06 Jun 2012, 17:20
ގައުމުގައި ހިންގާ މާރާމާރީ އާއި ހަމަނުޖެހުން ހުއްޓުވުމަށް މަރަށް، މަރުގެ އަދަބު ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އަނެއްކާ ވެސް ގޮވާލައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފު ވިދާޅުވީ، މިހާރު ގައުމުގައި ހިނގާ މީހުން މެރުމާއި މާރާމާރީ އާއި ތަޅާ ފޮޅުމުގެ އަމަލުތައް ހުއްޓުވުމަށް، މީހުންމަރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ގޮވާލައްވާ ކަމަށެވެ. އަދި ސިޔާސީ ކަންކަން އެއްފަރާތް ކުރުމަށް ފަހު އެކަންކަމާ ގުޅުން ހުރި ގާނޫނުތައް ނިންމުމުގައި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުން އެކުވެރިކަމާ އެކު މަސައްކަތް ކުރުމަށް ވެސް މަހްލޫފު އެދިވަޑައިގެންނެވި އެވެ.
"ގައުމުގައި މާރާމާރީ އާއްމުވެ މާލޭގެ މަގުތަކުގައި މީހުން ކަތިލަމުން މަރަމުން މީހުން ގަޔަށް ވަޅިހަރަމުންދާ އިރު މަޖިލީހުގެ ކޮންމެ މެންބަރަކު ވެސް ވަރަށް ސީރިއަސްކޮށް ވިސްނަން ޖެހޭ. އެހެން މަސައްކަތް ހުއްޓާލައިފައި އެންމެންވެގެން މަޖިލީހުގައި އެކަމަށް ޓަކައި ހުރި ބިލްތައް އެބަ ނިންމަން ޖެހޭ. އަޅުގަނޑުމެންނަށް މުހިއްމީ ޝާހިދުގެ ނޯކޮންފިޑެންސް ވޯޓެއް ނޫން. އަޅުގަނޑުމެންނަށް މިއަދު މުހިއްމީ 7 ފެބްރުއަރީގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވީތޯ ނުވަތަ ބަޣާވާތެއްތޯ ބަލާކަށް ނޫން. އަޅުގަނޑުމެންނަށް މިއަދު މާ މުހިއްމު ގައުމުގައި މިހިރަ އިޖްތިމާއީ މައްސަލަތަކަށް ހައްލެއް ހޯދުން. މީހުން މަރުވެގެންދާ އަދަދު އިންތިހާއަށް މައްޗަށްގޮސްފައި މިވަނީ،" މަހްލޫފު ވިދާޅުވި އެވެ.
މަހްލޫފު ވިދާޅުވީ މީހުން މެރުމާއި މާރާމާރީ އާއި ތަޅާ ފޮޅުން ފަދަ އިޖުތިމާއީ ބޮޑެތި މައްސަލަތައް ހުއްޓުވަން ބޭނުންވާ މުހިއްމު ބިލުތަކެއް މަޖިލީހުގެ ކޮމިޓީތަކުގައި އެބަހުރި ކަމަށެވެ. އަދި ސިޔާސީ ކަންކަމުން އެއްކިބާވެ ހުރިހާ މެންބަރުންވެގެން އެ ބިލްތައް ފާސްކޮށްފި ނަމަ ރައްޔިތުން ބޭނުންވާ ފަދަ ނަތީޖާ ނެރެވޭ ތަނަކަށް ރައްޔިތުންގެ މަޖިލިސް ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަރަށް މަރުގެ ބިލު މިހާރު ވެއްޖެ ކޮމިޓީ ސްޓޭޖުގައި ހެތްކާބެހޭ ބިލު ވެއްޖެ، ޖިނާއީ އިޖްރާއަތުގެ ގާނޫނުވެއްޖެ. އަދި މީގެ ކުރިން މަޖިލީހުގައި ސަން ސެޓްގެ ގާނޫނަށް މަޝްވަރާކޮށް އެ ދުވަހު އެކިއެކި މައްސަލަތަކާ ހެދި ސިޔާސީ ގޮތުން އެއްބަޔަކު އަނެއް ބަޔަކަށް އިތުބާރު ނުކުރުމުގެ ސަބަބުން އެބިލް ވަނީ ކޮމިޓީއަކަށް ފޮނުވައިފައި. އޭގެ ފަހުން އެކަމަކާ އެއްވެސްބަޔަކު ނޫޅެ. ސިޔާސީ ކަންކަން އެއްފަރާތްކޮށްފައި ވެސް އެކަން ކުރެވިއްޖެ ނަމަ މަޖިލީހަކީ ނަތީޖާ ނެރެވޭ ތަނެއްކަމަށް ރައްޔިތުންނަށް ފެނިގެންދާނެ،" މަހްލޫފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މަރަށްމަރުދޭގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސް ނުވެއްޖެނަމަ އެކަމަކީ ރައްޔިތުން ތާއީދުކުރާ ކަމެއްތޯ ބެލުމަށް ފެންނަނުފެންނަވޯޓަކަށް ދިއުމަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވީ މާލޭގައި ހިންގާ މީހުން މެރުމާއި މާރާމާރީ އާއި ތަޅާފޮޅުން ހުއްޓުވުމަށް ކާފިއު ހިންގަން ޖެހިފައިވާ ކަމަށެވެ.
"ހެދިފައިވާ މިނިވަން މުއައްސަސާތައް ވެސް ވަކި ސަރުކާރުތަކެއްގެ ގޮތުގައި އޮޕަރޭޓްވަމުން މިދަނީ. މިއަދު އަޅުގަނޑުމެންނަށް ފެންނަނީ އެގޮތް. ދިވެހި ރާއްޖޭގެ ޅަދަރިން މަރުވެގެން މަގުމައްޗަށް ވެއްޓެނީ. އަޅުގަނޑުމެން ޒިންމާ އުފުލަން އެބަޖެހޭ ކަންތައްތަކުގައި. އެކަންކަމާ ހަވާލުވެފައިވާ ފަރާތްތަކުން އެބަ ޖެހޭ ކާފިއު ހިންގަން ރާއްޖޭގައި. ހަވީރުއްސުރެން އަނެއްދުވަހު ހެނދުނު ހަޔަކާ ހަމައަށް ކާފިއު ހިންގަން އެބަޖެހޭ. ހައެއްކަ މަސް ދުވަސްވާންދެން ކާފިއު ހިންގާފައި މި މައްސަލަތައް ބެލެން އެބަ ޖެހޭ. ފުލުހުންގެ ޒިންމާ އަދާ ކުރުމުގައި ދަތިތަކެއް ހުރެއްޖެ ކަމަށް ވަންޏާ އެކަން މިއަދު މި މަޖިލީހުން ބަލަންވީ." ޖާބިރު ވިދާޅުވި އެވެ.