02 Apr 2024, 15:14
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ވެވަޑައިގެން ހުރިހާ ވައުދެއް ފުއްދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށާއި ނަމަވެސް އެކަމަށް ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ބޭނުން ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ކޮންމެ ދުވަހަކު އާންމުކުރާ ރައީސްގެ ޖަވާބު ޕްރޮގްރާމްގެ މިއަދުގެ ވީޑިއޯގައި މާލެ ސިޓީ، މ.މެޑަލްމާގޭ، އިސްމާޢީލް ނިޔާޒް ވަނީ ރިޔާސީ އިންތިޚާބުގައި ވެވަޑައިގަތް ވަޢުދުތަކުގެ ތެރެއިން ފަސް އަހަރުގެ ދައުރުގައި ކިހާ ވަޢުދެއް ފުއްދޭނެތޯ ސުވާލު ކޮށްފައެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ކޮންމެ ވައުދެއްވީ ފުއްދޭނެކަން ޔަގީންވެ، ފުއްދޭނެ ގޮތް އެނގިވަޑައިގަންނަވާތީ ކަމަށެވެ. އެގޮތުން ވެރިކަމުގެ ފުރަތަމަ 14 ހަފުތާއަށް ވެފައިވާ ވައުދުތައް ވެސް މިހާރު ގާތްގަނޑަކަށް އެކީ ނިމިފައި ވާކަމަށް ރައީސް ވިދާޅުވިއެވެ.
"ދެން މިހުރީ މަޖިލީހުގެ ދައުރު އަދާކުރަންޖެހޭ ވައުދުތައް. އަޅުގަނޑުމެން ވަރަށް ގިނަ ގާނޫނުތައް ހަދަން ބޭނުން. ބޯހިޔާވަހިކަމުގެ ދާއިރާއިން، އުމްރާނީ ތަރައްގީގެ ދާއިރާއިން އަދި ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ދާއިރާއަކަށް ވަރަށް ބޮޑު ލެޖިސްލޭޓިވް އެޖެންޑާއެއް ބޭނުންވޭ،" ރައީސް ވިދާޅުވިއެވެ.
އެގޮތުން ވައުދުތަކުގެ އެންމެ ބޮޑު އިންސައްތައެއް ބަރޯސާވަނީ މަޖިލީހުން ފާސްކޮށްދޭ ބަޖެޓަށް ކަމަށާއި މިއަހަރަށް ފާސްކުރި ބަޖެޓުގައި ވެސް ހިމެނި ގިނަ ކަންތައްތަކެއް މަޖިލީހުން ބަޖެޓުގައި ނުހިމަނައި ހުރިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކުރިން ފަށާފައިވާ މަޝްރޫއުތަކަށް ވެސް ފައިސާ ނުހިމަނާ ހުރިކަމަށެވެ.
"..އަޅުގަނޑަށް ފުރިހަމަ ޔަގީންކަން އެބައޮތް އިރާދަކުރެއްވިއްޔާ އަޅުގަނޑު ވީ ހުރިހާ ވައުދެއް އަޅުގަނޑަށް މި ދައުރުގައި ފުއްދޭނެ އެހެން ނަމަވެސް، ވައުދުތައް ފުއްދުމަށްޓަކައި ބޭނުންވާ ކަންކަމެއް އެބަހުރި. އެންމެ މުހިންމު ކަމަކީ ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން. މަޖިލީހުގެ އެއްބާރުލުން ނުލިބި ރާއްޖޭގައި މިއޮތް ގާނޫނު އަސާސީގެ ތެރެއިން ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް ސަރުކާރުން ކަންކަން ކޮށްދެވޭނެ ގޮތެއް ނެތް،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިވަން މުއައްސަސާތަކުގެ އެއްބާރުލުން ވެސް ސަރުކާރަށް ބޭނުން ވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މިކަމުގައި އެއްބާރުލުން ދޭނެކަމަށް އުންމީދު ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ އަގުލަބިއްޔަތު ވެރިކަން ކުރާ ޕާޓީއަށް ހޯދައިދިނުމަށްޓަކައި ރައީސް ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ދޮރުން ދޮރަށް ހިންގަވައި، ކެމްޕެއިން ޖަލްސާތަކުގައި އެމަނިކުފާނު ކޮންމެ ދުވަހަކު ބައިވެރިވެ ވަޑައިގަންނަވައެވެ.