މަސްވެރިން ބާނާ މަސް ތާޒާކަމާ އެކު ބެހެއްޓުމަށް އޮޑިފަހަރުގައި މަސްފިނިކުރާ ނިޒާމާއި އައިސްޕްލާންޓް ގާއިމްކުރަން ހަ މިލިއަން ރުފިޔާގެ ލޯނަށް އެދުމުގެ ފުރުސަތު އަންނަ ހަފުތާގެ ތެރޭގައި ހުޅުވާލާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން އިންތިޒާމުކޮށްގެން ސަރުކާރުގެ ވުޒާރާތަކުގެ މައުލޫމާތު މީޑިއާ އަށް ދިނުމަށް ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝަފީއު މިއަދު ވިދާޅުވީ މަސްވެރިން ބާނާ މަސް ތާޒާކުރުމުގެ ގޮތުން އިތުރު އައިސް ޕްލާންޓުތައް ގާއިމުކުރުމަށް ބޭނުންވާ މަސްވެރިކަމުގައި ހަރަކާތެރިވާ ފަރާތްތަކަށް އެ މިނިސްޓްރީގެ ރިވޯލިން ފަންޑުން ލޯން ދޫކުރަން ހަމަޖައްސާފައިވާ ކަމަށާއި އެ ފުރުސަތު ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ހުޅުވާލާނެ ކަމަށެވެ.

"ކަންނެލީގެ މަސްވެރިކަން ވިޔަސް އަދި ކަޅުބިލަ މަހުގެ މަސްވެރިކަމަށް ވިޔަސް ގަންނަ ފަރާތްތަކުން ބަލައިގަންނަނީ "އޭ "ގްރޭޑްގެ މަސް. އެހެންވީމާ އައިސް ލިބޭ ގޮތްތައް ވަރަށް ބޮޑަށް ފަހިކޮށްދެން ޖެހޭ. އެގޮތުން މިހާރު މިނިސްޓްރީގެ އެހެން މަޝްރޫއެއްގެ ދަށުން ހަމެޖިފައި އޮންނަ ރިވޯލިން ފަންޑުގެ ދަށުން އިތުރު އައިސް ޕްލާންޓުތައް ގާއިމުކުރުމަށް. އޭގެ ތެރޭގައި ރަށްރަށުގައި ގާއިމުކުރެވޭ އައިސް ޕްލާންޓުތަކާއި އަދި އަޖުމަ ބެލުމުގެ ގޮތުން ބައެއް ދޯނިފަހަރުގައި މަސްފިނިކުރުމުގެ ނިޒާމު ގާއިމްކުރެވޭ ގޮތަށް ލޯނުގެ ފުރުސަތު ހުޅުވާލަން ގަސްތު ކޮށްފައި ވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ އެފަދަ ނިޒާމެއް ގާއިމުކުރުމަށް ބަލާ އިރު ހަ މިލިއަނެއްހާ ރުފިޔާ އަކީ މާގިނަ ފައިސާ އަކަށް ނުވި ނަމަވެސް އެ މަޝްރޫއަށް ބޭނުންވާ އިތުރު ފައިސާ އަދިވެސް އެކިއެކި ޕްރޮޖެކްޓްތައް މެދުވެރިކޮށް ލިބޭތޯ މަސައްކަތްކުރައްވަމުން ގެންދަވާނެ ކަމަށެވެ.

އައިސްޕްލާންޓް ބަހައްޓަން ޝައުގުވެރިވާ ފަރާތްތަކަށް ލޯނު ދޫކުރާ އިރު ވަކިރަށެއް މިނިސްޓްރީން ކަނޑަނާޅާނެ ކަމަށާއި ނަމަވެސް އެންމެ ދަތިކޮށް އައިސް ލިބޭ ސަރަހައްދުތަކުގައި އައިސް ޕްލާންޓް ބެހެއްޓުމަށް ފުރުސަތު ދެއްވަން ގަސްތުކުރައްވާ ކަމަށް ޝަފީއު ވިދާޅުވި އެވެ.

