ކުޅިވަރުގެ ދާއިރާއަށް އެކި ކަހަލަ ކަންތައްތައް ފަހިކޮށްދިނުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭން ތެރޭގައި ސްޕޯޓްސް އެރީނާތައް އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި ވާހަކަފުޅާ ގުޅޭގޮތުން ޅ. މާޅެންދޫ މުހައްމަދު ނިޝަމް ކުރި ސުވާލަށް ދެއްވި ޖަވާބުގައެވެ.

ރައީސްގެ ޖަވާބުގައި އޭނާ ސުވާލުކޮށްފައިވަނީ ރައީސްގެ ވައުދުފުޅާ އެއްގޮތަށް، އެ ސްޕޯޓްސް އެރީނާތައް ފެންނާނެ ދުވަހެއް ސާފުކުރުމަށެވެ.

މި ސުވާލަށް ދެއްވި ޖަވާބުގައި ރައީސް ވިދާޅުވީ ކުޅިވަރަށް ހާއްސަ ވުޒާރާއެއް މި ސަރުކާރުން އުފެއްދީ ވެސް ކުޅިވަރަށް ވަރަށް ބޮޑު އިސްކަމެއްދޭތީ ކަމަށެވެ.

"ކުޅިވަރު ކުޅެވޭނެ އެކިއެކި ވަސީލަތްތައް ގާއިމްކޮށްދިނުމާއި، ކުޅިވަރު ކުޅޭ ފަރާތްތަކަށް އެކި ކަހަލަ ކަންކަން ފަހިކޮށްދިނުން، އެއީ ފަރުވާ ގޮތުން ކަމަށް ވިޔަސް، ތަމްރީނުގެ ގޮތުން ކަމުގަ ވިޔަސް، މި ކަންކަން ފަހިކޮށްދިނުމަކީ އަޅުގަނޑުމެންގެ ވަރަށް މުހިންމު ސިޔާސަތެއް،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ ކުޅިވަރުކުޅޭނެ ތަންތަން އަޅައިދިނުމާ ގުޅޭ ގޮތުން ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް ރަށްތަކުގައި މަސައްކަތްތައް ކުރިއަށް އެބަދާ ކަމަށެވެ. އެ ގޮތުން ސްޕޯޓްސް އެރީނާއާއި ވަކިވަކި ކޯޓުތައް އެޅުމަށް މި އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ހިނގާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ރޭ ހުޅުމާލޭގެ ހިޔާ ސަރަހައްދުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ސަރުކާރުގެ މަޝްރޫއުތަކާ ގުޅޭ މައުލޫމާތު އަދަދުތަކުން ހިއްސާ ކުރައްވާފައެވެ.

އެ ގޮތުން އެކި ކަހަލަ ދަނޑުތަކާ ކޯޓުތައް ހެދުމުގެ މަޝްރޫއުތަކުގެ ތެރެއިން 84 މަޝްރޫއެއް ހުއްޓިފައި އޮއްވައި މި ސަރުކާރުން އޭގެ ތެރެއިން 71 މަޝްރޫއެއް ފަށައި، ބައެއް މަޝްރޫއު ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރު ވެސް އޭގެ ތެރެއިން 48 ރަށެއްގައި ކުޅިވަރު ދަނޑުތަކުގެ މަޝްރޫތައް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.