04 Apr 2024, 21:52
މީގެ ތިން އަހަރުކުރިން، 2021ވަނަ އަހަރުގެ ޑިސެމްބަރު، 12 ވަނަ ދުވަހު ރާއްޖެއަށް 119 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރި ހަތަރު މީހުން އެ މަސްތުވާތަކެތި އެތެރެކޮށް ވިއްކުމަށް ކުރި މަސައްކަތް ފުލުހުން މިއަދު ދައްކައިފިއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، މި މީހުންގެ މަސައްކަތް ސީސީޓީވީ ފުޓޭޖުން ދައްކައިފައެވެ.
އެގޮތުން 2021 ޑިސެމްބަރު ނުވަވަނަ ދުވަހު ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ އަލީ ޒުބައިރު ޗާންދަނީ މަގުގައި ހުންނަ ސޮނީ ސްޕޯޓްސް ފިހާރައިން ދެ ދަބަސް ގަނެފައިވެއެވެ.
މި ދަބަސް ގަނެގެން ގެންގޮސްފައިވަނީ މައްޗަންގޮޅި ކަނޑޫ ގެއަށެވެ. އެއަށްފަހު ޑިސެމްބަރު 10ވަނަ ދުވަހު ލޯކަލް މާރުކޭޓުން ތިން ފުޅިމަދު ފޮށިގަނޑު އޭނާ ގަނެފައި ވެއެވެ. މި ފޮށިތައް ވެސް ވައްދާފައި ވަނީ ކަނޑޫ ގެއަށެވެ.
އެއަށްފަހު މަސްތުވާތަކެތި ބަލައި ދިއުމަށް މި މައްސަލައިގައި ތުހުމަތު ކުރެވޭ ގދ ހޯނޑެއްދޫ، ދޯދި މުހައްމަދު އަކްރަމް އަބްދުލް ހައްނާން ޑިސެމްބަރު 10ވަނަ ދުވަހު 18:51 ހާއިރު މެރީ ބްރައުން ސަރަހައްދަށް ގޮސްފައި ވަނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ އަހްމަދު މުޖާހިދާ އެކުއެވެ.
ހަމަ އެރޭ 18:53 ހާއިރު ޒުބައިރު ކަނޑޫގެއަށް ވެއްދި ފުޅިމަދު ފޮށިތަކާއި ދަބަސްތައް ހިފައިގެން ޕިކަޕަކަށް އަރުވައިގެން މެރީ ބްރައުން ސަރަހައްދަށް ދިޔައެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ބަލައި ދަތުރުކޮށްފައި ވަނީ ޒުބައިރާއި އަކްރަމް އަބްދުލް ހަންނާނު ކަން ފުލުހުންނަށް ކަށަވަރު ވެފައި ވާކަމަށެވެ. އެއީ މި ދެމީހުންގެ ފޯންކޯލް ޑީޓެއިލްސްއަށް ބަލާއިރު އެރޭ 19:00އިން ފެށިގެން ޑިސެމްބަރު 12ވަނަ ދުވަހުގެ 06:00އަށް އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާތީއެވެ.
މި މީހުން މަސްތުވާތަކެތި ބަލާ ދަތުރުކޮށްފައި ވަނީ އަކްރަމް އަބްދުލް ހަންނާނު ގަނެފައިވާ "ބަންގާ" ނަމަކަށް ކިޔާ ލޯންޗެއްގައެވެ. މި މީހުން މަސްތުވާ ތަކެތި ހިފައިގެން އެނބުރި މާލެ އައިސްފައި ވަނީ ޑިސެމްބަރު 12ވަނަ ދުވަހުގެ 04:50 ހާއިރެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި މާލެއަށް މަސްތުވާތަކެތި އެތެރެކުރީ ރާއްޖޭގެ އިގްތިޞާދީ ކަނޑުގެ ސަރަހައްދުން ބޭރުންނެވެ.
ޑިސެމްބަރު 12 ވަނަ ދުވަހުގެ ފަތިހު 05:00 ހާއިރު މި މައްސަލައިގައި ތުހުމަތު ކުރެވޭ އަހްމަދު މުޖާހިދު ސައިކަލުގައި ގޮސް އައިޖީއެމްއެޗް ކައިރީ ހުންނަ އޭޓީއެމުން ފައިސާ ނަގައެވެ. އަދި ސައިކަލުގައި އިންޑަސްޓްރިއަލް ޒޯނަށް ގޮސް ފަސް ވަރަކަށް މިނިޓު ފަހުން ހުދު ކާރެއްގައި އިންޑަސްޓްރިއަލް ޒޯނުން ނުކުމެގެން ދާމަންޒަރު ފެނެއެވެ. މި ކާރުގައި އޭނާ މެރީ ބްރައުން ކައިރީ މަޑުކޮށް ކާރަށް އެއްޗެއް އެރުވުމަށް ފަހު ހުޅުމާލެ ދެއެވެ. މުޖާހިދު މި ކާރު ހުޅުމާލެ ރަބަރުގަސް މަގު ގޯޅި ތިނެއްގައި ޕާކުކޮށް، ޓެކްސީއެއްގައި އަނބުރާ މާލެ ދެއެވެ. މި ޓެކްސީގައި އޭނާ އިންޑަސްޓްރިއަލް ޒޯނަށް ގޮސް އެތަނުން ސައިކަލު ނަގައިގެން ދެން ދަނީ ގެއަށެވެ.
