައި ރިޒަވޭޝަނެއް އޮތް ކަމަށް ވިދާޅުވެ ފަހަތަށް ޖެހިވަޑައިގެންފަ އެވެ. އަދި ރައީސް ނަޝީދު ވެސް އެގޮތާ އެއްބަސްވެ ވަޑައިގަތެވެ. އަދި ޑިފެންސް މިނިސްޓަރު އެހެން ކޮމާންޑަރެއް އިސްކުރެއްވި އެވެ.
ބަޑިތަކުން ވަޒަން ހުސްކޮށް ބަޑިގުދަން ނުޙުޅުވަން ވަނީ އަމުރުކޮށްފައި:
ފެބުރުއަރީ ހަތް ވަނަ ދުވަހު ސިފައިންގެ ބަޑި ގުދަނާއި ހަވާލުވެ ހުންނެވި އޮފިސަރުގެ އެންގުމަކާއި ނުލައި އެއްވެސް ފަރާތެއްގެ އެންގުމަށް ބަޑި ގުދަން ނުހުޅުވަން ވަނީ އަމުރުކޮށްފަ އެވެ. އަދި އޭރު ޑިއުޓީއަށް ތިބި ސިފައިންގެ ބަޑިތަކުން ވަޒަން ހުސްކޮށް ފޮރުވި އެވެ. އެކަން ހިނގީ އެރޭގެ ފަތިހު ހަތަރަކާއި ފަހަކާ ދެމެދު އެވެ. އިތުރު ތަފްސީލު ޓައިމްލައިނުގައި ހިމަނާފައެއް ނެތެވެ.
ޖުމްހޫރީ މައިދާނަށް ގޮސް ފުލުހުންނާ ބައްދަލުކުރަން ފަސީހަށް އެންގެވި:
ފެބުރުއަރީ ހަތެއްގެ ފަތިހު ފަހަކާއި ހަޔަކާއި ދެމެދު ރައީސް ނަޝީދު ވަނީ ކޮމިޝަނާ ފަސީހު ޖުމްހޫރީ މައިދާނަށް ވަޑައިގެން ފުލުހުންނާއި ބައްދަލު ކުރެއްވުމަށް އަންގަވާފަ އެވެ. ނަމަވެސް ފަސީހު ބަންޑާރަކޮށިން ނުކުމެ، ވަޑައިގަތީ ޝަހީދު ހުސެއިން އާދަމް ބިލްޑިންގަށެވެ. އަދި ޖުމްހޫރީ މައިދާނުގައި ފުލުހުންނާއި ބައްދަލު ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ފުލުހުން ހަތިޔާރު ބެހެއްޓުމަށް ފަހު އިސްކަންދަރު ކޮއްޓަށް ދާން ވެސް އެންގެވި އެވެ. ނަމަވެސް އެކަން ކާމިޔާބެއްނުވި އެވެ.
މައްސަލަ ހޫނުވި ގަޑީގައި ރައީސް އޮފީހުގައި ކެބިނެޓް ބައްދަލުވުމެއް:
ރައީސް މުހަންމަދު ނަޝީދުގެ އެދިވަޑައިގަތުމަށް ރައީސް އޮފީހުގައި ކެބިނެޓްގެ ސެޝަންއެއް ކުރިއަށް ގެންދަން ނިންމި އެވެ. އެކަން ކެބިނެޓުން ސެކްރެޓޭރިއަޓުން ކެބިނެޓަށް އެންގީ ފެބުރުއަރީ ހަތެއްގެ ހެނދުނު 9:00 އާއި 10:00 ދެމެދު އެވެ. ރައީސް އެދިވަޑައިގަތުމަށް އެ ޝެޝަން ޗެއާ ކުރެއްވީ އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) އެވެ. އަދި ރައީސް ނަޝީދާ ފޯނު މަޝްވަރާ ކުރެއްވުމަށް ފަހު ޑީޑީ ހުށަހެއްޅުއްވީ ހުރިހާ ޕާޓީތަކެއް އެކުވެގެން މައްސަލަ ހައްލުކުރަން ޖޮއިންޓް ސްޓޭޓްމަންޓެއް ނެރުމަށެވެ. ނަމަވެސް ކެބިނެޓްގައި ތިއްބެވި ބޭފުޅުން ރައީސް ނަޝީދު ވަޑައިގެން ނެތީސް އެފަދަ މަޝްވަރާއެއް ކުރަން އިންކާރު ކުރެއްވި އެވެ. އަދި ކޮންފަރެންސް ކޯލަކުން ރައީސް ނަޝީދު އެވަގުތު ކެބިނެޓާ މުހާތަބުކުރައްވާ އެމަނިކުފާނުގެ ހާލުކޮޅާއި ސިފައިންގެތެރެ ވެސް ރަނގަޅު ކަމަށް ވިދާޅުވި އެވެ. ރައީސް ޑރ. ޑީޑީ ގާތު ވިދާޅުވީ ޖޮއިންޓް ސްޓޭޓްމަންޓްގެ ކަންތައްތައް މާރިޔާ ދީދީ އާއި އިބްރާހިމް މުހައްމަދު ސޯލިހުއާ ގުޅުއްވައިގެން ކުރިއަށް ގެންދިޔުމަށެވެ. ނަމަވެސް އެބޭފުޅުންގެ ފަރާތުން ޖަވާބެއް ނުލިބުމުން އެކަން ކުރިއަށް ގެންދެވޭ ގޮތެއްނުވި އެވެ.