ސްޓޭޓް މިނިސްޓަރު ހުސައިން ރަޝިދު ހަސަން ވިދާޅުވީ ރާއްޖޭގެ މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އައިސް ނުލިބުމުގެ ސަބަބުން މަހުގެ ކޮލިޓީ ދަށްވުމުގެ މައްސަލަ ކަމަށާއި މަސްވެރިން ބާނާ މަހުގެ ތެރެއިން ރާއްޖެ އިން ބޭރަށް ފޮނުވާ މަހުގެ 17 ޕަސަންޓް މަސް ރިޖެކްޓުވެގެން ދިއުމަކީ އިގްތިސާދަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ވެސް ލޯނުދޫކޮށްގެން ހަތަރު ރަށެއްގައި 10 ޓަނުގެ ހަތަރު އައިސް ޕްލާންޓެއް ގާއިމުކޮށްފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި ޝަފީއު ވިދާޅުވީ މަސްވެރިންނަށް ސަބްސިޑީ ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ 100 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކުރާނެ ގޮތަކާ މެދު މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަން އެނގިވަޑައިގެންފައިވާ ކަމަށާއި ސަބްސިޑީ ހޯދުމަށް އެދޭ މަސްއޮޑިފަހަރު ރަޖިސްޓްރީކުރުމަށް ހުޅުވާލާފައިވާ ފުރުސަތު ހަމަވުމާ އެކު މާލިއްޔަތު ކޮމިިޓީން ސަބްސިޑީ ބަހާނެ މިންގަނޑު ފާސްކުރުމަށް ފަހު އެ މިނިސްޓްރީ އަށް ފޮނުވިހާ އަވަހަކަށް މަސްވެރިންނަށް ފައިސާ ދޫކުރަން ފައްޓާނެ ކަމަށެވެ.

ސަބްސިޑީ ދިނުމުގައި އޮޑިފަހަރު ގިންތިތަކަކަށް ބަހާލައިގެން މީގެ ކުރިން ސަބްސިޑީ ދޫކުރި ނަމަވެސް މިފަހަރު ސަބުސިޑީދޭ އިރު މަސްދޯނީގައި އަޅާފައިވާ އިންޖީނުގެ ހޯސްޕަވަރަށް ބެލުމަަށް ފަހުތެޔޮ އަނދާނެ މިންވަރަށް ފައިސާ ދޫކުރާ ގޮތަށް މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި މިނިސްޓްރީން އެދިފައިކަމަށް ވެސް ޝަފީއު ވަނީ ވިދާޅުވެފަ އެވެ.


"ސަބްސިޑީ އަށް ފައިސާ ދޫކުރުމުގައި ތެލަށް ފައިސާ މިދޫކުރެވެނީ ތެލަށް ހަރަދުކުރުމުން އޭގެ ބިލްތައް ހުށައެޅުމުން ވީހާވެސް އަވަހަކަށް ފައިސާ ދޫކުރެވޭނެ. ފައިސާ އެއްވެސް ފަރާތެއްގައި ނުހިފެހެއްޓި ދޫކުރެވޭނެ ގޮތް ބަލައިގެން އަޅުގަނޑުމެން ކުރިއަށް ގެނެދެވޭނެ ގޮތެއް މިބަލަނީ. އެއީ 15 ދުވަހުން 15 ދުވަހު ބިލްތައް ވެސް އެއްކޮށްލާފައި ފޮނުވާލިހާ އަވަހަކަށް ފައިސާ ދިނުން،" ޝަފީއު ވިދާޅުވި އެވެ.

މިހާތަނަށް މަސްދޯނިފަހަރު ސަބްސިޑީ އަށް ރެޖިސްޓްރީ ކުރުމަށް އެދި 400 އަށް ވުރެ ގިނަ ފޯމް ނަގާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފަ އެވެ.