މުޖާހިދު މި ދަތުރުކުރީ ބޯކޮށް ވާރޭ ވެހޭ ދުވަހެއްގެ ފަތިހުގެ ވަގުތުގައެވެ. އެހެންކަމުން ފުލުހުން ގަބޫލުކުރަނީ މިއީ މަސްތުވާތަކެތި މާލެ ގެނައުމުން އެތަކެތި ފޮރުވަން ބޯވިއްސާރައިގައި މުޖާހިދު ކުރި ދަތުރެއް ކަމަށެވެ. މި ކާރަކީ މުޖާހިދު ދުއްވާ ކާރެއް ކަމަށް ވެސް ފުލުހުން ވަނީ ކަށަވަރު ކޮށްފައެވެ.
މި ދުވަހުގެ ފަތިހު 05:28 ހާއިރު އަކްރަމް އަބްދުލް ހަންނާނާއި ޒުބައިރު ކަނޑޫގެއަށް ދިޔަ މަންޒިރު ފުލުހުން ހޯދާފައި ވެއެވެ. ހަމަ މިދުވަހު ހަވީރު 16:04 ހާއިރު މި މައްސަލައިގައި ތުހުމަތު ކުރެވޭ އަހްމަދު ސުނައިން ހުދުމާ ފިހާރައަށް ގޮސް ދެ ދަބަސް ގަނެފައިވެއެވެ. މި ދަބަސް ގަނެގެން ސުނައިން ގޮސްފައި ވަނީ ކަނޑޫގެއަށެވެ.
އޭގެ ފަހުން މިދުވަހުގެ 18:16 ހާއިރު ޒުބައިރާއި ސުނައިނާ ދެމީހުން ޓެކްސީއެއްގައި މެރީ ބްރައުން ސަރަހައްދަށް ދެއެވެ. މާލޭ ދެކުނު ފަރާތު ބަނދަރު ސަރަހައްދު މެރީ ބްރައުން ކައިރިން T8977 ނަމްބަރު ޓެކްސީއަކަށް މަސްތުވާތަކެތި އަރުވައިގެން ދެ މީހަކު ދިޔަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް އެދުވަހު ލިބުނު މައުލޫމާތާ ގުޅިގެން ބުރުޒު މަގު، މައްޗަން ގޯޅި ބެރިއަންފަރުގެ ކަންމަތިން މި ޓެކްސީ ހުއްޓުވައި ސުނައިނުއާއި ޒުބައިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއައެވެ.
މި ޓެސްކީ ބަލައި ފާސްކުރުމުގެ ތެރެއިން ފޮއްޓަކާއި ބެކްޕެކެއް ފުލުހުން ބެލި އިރު، ފޮށި ތެރޭގައި ޑައިމޯފިންއަށް ޕޮޒިޓިވް 24 ރަބަރު ފެކެޓް އަދި ބެކްޕެކްއިން ޑައިމޯފިންއަށް ޕޮޒިޓިވް ހަތަރު ރަބަރު ޕެކެޓު ފެނިފައި ވެއެވެ.
އިތުރަށް ހޯދި ހޯދުންތަކުން ޒުބައިރު އާއި އަކްރަމް އަބްދުލް ހައްނާން ޑިސެމްބަރު 12 ވަނަ ދުވަހު ދުއްވި ޕީސީއެކްސް ސައިކަލު މެރީ ބްރައުން ޕާކިން ޒޯނުގައި ޕާކުކޮށްފައި ހުއްޓާ ފުލުހުން ހޯދިއެވެ. މީގެން ވަނީ ޑައިމޯފިންއަށް ޕޮޒިޓިވް ހަތަރު ރަބަރު ޕެކެޓު ހޯދާފައެވެ.
މި މައްސަލައިގައި ބަލައި ފާސްކުރި، މުޖާހިދު ދުއްވި ކާރުން ވެސް ޑައިމޯފިންއަށް ޕޮޒިޓިވް 46 ރަބަރު ޕެކެޓު ލާފައިވާ ފުޅިމަދު ތިން ފޮށިގަނޑާއި ޑައިމޯފިންއަށް ޕޮޒިޓިވް 40 ޕެކެޓު ލާފައިވާ ދެ ލަގެޖު ދަބަސް ފެނިފައިވެއެވެ.
މި މައްސަލައިގައި ފުލުހުން ތިން މީހެއްގެ މައްޗަށް ދައުވާ އުފުލިއެވެ. ނަމަވެސް ކުށް ސާބިތު ވެފައި ވަނީ އެންމެ މީހެއްގެ މައްޗަށް ކަން ފުލުހުން ފާހަގަ ކުރިއެވެ. އެއީ ޒުބައިރުއެވެ.
މިއީ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ އަރުޝަދު ޚާލިދުގެ ޑްރަގް ނެޓްވޯކަކުން ކުރި ވިޔަފާރިއެއްކަން ފުލުހުން ފާހަގަ ކުރިއެވެ.
އެގޮތުން 119 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރުމުގެ އެންމެ އިސްމީހަކީ ވެސް އެކަމަށް އިރުޝާދު ދީފައިވަނީ ވެސް އަރުޝަދު ކަމަށް ފުލުހުން ބުނެއެވެ.