02 Apr 2024, 10:44
ހުޅުމާލެއިން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމަށް ފުލުހުން ރޭގެ ފަތިހު އިޢުލާންކޮށްފިއެވެ.
ގެއްލިގެން ފުލުހުން ހޯދުމަށް އިޢުލާން ކުރީ ރ. އިނގުރައިދޫ، ކަނބުރުގެ، އައިޝަތު ޒީވާ ސައީދު (13އ) އެވެ.
ފުލުހުން ބުނީ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވަނީ ރޭ 07:45 ހާއިރުގައި ކަމަށެވެ. އެހެންވެ މިހާރު ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ޒީވާ އެންމެ ފަހުން ފެނުނީ ރޭ އިރުއޮއްސި 06:00 ޖަހާކަންހާއިރު ހުޅުމާލޭ ދިރިއުޅެމުންދާ އެޕާޓުމެންޓުން ކަމަށާއި އޭރު އެ ކުއްޖާ ލައިގެން ހުރީ ބެއިޖް ކުލައިގެ ޓޮޕަކާއި ހަމަ އެކުލައިގެން ޕޮކެޓް ޖިންސެއްކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދިނެވެ.
ޒީވާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަން ނަންބަރު 3035336 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.