01 Apr 2024, 16:36
މައޭމީ އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ޗެމްޕިއަންކަން މިމުބާރާތުގައި ދެވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ޔަނިކް ސިނާ ކާމިޔާބު ކޮށްފިއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ސިޔާ ކާމިޔާބު ކޮށްފައިވަނީ ފައިނަލްގައި މި މުބާރާތުގައި 11 ވަނައަށް ސީޑު ކުރެވިފައިވާ ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވް އާ ބައްދަލުކޮށް ސީދާ ދެ ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.
ފައިނަލް މެޗުގެ ފުރަތަމަ ސެޓު ހައެއް ތިނަކުން ސިނާ ކާމިޔާބު ކޮށްފައިވާއިރު ދެވަނަ ސެޓު އޭނާ ކާމިޔާބު ކޮށްފައިވަނީ ހައެއް އެކަކުންނެވެ.
މި މުބާރާތުގެ ފައިނަލްގައި ސިޔާ ވަނީ މީގެ ކުރިން ދެފަހަރެއްގައި ވާދަކޮށް ނާކާމިޔާބު ވެފައެވެ. މިއީ މި ސީޒަންގައި ސިނާ ކާމިޔާބު ކުރި ތިން ވަނަ ތައްޓެވެ. މީގެ ކުރިން އޭނާ ވަނީ އޮސްޓްރޭލިއަން އޯޕަން އާއި ރޮޓަޑަމްގައި ބޭއްވި މުބާރާތް ކާމިޔާބު ކޮށްފައެވެ. އަދި މިހާތަނަށް މި ސީޒަންގައި އޭނާ ބަލިވެފައިވަނީވެސް އިންޑިއަން ވެލްސް މުބާރާތުގެ ސެމީފައިނަލްގައި ކާލޯސް އަލްކަރާޒް އަތުން ބަލިވި މެޗުން އެކަންޏެވެ. އަދި މި ކާމިޔާބީއާއެކު ދުނިޔޭގެ ރޭންކިންގައިވެސް އޭނާ އެއް ދަރަޖަ ކުރިއަށް ޖެހިލާފައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ސިނާ ހާމަކުރިގޮތުގައި މި ހަފުތާ ވެގެންދިޔައީ ވަރަށް ހާއްސަ ހަފުތާއަކަށް ކަމަށެވެ. ދުނިޔޭގެ ރޭންކިންގެ ދެވަނައަށް ކުރިއަށް ޖެހިލެވުނީތީ ވަރަށް އުފާކުރާ ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް އޭނާއަށް މިއީ ހަމައެކަނި ނަމްބަރެއް ކަމަށާއި އެންމެ މުހިންމު ކަމަކީ ގޭމް ޕްލޭނާއި އެއްގޮތަށް ކަންތައްތައް ކުރިއަށް ގެންދިއުން ކަމުގައި ސިނާ ހާމަކުރިއެވެ. މައޭމީ އޯޕަންގެ ކާމިޔާބީއާއެކު ސިނާއަށް ދެވަނަ ލިބި އަލްކަރާޒް މިހާރުވަނީ ތިންވަނައަށް ވެއްޓިގެން ގޮސްފައެވެ. އަދި މިއީ 1973 ވަނަ އަހަރު އޭޓީޕީ ރޭންކިން އާންމު ކުރަން ފެށިފަހުން އިޓަލީވިލާތުގެ ކުޅުންތެރިޔަކަށް ދުނިޔޭގެ ދެވަނަ މަގާމަށްއެރުނު ފުރަތަމަ ފަހަރެވެ.
މި މެޗުން ބަލިވި ޑިމިޓްރޯވްވެސް މިމުބާރާތުގެ ފައިނަލަށް ދަތުރު ކުރުމައި ގުޅިގެން އޭނާވެސް ދުނިޔޭގެ ރޭންކިންގެ 9 ވަނައަށް ކުރިއަށް ޖެހިގެން ދާނެއެވެ. އަދި މެޗަށްފަހު ޑިމިޓްރޯވް ހާމަކުރިގޮތުގައި މި މުބާރާތް އޭނާއަށް ކާމިޔާބު ނުކުރެވުނު ނަމަވެސް އޭނާއަށް މުބާރާތް ކާމިޔާބު ކުރެވުނު ފަދައެވެ.