ލަންޑަން (01 އެޕްރީލް 2024): ޔަހޫދީ ސިފައިން ޣައްޒާގެ އައްޝިފާ ހޮސްޕިޓަލަށް ހަމަލާދީ އެތަނަށް އަރައިގަނެ އެހޮސްޕިޓަލް ހަނގުރާމައިގެ މައިދާނަކަށް ހަދައިގެން އެތަނުގައި އެތައް ސަތޭކަ ބަޔަކު ޝަހީދުކޮށް ލާއިންސާނީ އެތައް ޖަރީމާތަކެއް ހިންގުމަށްފަހު ދެ ހަފުތާފަހުން ޔަހޫދީ ބާރުތައް އެތަން ދޫކޮށް ގޮސްފިއެވެ.

ޔަހޫދީ ސިފައިން އައްޝިފާ ހޮސްޕިޓަލް ދޫކޮށްދިޔައީ އެހޮސްޕިޓަލްގައި ހުޅުޖަހައި އެހޮސްޕިޓަލްގެ ވަށައިގެންވާ އިމާރާތްތައް ޑައިނަމިޓް އަޅައި ގޮއްވައި ގައު ކުނޑިއަށް ހެދުމަށްފަހުގައެވެ.

ޔަހޫދީ ސިފައިން އައްޝިފާ ހޮސްޕިޓަލުގައާއި އެ ހޮސްޕިޓަލްގެ ވަށައިގެންވާ ގެތަކުން 400 އަށްވުރެ ގިނަމީހުން ޝަހީދުކޮށް އެތައް ސަތޭކަ ބަޔަކު ޒަޚަމްކޮށްލާފައިވާއިރު މީގެތެރޭގައި އެހޮސްޕިޓަލުގައި ތިބި ބަލިމީހުންނާއި އެތަނުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނާއި އިދާރީ މީހުންވެސް ހިމެނޭކަމަށް ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެއެވެ.

އައްޝިފާ ހޮސްޕިޓަލަށް ޔަހޫދީ ބާރުތައް އަރައިގަތީ އެތަނުގައި ފަލަސްތީނުގެ މުޖާހިދުން ތިބި ކަމަށް ބުނެފައެވެ. އެއަށްފަހު އެސަރަހައްދުން ހަމާސްގެ ދިހަވަރަކަށް މީހުން ހައްޔަރުކުރި ކަމަށްބުނެ ބައެއްގެ ފޮޓޯތަކެއްވެސް އިސްރާއީލުން ދެއްކިއެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި އެފޮޓޯގައި ހިމެނޭ މީހުންނަކީ ޣައްޒާގައި ނޫޅޭ ފަލަސްތީނުގެ ބައެއް މުޖާހިދުންނާއި މާކުރިން އިސްރާއީލު ޝަހީދުކޮށްލާފައިވާ ބައެއް މުޖާހިދުންނެވެ.

ޔަހޫދީން ހަލާކުކޮށްލާފައިވާ އައްޝިފާ ހޮސްޕިޓަލް

އައްޝިފާ ހޮސްޕިޓަލުގައި މުޖާހިދުން ތިބިކަމަށްބުނެ އިސްރާއީލު ދެއްކި ވާހަކަތައް ހަމާސް އިންވަނީ ދޮގުކޮށްފައެވެ. އައްޝިފާ ހޮސްޕިޓަލުގެ ބިމުއަޑީގައިވާ ބިންގަރާހެއްގައި އިސްރާއީލުގެ ބައެއް ރަހީނުން ތިބިކަމަށްބުނެވެސް އިސްރާއީލުން އަޑުތަކެއް ފެތުރިއެވެ. ނަމަވެސް އިސްރާއީލުގެ އެއްވެސް އަސީރަކު އެތަނުން ފެނިފައެއް ނުވެއެވެ. އަދި އަސީރަކު މިނިވަން ކުރެވިފައެއްވެސް ނުވެއެވެ.

އިސްރާއީލަކީ މާބާރުގަދަ ގައުމެއްކަމާއި އިސްރާއީލަކީ ރޮކެޓެއްވެސް ނާރާވަރުގެ މޮޅު ގައުމެއްކަމަށް ކުރިން އެގައުމުން ދައުވާކޮށް ޕްރޮޕަގެންޑާ ފެތުރިއެވެ. އިސްރާއީލުގެ ޖާސޫސީ އިދާރާއަކީ މާމޮޅު އިދާރާއެއްކަމަށް ބުނެ އެއީ ދުނިޔޭގެ ތަނެއްގައި ހިންޏެއް ހިރިލިޔަސް އެނގޭވަރުގެ މޮޅުއިދާރާއެއްކަމަށްބުނެ އިސްރާއީލުން ޕްރޮޕަގެންޑާ ކުރިއެވެ. އިސްރާއީލުގެ މި ޕްރޮޕަގެންޑާތައް ސީއެންއެން އާއި ބީބީސީ ފަދަ ޔަހޫދީ މަހުޖަނުން ކޮންޓްރޯލްކުރާ ހުޅަނގުގެ މީޑީއާ ތަކުން ވަރަށް ބޮޑަށް ފެތުރިއެވެ.