ފެބުރުއަރީ ހަތެއްގައި އިންޑިއާ ހައިކޮމިޝަނާ މުލޭގެ ދައުރު:
އިންޑިއާ ހައިކޮމިޝަނާ މުލޭ އެދުވަހު 10:00 އާއި 11:00 ދެމެދު ޑރ. ޑީޑީ އާއި އަބްދުﷲ ޔާމީނާއި އަދި އަހުމަދު ތަސްމީން އަލީއާ ބައްދަލު ކުރެއްވުމަށް މަސައްކަތް ކުރެއްވި އެވެ. އެ ބައްދަލުވުމުގެ މަގުސަދެއް ކަމަށްވެފައި އޮތީ ސިޔާސީ ލީޑަރުންނާއި ވާހަކަ ދައްކައިގެން ތިން ދުވަހުގެ މުހުލަތެއް ސަރުކާރަށް ހޯދައިދިނުމެވެ. ނަމަވެސް އެ ބައްދަލުވުމުގައި ތިއްބަވަނިކޮށް އިބްރާހިމް މުހައްމަދު ސޯލިހު ޔާމީނަށް ގުޅުއްވާ ރައީސް ނަޝީދު އިސްތިއުފާދެއްވަން ނިންމެވި ކަމަށް ވިދާޅުވި އެވެ. އެއާއެކު ޑރ. ޑީޑީ ރައީސް ނަޝީދަށް ގުޅުއްވާ އެއީ ތެދު ހަބަރެއްތޯ ސާފުކުރެއްވި އެވެ. އެކަމަކު އެ ސުވާލަށް ޖަވާބު ނުދެއްވާ ޔާމީނުގެ އަތްޕުޅަށް ފޯނު ދެއްވުމަށް ވިދާޅުވި އެވެ. ޔާމީނު އަރިހުގައި ރައީސް ނަޝީދު ވިދާޅުވީ އިސްތިއުފާ ދެއްވަން ނިންމެވި ކަމަށެވެ. އެހެންވެ އެ ބައްދަލުވުން ކުރިއަށް ގެންދެވޭ ގޮތެއްނުވި އެވެ.
ބަޑި ނުޖެހުމަށާއި ސިފައިން ހައްޔަރު ނުކުރަން ރައީސް އެންގެވި:
ފެބުރުއަރީ ހަތެއްގައި ސިފައިންގެ ޖެނެރަލަކު ވަނީ ފުލުހުން ޖުމްހޫރީ މައިދާނުން ފޮނުވާލަން ބަޑި ޖެހުން ނޫން ގޮތެއްނެތް ކަމަށް ރައީސަށް ދަންނަވައިފަ އެވެ. ނަމަވެސް އެއްވެސް ހާލެއްގައި އެކަން ނުކުރުމަށް ރައީސް އެންގެވި އެވެ. އަދި ފުލުހުންނާއި ގުޅެން ބައެއް ސިފައިން ބޭރަށް ނުކުންނަން ބޭނުން ވާހަކަ އާއި އެމީހުން ހައްޔަރުކުރަން ވީތޯ އިބްރާހިމްދީދީ ރައީސް އަރިހު ދެންނެވި އެވެ. ނަމަވެސް އެކަން ނުކުރުމަށް ވެސް ރައީސް އެންގެވި އެވެ. އެކަން ހިނގީ 11 އާއި 10 ދޭތެރޭގަ އެވެ.
ރައީސް ނަޝީދުގެ ގާނޫނީ ހައިސިއްޔަތާ ބެހޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅި:
ގައުމީ ޕާޓީން އިސް ނަގައިގެން ރައީސް ނަޝީދުގެ ގާނޫނީ ހައިސިއްޔަތާއި ގުޅޭ މައްސަލައެއް އެދުވަހު ވަނީ ސުޕްރީމް ކޯޓަށް ވައްދައިފަ އެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް ޓައިމްލައިނަކު ނުހިމެނެ އެވެ. އެކަންވެސް ހިނގީ 10 އާއި 11 ދެމެދު އެވެ.
