06 Jun 2012, 16:57
އިމިގްރޭޝަން ބޯޑާ ސިސްޓަމް ގާއިމު ކުރުމުގައި ކޮރަޕްޝަނުގެ މައްސަލަތަކެއް ހުރިކަމަށް ބުނެ އޭސީސީން ކުރާ ތަހުގީގާއި މައްސަލައިގައި ކޮމިޝަނުން އަމަލުކުރަމުންދާ ގޮތާމެދު ނެކްސް ބިޒުން ކަންބޮޑުވުން ފާޅުކޮށް ސުވާލުވާލު އުފައްދައިފި އެވެ.
ޕްރޮޖެކްޓް އެވޯޑް ކުރި މެލޭޝިޔާގެ، ނެކްސް ބިޒް ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޯޑާ ސިސްޓަމް އެ ކުންފުންޏާ ހަވާލުކުރި މައްސަލަގައި އޭސީސީން އަމަލުކުރަމުންދާ ގޮތުގެ ސަބަބުން ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ.
"... މި މައްސަލަގައި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ފެނިގެންދާ ކަންތައްތަކަކީ މި ކުންފުނިން ކަންބޮޑުވާ ކަންކަމެވެ. އަދި އެ ފަރާތުގެ ބަލާލުމެއްނެތް އަމަލުތަކުން މި ކުންފުނީގެ މަސްލަހަތަށް ހީނަރުކަން އައިސް މި ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވަމުން އެބަދެ އެވެ،" ބަޔާނުގައިވެ އެވެ.
ބޯޑާ ސިސްޓަމް މައްސަލައިގައި އޭސީސީން އިން މީޑިޔާގައި އެއްވެސް އަސާސެއް ނެތް ވާހަކަތައް ދައްކާ ކަމަށާއި މައްސަލަ ތަހުގީގު ކުރުމުގައި ވިސްނުންތެރިކަމާއެކު އަމަލު ކުރުމަށް ވެސް ނެކްސް ބިޒް ކުންފުނިންވަނީ ގޮވާލާފަ އެވެ. މީގެ އިތުރުން ބައެއް ފަރާތްތަކުން އެއްވެސް ތަހްގީގަކާއި ނުލާ ހަގީގަތާއި ހިލާފު ވާހަކަތައް ދައްކަމުންދާ ކަމަށް ބުނެ އެ ވާހަކަތައް ވެސް އެ ކުންފުނިން ވަނީ އިންކާރުކޮށްފަ އެވެ.
ބަޔާން ބުނަނީ އިމިގްރޭޝަނުގެ މުވައްޒަފުންތަކަކަށް ނެކްސް ބިޒުން ލެޕްޓޮލްތަކެއް ދީފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށާއި ލެޕްޓޮޕްތައް އިމިގްރޭޝަނާއި ހަވާލުކޮށްފައިވަނީ ބޯޑާ ސިސްޓަމްގެ މަސައްކަތް ކުރިއަށް ގެންދަން ނެކްސް ބިޒް ކުންފުނީގެ ތަކެތީގެ ގޮތުގައި މިލްވެރިކަން ރަމްޒުކޮށްދޭ ޓެގް ހަރުކޮށްފައި ކަމަށެވެ. އިމިގްރޭޝަނާ ލެޕްޓޮޕްތައް ހަވާލުކޮށްފައިވަނީ ބޯޑާ ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ހުއްޓާލަން ހައިކޯޓުން އަމުރު ނެރުމުގެ ކުރިން ކަމަށެވެ.
ބޯޑާ ސިސްޓަމް ގާއިމުކުރަނީ ސަރުކާރުން ބޮޑު ހަރަދެއް ކޮށްގެން ކަމަށް ބުނި ނަމަވެސް އެ ސިސްޓަމް ގާއިމު ކުރުމަށް ހަރަދުކުރަނީ އެ ކުންފުނިން ކަމަށާއި ބަދަލުގައި އުޖޫރައެއްގެ ގޮތު ނަގަނީ ކުޑަ ފީއެއްކަމަށް ބުނެ އެ ކުންފުނިން ގާއިމުކޮށްދޭ އެ ސިސްޓަމަކީ ފައިދާވާނެ ސިސްޓަމެއް ކަމަށް ތަކުރާރުކޮށްފައި ވެއެވެ.