ދިރާގު ދިވެހި ލީގުގައި މާޒިޔާ އާއި އީގަލްސް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުން މައްސަލައަކީ ނިންމާނުލެވުން ކަމަށް އެ ދެ ޓީމުގެ ކޯޗުން ބުނެފި އެވެ.

އީގަލްސްގެ ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ) ބުނީ އެއް ޕޮއިންޓް ލިބުމުން ހިތްހަމަ ޖެހޭ ކަމަށާއި އީގްލްސް ޓީމަށް ނިންމާލުމުގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށެވެ.

"މިއަދު ނޫނީ ކޮންމެ ދުވަހަކު ވެސް ގޯލެއް ޖަހަމުން މިއައީ. ދެން ވަރަށް ޒުވާން ކުޅުންތެރިއެއް ކުރިއަށް މި ކުޅެނީ. އޭނާ ކުޑަކޮށް ވަރުބަލިކޮށްހުރީ ލަންކާ މެޗަށް ފަހު. ނިންމާލުމުގެ މައްސަލަ އީގަލްސްއަށް ދިމާވެފައިވަނީ،" 12 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނާގައި އޮތް ޓީމުގެ ކޯޗު ބުންޏެވެ.

އީގަލްސް އަށްވުރެ އެއްޕޮއިންޓް މަދުން 11 ޕޮއިންޓާއެކު ހަތަރުވަނާގައި އޮތް މާޒިޔާގެ ކޯޗު އިސްމާއީލް މަހުފޫޒު (އިންމަ) ވެސް ބުނީ މޮޅުނުވެވެނީ ލަނޑު ނުޖެހިގެން ކަމަށެވެ.

"ފިނިޝިންގެ މައްސަލަ އެބައުޅޭ. އެ ލިބޭ ބޯޅަ ނިންމާލެވިގެން މޮޅެއްވެވޭނީ،" އިންމަ ބުންޏެވެ.

މިހެންވެ އެ ޓީމަށް މިހާރު ބިދޭސީ ދެ ފޯވަޑަކު ޓްރަޔަލަށް ގެނެސްފައިވާ ކަމަށް ވެސް އިންމަ ބުންޏެވެ. އެކަމަކު އީގަލްސް ސީޒަން ނިންމާލާނީ ބިދޭސީ ކުޅުންތެރިއަކު ނެތި ކަމަށް ސާންތީ ބުންޏެވެ.

ސާންތީ އަދި ބުނީ ގަދަ ހަތަރަކަށް ވަނުމަށް އީގަލްސްއަށް އެންމެބޮޑަށް ވާދަކުރަން ޖެހޭ ޓީމަކީ މާޒިޔާ ކަމަށްވުމުން އެ ޕްރެޝަރު ވެސް މެޗުން ފެނިގެންދިޔަ ކަމަށެވެ.

ލީގުގެ އެއްވަނާގައި ވަނީ އިއްޔެ ވިކްޓަރީއާ ބައްދަލުކޮށް ލަނޑެއް ނުޖެހި އެއްވަރުވި ނިއު އެވެ. އެ ޓީމަށް 18 ޕޮއިންޓް ލިބިފައިވާއިރު ވިކްޓަރީ އަށް ލިބިފައިވަނީ 17 ޕޮއިންޓެވެ.