00:20


އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޑީއާރުޕީ ތަމްސީލު ކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދޭ ހަމަލާތައް ކުށްވެރިކޮށް، ޒިންމާވާ ފަރާތްތައް ހޯދައި އެފަދަ ފަރާތްތަކާ ދޭތެރޭ ގާނޫނީ ފިޔަވަޅު އެޅުމަށް އެ ޕާޓީން ސަރުކާރަށް ގޮވާލައިފި އެވެ.


ފަހަކަށް އައިސް ޑީއާރުޕީގެ މެމްބަރުންނަށް ތަކުރާރުކޮށް ހަމަލާދެމުން ގެންދާ ކަމަށް ބުނެ އެ ޕާޓީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ނައިބު ލީޑަރު ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫދާއިރާގެ މެމްބަރު އަލީ ވަހީދުގެ ކާރުކޮޅުގެ ވިންޑްސްކްރީން މިދިޔަ އަންގާރަ ދުވަހު ބަޔަކު ތަޅާލާފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިސްގެ ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފް މަޖިލީހަށް ވަދެވަޑައިގަންނަވަނިކޮށް އެތަނަށް އެއްވެ ތިބި، ސަރުކާރަށް ތާއިދުކުރާ ބަޔަކު އާރިފަށް ހަމަލާ ދީފައިވާ ކަމަށެވެ. އަދި މިދިޔަ ހުކުރު ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ނިލަން ދޫދާއިރާގެ މެމްބަރު އަބްދުލް މުހުސިނަށް ވެސް ވަނީ ބަޔަކު މަގުމަތިން ހިފަހައްޓާ މާރާމާރީ ހިންގާފައި ކަމަށް ވެސް އިދިކޮޅު އެންމެ ބޮޑު އިދިކޮޅު ޕާޓީން ނެރެފައިވާ އެ ބަޔާނުގައި އަދި ބުނެފައިވެ އެވެ.


މިފަދަ ހަމަލާތައް ނުހުއްޓުވި ދިގުލާ ނަމަ މަސްލަހަތުގެއްލި އޭގެ ނޭދެވޭ އަސަރު މުޅި މުޖުތަމައަށް ކުރާނެ ކަމަށް ވެސް ޑީއާރުޕީގެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ. ޑީއާރުޕީ ތަމްސީލްކުރައްވާ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަށް ދެމުންގެންދާ އެފަދަ ހަމަލާތައް ހުއްޓުވުމަށް ސަރުކާރަށް އެޕާޓީން ވަނީ އެ ނޫސް ބަޔާނުގައި ގޮވާލާފަ އެވެ. އަދި އެ ހަމަލާތަކުގައި ޒިންމާވާ ފަރާތްތައް ހޯދާ އެމީހުންނާ ދޭތެރޭ ޤާނޫނީ ފިޔަވަޅު އަޅައިދިނުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.