ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން މުޅި ރާއްޖޭގައި ފެށި މަޝްރޫއުތައް، މި ސަރުކާރުން ވެރިކަމާ ހަވާލުވެ ހުއްޓައިލައިފައިވާ ކަމަށް ބުނެ، މިހާރުގެ އިދިކޮޅު އެމްޑީޕީން ދައްކާ ވާހަކަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މިރޭ އަދަދުތަކުން ރައްދު ދެއްވައިފިއެވެ. .

އެ މަނިކުފާނު އިދިކޮޅަށް ރައްދު ދެއްވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކު ސަރަހައްދުގައި މިރޭ ބޭއްވި ޕީޕީއެމް, ޕީއެންސީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި މިދިޔަ ސަރުކާރުން މަޝްރޫތައް ހަވާލުކުރުމުގައި ހަދާފައިވަނީ "ވަން ސައިޑެޑް އެގްރިމެންޓް" ތަކެކެވެ. އަދި އެއީ ސަރުކާރަށް ގެއްލުންވާ ގޮތަށް، އަދި އަމިއްލަ ފަރާތްތަކަށް އޭގެ މަންފާކުރާ ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރުގައި ބާރު ސްޕީޑުގައި ކުރިޔަށް ގެންދިޔަ މަޝްރޫއުތައް މި ސަރުކާރުން ހުއްޓާލީ ކަމަށް ބުނެ ދައްކާ ވާހަކައަށް ރައީސް ވަނީ މިރޭ އަދަދުތަކުން ރައްދު ދެއްވައިފައެވެ.

އެ ގޮތުން މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެނާ ނަރުދަމާގެ 27 މަޝްރޫއެއް އޮތީ ހުއްޓިފައި ކަމަށް ރައީސް ވިދާޅުވިއެވެ. މި ސަރުކާރުން އަލުން އެ މަޝްރޫއުތައް ފަށައި، ޖުމްލަ 74 ފެނާ ނަރުދަމާގެ މަޝްރޫއު ހިނގަމުންދާކަމަށް އެ މަނިކުފާނު ހާމަ ކުރެއްވިއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު، ބަނދަރު ހެދުމާއި ބިން ހިއްކުމާއި އެއްގަމު ތޮށިލުމުގެ 30 މަޝްރޫއު އޮތީ ހުއްޓިފައިކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ނަމަވެސް މި ސަރުކާރުން އެ މަޝްރޫއުތައް ފަށައި، ބަނދަރު ހެދުމާއި ބިން ހިއްކުމާއި ގުޅޭ ޖުމްލަ 90 މަޝްރޫއެއް މިހާރު ހިނގަމުންދާ ކަމަށް ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު، އެއާޕޯޓުގެ ހަތް މަޝްރޫއެއް ހުއްޓިފައިވީ ނަމަވެސް، އެ ހުރިހާ މަޝްރޫއެއްގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ވެރިކަމާ އެ މަނިކުފާނު ހަވާލުވެ ވަޑައިގަތް ތާރީހު، 17 ނޮވެންބަރު 2023ގައި ރާއްޖޭގެ މަހުހެދުމުގެ 17 ރަށެއްގެ މަގުހެދުމުގެ މަޝްރޫއުތައް އޮތީ ފައިސާ ނުދީގެން ހުއްޓުފައި ކަމަށެވެ. އެހެން ނަމަވެސް ހުއްޓުފައި ހުރި މަޝްރޫތައް ފެށުމާއެކު، މަގުހެދުމުގެ ޖުމްލަ 26 މަޝްރޫއެއް މިހާރު ހިނގަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

އެކި ކަހަލަ ދަނޑުތަކާ ކޯޓުތައް ހެދުމުގެ މަޝްރޫއުތަކުގެ ތެރެއިން 84 މަޝްރޫއެއް ހުއްޓިފައި އޮއްވައި މި ސަރުކާރުން އޭގެ ތެރެއިން 71 މަޝްރޫއެއް ފަށައި، ބައެއް މަޝްރޫއު ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރު ވެސް އޭގެ ތެރެއިން 48 ރަށެއްގައި ކުޅިވަރު ދަނޑުތަކުގެ މަޝްރޫތައް ކުރިޔަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިސްކިތްތަކުގެ 20 މަޝްރޫއެއް ހުއްޓިފައި އޮއްވައި މި ސަރުކާރުން ވެރިކަމާ ހަވާލުވެ، ހުއްޓިފައިވާ މިސްކިތްތަކުގެ މަސައްކަތާ އެކު އިތުރު މަސައްކަތްތައް ފަށައި، ޖުމްލަ 42 މިސްކިތުގެ މަޝްރޫއު ހިނގާ ކަމަށް ރައީސް ވިދާޅުވިއެވެ.

މަޝްރޫއުތައް ހުއްޓުފައިވަނީ މިދިޔަ ސަރުކާރުން އެ މަސައްކަތްތައް ހިންގި ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ނުދީގެން ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނެއެވެ. އެ މަޝްރޫއުތައް ހުއްޓުނީ 9 ބިލިއަން ރުފިޔާގެ ފައިސާ ރައްޔިތުންގެ އެކިއެކި ކުންފުނިތަކަށް މިދިޔަ ސަރުކާރުން ނުދީގެންކަމަށް މި ސަރުކާރުން ބުނެއެވެ.