މި އަހަރުގެ ކުރީކޮޅު ދ. ކުޑަހުވަދޫގައި ރަހުމް ކުޑަގޮތަކަށް މަރާލި އެ ރަށު ސަމަންދަރުގޭ، އަލީ ހަސަން،76، (އައްޔުބެ) މަރާގުޅިގެން "ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ" ދައުލަތުން އުފުލި ކުއްޖާ ދައުވާއަށް އިންކާރު ކޮށްފި އެވެ.

ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެ ކުއްޖާ ދައުވާއަށް އިންކާރުކޮށްފައި ވަނީ މިއަދު އޮތް އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ކަމަށެވެ.

އޭނާ ވިދާޅުވީ މާޗް 12 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމަޔަށް ވަކީލަކު އައްޔަން ކުރުމަށް އެކުއްޖާއަށް ދިން ފުރުސަތުގައި ވަކީލަކު އައްޔަންކޮށްފައި ނުވާކަމަށެވެ. އަދި އެ މައްސަލަަ ކުރިއަށް ގެންދަން ބޭނުން ވަނީ ވަކީލަކު އައްޔަން ނުކޮށް ކަމަށް އެކުއްޖާ އާއި އަދި ބެލެނިވެރިޔާވެސް ކޯޓުގައި މިއަދު ބުނެފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގަސްތުގައި މީހަކު މަރާލުމުމުގެ ކުށުގެ ދައުވާއަށް އެކުއްޖާ އިންކާރު ކުުރުމުން ދައުވާ ސާބިތުކުރުމަށްޓަކައި ހެކި ހުށަހެޅުމަށް އެ ކޯޓުން މިއަދު ދައުލަތަށް ފުރުސަތު ދީފައިވާކަމަށެވެ. އަދި ވިދާޅުވީ ދެން އެ މައްސަލަ ތާވަލް ކޮށްފައި ވަނީ މިމަހުގެ 20 ވަނަ ދުވަހަށް ކަމަށާއި އެދުވަހު އޮންނާނީ ދައުލަތުން ހެކި ހުށަހެޅުން ކަމަށެވެ.

"ދައުވާއަށް ޖަވާބުދާރީ ވަމުން އެކުއްޖާ ބުނެފައި ވަނީ ދައުވާއަށް އިންކާރު ކުރާކަމަށް. އެކުއްޖާ މިއަދު ދައުވާއަށް އިންކާރު ކުރުމުން ކޯޓުން މިއަދު ވަނީ ދައުވާ ސާބިތުކުރުމަށްޓަކައި ހެކި ހުށަހެޅުމަށް ދައުލަތަށް ފުރުސަތު ދީފައި،" އޮފިޝަލް ވިދާޅުވި އެވެ.

މީގެ އިތުރުން އޮފިޝަލް ވިދާޅުވީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވެސް އައްޔުބޭގެ ތިން ވާރިސަކު ކޯޓަށް ހާޒިރުކޮށް ބަޔާން ނަގާފައިވާކަމަށާއި އެ ތިން މީހުންވެސް ބޭނުން ވަނީ މަރަށް މަރު ހިފަން ކަމަށެވެ. އަދި ވިދާޅުވީ މިއަދު ބަޔާން ނެގި ތިން ވާރިސުންނާ އެކު މިހާރު ޖުމްލަ އަށް ވާރިސުންގެ ބަޔާން ނެގިފައިވާއިރު ބާކީ އެއްވާރިސެއްގެ ބަޔާން އަދި ނުނެގިވާކަމަށެވެ.

ކުރިން ބަޔާން ނެގި ފަސް ވާރިސުންވެސް ބުނެފައި ވަނީ އެމީހުން ވެސް ބޭނުންވަނީ މަރަށް މަރު ހިފުމަށް ކަމަށެވެ.

އައްޔުބޭގެ މަރާލި މައްސަލައިގައި އިތުރު ދެ ކުއްޖެއްގެ މައްޗަށް ޖުވެނައިލް ކޯޓުގައި ވަނީ ދައުވާކޮށްފަ އެވެ. އެ ދެ ކުދިން ވަނީ ދައުލަތުން އެކުދިންގެ މައްޗަށް ކުރި "ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ" އަށް އިއުތިރާފު ވެފަ އެވެ.

އައްޔުބޭގެ މަރާގުޅިގެން ކްރިމިނަލް ކޯޓުގައި ދައުވާ ކުރަނީ ތިން މީހެއްގެ މައްޗަށެވެ. އެއީ ކުޑަހުވަދޫ މާވެލި، އިބްރާހިމް ވަސީމް އާއި، އެރަށު ރަނަކުރި، އިބްރާހިމް މާޖިދުއާއި ހަމަ އެރަށު ފަނަސް، ފައުޒާން މުހައްމަދުގެ މައްޗަށެވެ.

އައްޔުބެއަށް ދޮންކާފަ ކިޔާ ވަސީމުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އޭނާ ވަނީ ޝަރީއަތުގައި ދައުވާއަށް އިއުތިރާފް ވެފަ އެވެ.

އެ މައްސަލައިގައި ދައުވާ ލިބޭ މާޖިދުއާއި ފައުޒާންގެ ޝަރީއަތް އަދި ފަށާފައި ނުވެ އެވެ.