ރައީސް ސިފައިންގޭގައި އުޅުއްވީ މަޖުބޫރެއްނެތި:
ޓައިމްލައިންގެ އެކި ހިސާބުތަކުން އެނގޭ ގޮތުގައި ރައީސް ނަޝީދު ސިފައިން ގޭގައި އުޅުއްވީ އެއްވެސް މަޖުބޫެރެއް އަދި ބިރު ދެއްކުމެއް ނެތި އެވެ. އެއީ އެދުވަހު ފުލުހުންނާ ބައްދަލު ކުރައްވަން ނުކުމެވަޑައިގަތުމުގެ ކުރިން ބަންޑާރަ ކޮށީގެ ތެރޭގައި ހިންގަވާ ސިފައިންގެ ގުރޫޕަކާއި ވާހަކަފުޅު ދައްކަވައި ހެއްދެވި އެވެ. އަދި ފުލުހުންނާ ބައްދަލުކުރައްވަން ނުކުމެވަޑައިގަތީ ސިފައިންގެ މަޝްވަރާއެއް ނެތި ކުއްލިއަކަށެވެ. އަދި އޭގެ ފަހުން 10 އާއި 11 ދެމެދު ބަންޑާރަ ކޮށީގެ ތިރިއަށް ފައިބައިވަޑައިގެން އެ ވަގުތު އެތަނުގައި ތިއްބެވި ޖޫނިއާ ސިފައިންގެ ގުރޫޕަކާއި ބައްދަލުކުރައްވާ ދެން ރައީސް ކަންތައް ކުރައްވަން ފެންނަނީ ކޮންގޮތަކަށްތޯ ސުވާލު ކުރެއްވެވި އެވެ. އެ ގުރޫޕުގެ ހުރިހާ ކުދިން ރައީސް އިސްތިއުފާ ދެއްވަން ފެންނަ ކަމަށް ބުނެ އަތްމައްޗަށް ނެގި އެވެ. އަދި ރައީސް އަރިހުގައި އޮފިސަރުންނާއި ޖެނަރަލުންނާއި ޗީފް އޮފް ސްޓާފް ތިއްބެވި ނަމަވެސް އެ މުއާމަލާތްތަކުގައި ބައިވެރިވެ ވަޑައެއްނުގަންނަވަ އެވެ.
އިސްތިއުފާގެ ސިޓީ ލިޔުއްވި އިރު ނާޒިމާއި ރިޔާޒް އަދި ފަޔާޒް ތިއްބެވި:
ޓައިމްލައިންގައި ބުނާގޮތުން އެއީ ދުވަހުގެ 12 އާއި އެކަކާ ދޭތެރޭގެ ވަގުތެކެވެ. ރައީސް ނަޝީދު އިސްތިއުފާ އިއުލާންކުރެއްވުމުގެ ކުރިން ރައީސް ނަޝީދު ޗީފް އޮފް ސްޓާފާއި އަދި ކެބިނެޓް ސެކްރެޓެރީއާއެކު ރައީސް އޮފީހުގެ ޣާޒީ މާލަމުގައި ހުންނަވަނިކޮށް މުހައްމަދު ނާޒިމާއި އާއި މުހައްމަދު ފަޔާޒް އަދި އަބްދުﷲ ރިޔާޒު އެމާލަމަށް ވަދެވަޑައިގަތެވެ. ނާޒިމް ރައީސް ނަޝީދުގެ އަރިހުގައި ދެންނެވީ އިސްތިއުފާގެ ސިޓީއާބެހޭ ގޮތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ސުވާލުކުރެއްވި ކަމަށެވެ. އަދި އެހެން ވިދާޅުވުމުން ރައީސް ނަޝީދު ސިޓީ ކޮބައިތޯ ކެބިނެޓް ސެކްރެޓަރީ ގާތުގައި އެއްސެވި އެވެ. ނަމަވެސް އެ ސިޓީ ތައްޔާރު ނުވާކަމަށް ވިދާޅުވުމުން އެ މަނިކުފާނުގެ ލެޓާ ހެޑާއި ގަލަމެއް ގެނައުމަށް އެންގެވި އެވެ. އަދި ގަލަމާއި ކަރުދާސް ގެނައުމުން އެ މާލަމުގައި ހުރި ޕޯޑިއަމެއްގައި ހުންނަވައި އަމިއްލަ އަތްޕުޅުން ސިޓީ ލިޔުއްވާ ސޮއި ކުރެއްވުމަށް ފަހު ކެބިނެޓް ސެކްރެޓަރީ އަތަށް ސިޓީ ދެއްވި އެވެ ރައީސް ނަޝީދު އިސްތިއުފާދެއްވި ސިޓީ މަޖިލީހަށް ހުށަޙެޅުއްވުމަށް އެ ސިޓީ ރައީސް އޮފީހުން ނެންގެވީ އަބްދުﷲ ރިޔާޒެވެ. އަދި އެ ސިޓީ ހިއްޕަވައިގެން ރިޔާޒް ވަޑައިގެން ހަވާލުކުރެއްވެވީ ފުލުސް އޮފިސަރަކާ އެވެ. އަދި އެ ސިޓީ މަޖިލީހާ ހަވާލުކުރީ ފުލުސް އޮފިސަރެކެވެ.