އަތޮޅުތެރޭ ކުދި ރަށްރަށަށް މައުލޫމާތާއި މުވާސަލާތީ ޓެކްނޮލެޖީގެ ފައިދާ، ކޮމިއުނިޓީ އީ ސެންޓަރު (ސީއީސީ)ގެ ހިދުމަތް ފޯރުކޮށް ދިނުމުގެ އެއްބަސްވުމެއްގައި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ހަތް ރަށެއްގެ ކައުންސިލާ ދެމެދު ސޮއިކޮށްފި އެވެ.

މިއަދު ޓްރާންސްޕޯޓް މިނިސްޓުރީގައި ބޭއްވެވި ހަފްލާއެއްގައި އެ އެމްއޯޔޫގައި ސޮއިކުރި ކައުންސިލްތަކަކީ އއ. ހިމަންދޫ، އާއި ބ. ގޮއިދޫ އާއި އދ. ހަންޏާމީދޫ ކައުންސިލެވެ. އަދި އދ. ދިގުރަށާއި ދ. ހުލުދެލި އާއި ދ. ބަނޑިދޫ އަދި މ. މަޑުއްވަރީ ކައުންސިލުން ވަނީ މި އެމްއޯޔޫގައި ސޮއިކޮށްފަ އެވެ.

ރަށްތަކުގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ކޮންމެ ރަށެއްގެ ވެސް ކައުންސިލުގެ މެންބަރެކެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދެވެ.

ޓްރާންސްޕޯޓް މިނިސްޓުރީން ބުނީ އެ ނިޒާމްގެ ދަށުން އިންޓަނެޓާއި އެހެނިހެން ހިދުމަތް ލިބިގެންދާނެ ކަމަށާއި ސަރުކާރުން އޮންލައިންކޮށްދޭ ހިދުމަތްތަކަށް ފަސޭހަކަމާ އެކު ލިބުމުގެ ފުރުސަތު ހުޅުވޭނެ ކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން އެއިން ކޮންމެ ރަށަކަށް ވެސް އަށް ކޮމްޕިއުޓަރާ އެކު އިންޓަނެޓްގެ ހިދުމަތް ހިލޭ ދޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

މިހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަމްހީދު ވިދާޅުވީ މިކަމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށާއި މިކަމަށް އެހެން ރަށްރަށުން ވެސް އެދެމުންދަތީ އެ ރަށްރަށަށް އެހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

"ވަރަށް ގިނަ ރިކުއެސްޓު އެބައާދޭ އެހެން ރަށްރަށުން އެހެންކަމުން ވަރަށް އަވަހަށް، ފަންޑުހޯދުމާއި ރަށްތައް ސިލެކްޓު ކުރުމުގެ މަސައްކަތް ފަށާނެކަމަށް،" ޝަމްހީދު ވިދާޅުވި އެވެ.

މިހަފްލާގައި ވާހަކަފުޅު ދައްކަވަމުން ހުޅުދެލީ ކައުންސިލްގެ ރައީސް އާދަމް ޒާހިރު ވިދާޅުވީ މިއީ ރައްޔިތުންނަށް ތަރައްގީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އެހިދުމަތުގެ ސަބަބުން ވަރަށް ގިނަ ފަސޭހަތަކެއްލިބިގެން ދާނެ ކަމަށެވެ.

ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީން ވަނީ މިއަދު ސޮއިކުރެވުނު 10 ރަށުގެ ކައުންސިލުގެ މެމްބަރުން އެކަމަށް އަހުލުވެރި ކުރުވުމަށް ހަތަރު ދުވަހުގެ ކޮމިއުނިޓީ އީ ސެންޓާ ކެޕޭސިޓީ ބިލްޑިން ވޯކްޝޮޕެއް ބާއްވާފަ އެވެ.

މިއީ ސާކްގެ ޑިވެލޮޕްމެންޓް ފަންޑުގެ ދަށުން މައުލޫމާތާއި މުވާސަލާތާއި ޓެކްނޮލޮޖީގެ ފައިދާ ލިބޭނެ ކޮމިއުނިޓީ އީ ސެންޓަރުގެ (ސީއީސީ) ނިޒާމެއް ފޯރުކޮށް ދިނުމަށް އަތޮޅުތަކުގައި ގާއިމްކުރާ 50 ކޮމިއުނިޓީ ސެންޓަރުގެ ތެރެއިން ހަތް ސެންޓަރުގެ މަސައްކަތުގެ އެއްބަސްވުމެކެވެ. އަދި މީގެ ކުރިން ވަނީ 10 ރަށަކާ ދެމެދު މި އެމްއޯޔޫގައި ސޮއިކޮށްފަ އެވެ. މިއީ މީގެ ދެވަނަ ބުރެވެ.