ނަމަވެސް މިދިޔައަހަރުގެ އޮކްޓޯބަރު ހަތެއްގައި ހަމާސްގެ މުޖާހިދުން ވަނީ އިސްރާއީލަށް ކުއްލި ހަމަލާތަކެއްދީ އިސްރާއީލާއި އިސްރާއީލަށް ވާގިވެރިވާ އެމެރިކާ މުޅިން ސިއްސުވާލާފައެވެ. މި ހަމަލާތަކުގައި ވާނުވާއެއް ނޭނގި އިސްރާއީލު ދެދުވަހު އޮންނަން ޖެހުނެވެ. އިސްރާއީލަށް ވާނުވާވެސް އެނގުނީ މާފަހުންނެވެ.

އިސްރާއީލުގެ ޖާސޫސީ މޮޅުކަމެއް އަދި އެގައުމަށް ހަމަލާތައް ނާރާނެކަމަށް ބުނެ ފެތުރި ޕްރޮޕަގެންޑާތަކަކީ ފޭކެއްކަމާއި އިސްރާއީލަކީ އެވަރުގެ ބާރުގަދަ އަދި އެހާ ޖާސޫސީގޮތުން މޮޅު ބައެއްނޫންކަން އެހިސާބުން ދުނިޔެއަށް ހާމަވިއެވެ.

މި ހަމަލާތައް ހަމާސްއިން ދިން ސަރަހައްދުތަކަކީވެސް ހަގީގަތުގައި އިސްރާއީލު ގަދަބާރުން ވެރިވެގަތުމަށްފަހު ޔަހޫދީން ވަޒަންވެރި ކުރުވައިގެން އުޅޭ ފަލަސްތީނުގެ ސަރަހައްދުތަކެކެވެ. މި ހަމަލާތައް ހަމާސްއިން ދިނީ އިސްރާއީލުން ކޮންމެ ދުވަހަކު ހުޅަނގު އައްސޭރީގެ ގެތައް ތަަޅައި މަސްޖިދުލްއަގްސާއަށް ގޯނާކޮށް ފަލަސްތީނުގެ އާންމުން މަރަމުން ގެންދާތީ އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ.

ހަމާސްގެ ކުއްލި ހަމަލާތަކުގައި އިސްރާއީލުގެ 1200 މީހުން މަރާލިއެވެ. އަދި 240 އަށް ވުރެގިނަމީހުން އަސީރު ކުރިއެވެ. މީގެތެރޭގައި ގިނައީ އިސްރާއީލު ސިފައިންނެވެ. މި ކުއްލި ހަމަލާތަކަށް އިސްރާއީލަށް ރައްދުވެސް ނުދެވުނެވެ.

މި ހަމަލާތަކާ ގުޅިގެން ހަމާސް ބަލިކޮށްލުމުގެ ނަމުގައި އިސްރާއީލުން ޣައްޒާއަށް ވައިގެ މަގުން އެތައް ދުވަހަކު ބޮންއެޅުމަށްފަހު އެއްގަމުން އަރައިގަތެވެ. ނަމަވެސް އަރައިގަތްތާ ފަސް މަސްވީއިރުވެސް ހަމާސް ބައްޔެއް ނުކުރެވުނެވެ. ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުންވެސް މިނިވަން ނުކުރެވުނެވެ.

އިސްރާއީލުގެ ބާރުގަދަކަމަށް ބުނާ އަސްކަރިއްޔާއަށް ކުރެވުނުހާވެސް ކަމަކީ އެމެރިކާ ދީފައިވާ ޒަމާނީ ފައިޓާޖެޓްތައް ބޭނުންކޮށްގެން ޣައްޒާގެ އާންމުންގެ ގެދޮރަށާއި ޣައްޒާގެ ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި މަދަނީ އިންފްރާސްޓްރަކްޗާއަށް ބޮންއަޅައިގެން ފަލަސްތީނުގެ އާންމުން މެރުމެވެ.

އިސްރާއީލު ސިފައިންވަނީ ޣައްޒާގެ ހޮސްޕިޓަލްތައް ބިމާހަމަކޮށް އާންމުންގެ 32 ހާސް މީހުން ޝަހީދުކޮށްލާފައެވެ. ނަމަވެސް ހަމާސްއިން އިސްރާއީލަށް ދޭ ހަމަލާތައްވެސް އިސްރާއީލަށް އަދިވެސް ނުހުއްޓުވެއެވެ.

އިސްރާއީލަކީ މާ ބާރުގަދަ ކަމަށް ބުނެ އަވަށްޓެރި އަރަބިންނަށް ބިރުދައްކައި ބުލީކުރަމުން ގެންދިޔަ ގައުމެކެވެ. ނަމަވެސް އިސްރާއީލު މިވަނީ ހަމާސްގެ ހަމަލާތަކާ ގުޅިގެން މުޅިން ސައިޒް ވެފައެވެ. ހަމާސް ޖަމާއަތް ބަލިކުރުމުގައިވެސް ނާކާމިޔާބު ވެފައެވެ.

އިސްރާއީލުން އީރާން ބަލިކުރާނެކަމަށް ބުނެ ބޮޑާބަސް ބުނިއިރު ހަމާސްގެ އިތުރުން އީރާނުގެ މަދަދު ލިބޭ ދެޖަމާއަތްކަމަށްވާ ލުބްނާނުގެ ހިޒްބުﷲ އާއި ޔަމަންގެ ހޫޘީން ބަލިކުރުމުގައިވެސް އިސްރާއީލުވަނީ މުޅިން ނާކާމިޔާބުވެފައެވެ. މަތިން ބޮންއަޅައިގެން އާންމުން މެރުން ފިޔަވައި އެހެންކަމެއް އިސްރާއީލު ސިފައިންނަށް ނުކުރެވޭކަން މުޅި ދުނިޔެއަށްވަނީ ހާމަވެފައެވެ.