މިހާރުގެ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން، ރާއްޖެއަށް ކޮމިޔުނިޒަމް ގެންނަން މަސައްކަތް ކުރާކަމަށް ތުހުމަތުކޮށް ކާށިދޫ ދާއިރާގެ މެމްބަރު، އަދި މިހާރުގެ ސަރުކާރުގެ ޖެންޑާ މިނިސްޓަރުގެ ފިރިކަލުން އަބްދުﷲ ޖާބިރު މަޖިލީހުގައި ވާހަކަފުޅު ދައްކަވައިފި އެވެ.

ސަރުކާރާ ގުޅިފައިވާ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މީގެ ކުރިން ރާއްޖެއަށް ޑިމޮކްރެސީ ގެނައި ކަމަށާއި ނަމަވެސް އެ ނިޒާމް ރަނގަޅަށް މަސައްކަތްކޮށްފައިނުވާ ކަމަށެވެ.

"ރާއްޖެއަށް އަޅުގަނޑުމެން ޑިމޮކްރަސީ ގެނައިމަ އެއެއް ވޯކެއް ނުކުރި! ދެން ކޮމިއުނިސްޓް އުސޫލު ރާއްޖޭގައި ހިންގުމަށްޓަކައި މި މަޖިލީހުން މަސައްކަތް ކުރަމުންދާތަން، އަދި ސަރުކާރުން މަސައްކަތް ކުރަމުންދާތަން މި ފެންނަނީ. އަޅުގަނޑުމެން އެބަޖެހޭ މިހާރުން މިހާރަށް ފިޔަވަޅުތަކެއް އަޅަން،" ޖާބިރު ވިދާޅުވި އެވެ.

ސަރުކާރުގެ އިގްތިސާދީ އެޖެންޑާއެއް އެކުލަވާލައި ހާމަކޮށްފައިނުވާތީ ވެސް ޖާބިރު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ވިދާޅުވީ، ސަރުކާރުގެ އިގްތިސާދީ އެޖެންޑާއެއް ނެތުމުގެ ސަބަބުން ގައުމުގެ މީޒާން ހަމަހަގަށް ނޭޅިދާ ކަމަށެވެ.

ޖާބިރަކީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރު ޓްރޭޑް ރެޕްރެޒެންޓެޓިވްގެ މަގާމާ ހަވާލުވެ ވަޑައިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިސްތިއުފާ ދެއްވެވި ވިޔަފާރިވެރިއެކެވެ.

"މިއަދު ބަލަންވީ އިގްތިސާދީ ގޮތުން ގައުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރެވޭނެ ގޮތްތަކެއް. މާލިއްޔަތު ކޮމިޓީ އާއި މި މަޖިލީހުގެ މެމްބަރުން މަސައްކަތްކޮށްގެން އެ ކަންކަމަށް ގޮތްތަކެއް ހޯދަންވީ. މިއަދު އެ ގޮތްގޮތް ނުހޯދައި އަދިވެސް ގައުމުގެ ޚަރަދު ބޮޑުވާނެ ގޮތަށް ކަންކަން އަޅުގަނޑުމެން މިތާތިބެގެން ކޮށްގެން ނުވާނެ. އަޅުގަނޑުމެންނަށް ލިބޭ ރުފިޔާ އަށް ވަނީ ކިހިނެއްތޯ؟" ޖާބިރު ސުވާލު ކުރެއްވެވި އެވެ. "ކޮންމެ ސިޔާސީ ޕާޓީއެއް ވެރިކަމުގައި ނިމިގެންދާއިރުގަ އެ ސިޔާސީ ޕާޓީ ވެރިކަންކުރުމުގެ އޮޑިޓެއް ހަދަންވީ. އޮޑިޓްކުރުމަށް ފަހުގައި އެ ކުރި ރަނގަޅު ކަމެއް އޮތިއްޔާ ރަނގަޅު ވާހަކަ ދައްކަންވީ. ކުރި ގޯސްކަމެއް އޮތިއްޔާ އެ ގޯސް ކަމުގެ ވާހަކަ ރައްޔިތުންނަށް އެބަ އެނގެންޖެހޭ. މިއަދު ސަރުކާރަށް އައިސްތިބި މީހުން އެކަންކަން ނުކޮށް އިގްތިސޯދީ އެޖެންޑާއަކީ ނުބުނެ އަދިވެސް އަޅުގަނޑުމެން ކަންތައްތައް ކުރަންވީ އިސްރާފްވާ ގޮތަށްކަމަށް ވަންޏާ އެއީ މައްސަލައެއް،"

އޭނާ ވިދާޅުވީ ސަރުކާރާ ގުޅިފައިވާ އިއްތިހާދުގެ 46 މެމްބަރުން މަޖިލީހުގައި ތިއްބެވި އިރު، އިގްތިސޯދީ ކަންކަން ހަމަޖެއްސުމަށްޓަކައި ގާނޫނުތަކެއް ފާސްކުރަންޖެހޭ ކަމަށެވެ.

"އަަޅުގަނޑުމެންވީ އިގްތިސާދީ އެޖެންޑާއެއް ރައްޔިތުންނަށް ކިޔައިދޭން. އަދި އެ އެޖެންޑާއާ ގުޅިގެން މި އިއްޒަތްތެރި މަޖިލީހުން ހަމަޖައްސަންޖެހޭ ގާނޫނުތައް ހަމަޖައްސަން،"

މަޖިލީހުގެ ކޯރަމް ގެއްލިގެން ޖަލްސާ ކުރިއަށްނުދާ މައްސަލާގައި ވެސް ޖާބިރު ވަނީ ބަސް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި އެވެ: "ހަތްދިހަ ހަތް މެންބަރުން ތިބޭ އިރުގައި މިއަދުވެސް ޖަލްސާ ނުބޭއްވި މި ދަނީ. އަޅުގަނޑު ގޮވާލަން ރައްޔިތުނަށް މަޖިލީހުގަ ކެއުމާއި ބުއިމާއި މި ކަންތައްތައް އިންތިޒާމު ވެފައިވާ ގޮތް ބަލަން ރައްޔިތުން އައުމަށް. މިހާ ޒިނަމާދާރުކަން ކުޑަކޮށް އަޅުގަނޑުމެން މިތާ މަސައްކަތްކުރަމުންދާއިރުގަ ގިނަ މެންބަރުންތަކެއް އިހްމާލުވަމުން މިދަނީ ރައްޔިތުން އިންތިހާބުކޮށްފަތިބި. ކޮންމެ ޕާޓީއަކުން ވެސް މަސައްކަތް ކުރަމުން މިދަނީ 2013 އަށް ހޮވުމަށްޓަކައި ކުރާ މަސައްކަތް،"