04 Apr 2024, 11:59
އިންގްލިޝް ޕްރިމިއާ ލީގުގައި އާސެނަލް އާއި ލޫޓަން ޓައުން ބައްދަލުކުރި މެޗު އާސެނަލް ކާމިޔާބު ކޮށް ތާވަލްގެ އެއްވަނައަށް އާސެނަލް ކުރިއަށް ޖެހިލައިފިއެވެ.
އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު ސުން ލަނޑުންނެވެ.
މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލްއިންނެވެ. މި މެޗަށް އާސެނަލް އިން ނެރުނު ޓީމުގައި އަނިޔާގެ ސަބަބުން ބުކާޔާ ސާކާ ހިމެނިފައިނުވާއިރު ޑެކްލަން ރައިސް އާއި ގެބްރިއެލް ޖޭސުސް އަދި ޖޯޖީނިއޯއަށް އަރާމު ކުރުމަށް ވަގުތު ދިނުމުގެ ގޮތުން ޓީމުގައި ހިމަނާފައެއް ނުވެއެވެ.
މި މެޗުގައި އާސެނަލްއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ މެޗުގެ 24 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކައި ހަވާޓްޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކެޕްޓަން މާޓިން އެޑެގާޑްއެވެ. ކައި ހަވާޓްޒްގެ އެސިސްޓާއެކު އޭނާ މި ސީޒަންގައި މިހާރުވަނީ 12 ލަނޑު ޖެހުމުގައި ބައިވެރިވެފައެވެ. އެއީ އަށް ލަނޑު ޖަހާ ހަތަރު ލަނޑު ޖެހުމަށް އެޙީތެރިވެފައިވުމުންނެވެ. މިއީ އެއް ސީޒަނެއްގައި ހަވާޓްޒްގެ ފަރާތުން އޭނާ ކުޅުނު ކްލަބަކަށް އެންމެ ބޮޑަށް ލަނޑު ޖެހުމުގައި ބައިވެރިވެފައިވި ސީޒަންއެވެ.
މި މެޗުގައި އާސެނަލްއިން ކާމިޔާބު ކުރި ދެވަނަ ލަނޑަކީ މެޗުގެ 44 ވަނަ މިނެޓުގައި ލޫޓަންގެ ޑިފެންޑާ ޑައިކީ ހަޝިއޯކާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މި މެޗުގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު އާސެނަލްއަށް ލިބިގެން ދިޔަ ނަމަވެސް ލޫޓަންއިން ވަނީ ދެ ޓީމުގެ މެދުގައިވި ފަރަގު މާބޮޑުވިޔަ ނުދީ ހިފަހައްޓާލާފައެވެ. އަދި އެ ޓީމަށް ވެސް މި މެޗުގައި ލަނޑު ޖަހާނެ ފުރުސަތު ލިބިފައިވާކަން ފާހަގަ ކޮށްލެވެއެވެ.
މި ކާމިޔާބީއާއެކު އާސެނަލް މިހާރު އުޅެނީ ކުޅުނު 30 މެޗުން ލިބިފައިވާ 68 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. ކުރިން އެއްވަނައިގާ އޮތް ލިވަޕޫލް މިހާރުވަނީ ތާވަލްގެ ދެވަނައަށް ވެއްޓިފައެވެ. ނަމަވެސް މި ހަފުތާގައި ލިވަޕޫލް ކުޅޭ މެޗު ކާމިޔާބު ކޮށްފި ނަމަ އަނެއްކާވެސް ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުސަތު ލިވަޕޫލަށް ލިބިގެންދާނެއެވެ.
ލިވަޕޫލަށް މިހާރު އޮތީ 67 ޕޮއިންޓާއެކުއެވެ. އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށްވަނީ 30 މެޗުން 67 ޕޮއިންޓް ލިބިފައެވެ. މިއާއެކު މިސީޒަންގައި ލީގު ކާމިޔާބު ކުރާ ޓީމެއް ކަނޑައެޅުމުގައި ފައިދާ ގޯލަށް ބަލަން ޖެހިދާނެކަމަށް ދެކޭ ފަރާތްތައްވެސް މަދެއް ނޫނެވެ. ފައިދާ ގޯލަށް ބަލާއިރު މިވަގުތު ފައިދާ 48 ގޯލާއެކު ކުރީގައި އުޅެނީ އާސެނަލްއެވެ. ފައިދާ 40 ގޯލާއެކު މިބައިން ދެވަނައިގާ އުޅެނީ ލިވަޕޫލެވެ. އަދި ސިޓީ އަށް ލިބިފައިވަނީ ފައިދާ 38 ގޯލެވެ.