04 Apr 2024, 20:46
ސަރުކާރާ އިދިކޮޅު ފަރާތްތަކުން ކޮންމެ މައުޟޫއަކަށް ވެސް އަމިއްލަ ވާހަކަތަކެއް އުފައްދައިގެން ދައްކަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ އާންމު ރައްޔިތަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައެވެ. ހުސައިން ރަޝީދު ކުރި އެ ސުވާލުގައިވަނީ "ބޭރު ތެރެއިން ރައީސް ވަރަށް ބޮޑަށް އިތުރުފުޅު ހައްދަވާ ކަމަށް" އަޑުއިވޭތީ އެ ކަމުގެ ހަގީގަތް ރައީސްގެ އަރިހުން ސާފުކުރުމަށް އެދޭ ކަމަށެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އިދިކޮޅުން ދޮގު ހަދަމުންދަނީ މި ސަރުކާރުގެ މަސައްކަތްތަކާ ގުޅިގެން ދޭނެ ޖަވާބެއް ނެތުމުން ކަމަށެވެ. ރިޔާސީ އިންތިޚާބުން ފެށިގެން މިއަދާ ހަމަޔަށް އައިއިރު އެ މަނިކުފާނު ދެއްކެވި ވާހަކަތައް ލިޔުމުން ފެންނަން ހުންނާނެކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ އެ މަނިކުފާނު އެއްވެސް ކަމެއް ނުފޮރުވާނެ ކަމަށެވެ.
"އަޅުގަނޑު ދައްކާ ވާހަކައެއްވިއްޔާ މި ދައްކަނީ އިހުލާސްތެރިކަމާ އެކީގައި ހިތުގެ އަޑިން. ﷲ ދެނެވޮޑިގެންވާނެކަން ހަނދާނުގައި ބަހައްޓައިގެން، އަޅުގަނޑުގެ ލަޔާގަތާ ގާބިލިއްޔަތުކަން ތަންދިން އެންމެ ފުރިހަމައަކަށް ސަރުކާރުން އެ ކަން ކުރުމުގެ ނިޔަތުގައި،" ރައީސް ވިދާޅުވިއެވެ.
ނަމަވެސް އިދިކޮޅު އެ މަނިކުފާނުގެ ވާހަކަފުޅުތައް އޮޅުވާލައި، އާ ވާހަކަތަކެއް އުފަންކޮށްގެން ދައްކާ ކަމަށް ރައީސް ތުހުމަތުކުރެއްވިއެވެ.
"އުފަންކޮށްފައި އަޅުގަނޑު ދެއްކި ވާހަކައެއް މިވެނި ގޮތަކަށް އަޅުގަނޑު ބަދަލުކޮށްފި ކަމަށް ދޭހަކޮށްދޭން މަސައްކަތް ކުރަނީ. އެއީ އެކަން އެހިނގާ ގޮތަކީ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ތަނަކުން ވާހަކައެއް އިވުމުން އެ ވާހަކައެއްގެ ހަގީގަތް ބެލުމަކީ އެ މަނިކުފާނު އެދިވަޑައިގަންނަވާ ގޮތް ކަމަށާއި، ދީނުގައި ވެސް އެކަން އޮންނަނީ އެ ގޮތަށް ކަމަށެވެ. ކިތަންމެ މަތީ މަގާމެއްގައި ހުންނެވި ބޭފުޅަކު ދައްކަވާ ވާހަކައެއް ނަމަވެސް އެ ވާހަކައެއް ވަގުތުން ގަބޫލުނުކޮށް، ކަމުގެ ހަގީގަތް އަމިއްލައަށް ހޯދުމަށް ރައީސް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
އެމްޑީޕީ ސަރުކާރުން މުޅި ރާއްޖޭގައި ފެށި މަޝްރޫއުތައް، މި ސަރުކާރުން ވެރިކަމާ ހަވާލުވެ ހުއްޓައިލައިފައިވާ ކަމަށް ބުނެ، މިހާރުގެ އިދިކޮޅު އެމްޑީޕީން ދައްކާ ވާހަކަތަކަށް ރައީސް ވަނީ މީގެކުރިން ރައްދުދެއްވާފައެވެ.
އެ ގޮތުން އަންގާރަ ދުވަހުގެރޭ ހިޔާ ޕާކު ސަރަހައްދުގައި ބޭއްވި ޕީޕީއެމް, ޕީއެންސީ ޖަލްސާގައި ރައީސް ވަނީ މިދިޔަ ސަރުކާރުން ހުއްޓާލި މަޝްރޫއުތަކާއި މި ސަރުކާރުން މިހާރު ފަށައިގެން ކުރިޔަށް ގެންދާ މަޝްރޫއުތަކުގެ އަދަދުތަކެއް ހާމަ ކުރައްވާފައެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރު ބަދަލުވިއިރު އެކި ސަބަބުތަކާހުރެ ހުއްޓިފައިހުރި މަޝްރޫޢުތައް ހިމެނޭހެން 527 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަ ކުރިޔަށްދެއެވެ.