ޖުމްހޫރީ މާއިދާނުގައި ތިބި ފުލުހުންގެ ތެރެއަށް އެމްޑީޕީގެ ސަޕޯޓަރުން ވައްދަން ކެބިނެޓް މިނިސްޓަރަކު ސިފައިންނަށް އެންގި ކަމަށާއި ސިފައިން އެގޮތަށް އަމަލުކުރި ކަމަށް އިންކްއަރީ ކޮމިޝަންގެ ޓައިމްލައިންގައި ބުނެފި އެވެ.

އެ ކޮމިޝަންގެ ވެބް ސައިޓުގައި މިއަދު އާންމުކުރި ޓައިމްލައިންގައި ބުނަނީ ފެބްރުއަރީ ހަތް ވަނަ ދުވަހުގެ ރޭ ފަތިހު 5 އާއި 6 ދެމެދު ވަގުތެއްގައި ސިފައިންގެ ދޮރުމަތީގައި ހުންނެވި މިނިސްޓަރަކު ސިފައިންގެ އޮފިސަރަކާއި މުހާތަބު ކުރައްވާ ރީފްސައިޑާއި ދިމާއިން އަންނަ އެމްޑީޕީގެ ބަޔަކު ސިފައިންގެ ކޯޑަންގެ ތެރެއިން ޖުމްހޫރީ މައިދާނަށް ވަދެވޭނެ ގޮތް ހެދަން އެދިވަޑައިގެންނެވި ކަމަށެވެ. އެގޮތަށް މިނިސްޓަރު ވިދާޅުވުމުން މާލޭ އޭރިޔާގެ ކޮމާންޑްގެ އިސް އޮފިޝަރަކު އެކަން ހަމަޖައްސާނެ ކަމަށް ވިދާޅުވެ ބަންޑާރަ ކޮއްޓަށް ވެންނެވި ކަމަށް ވެސް ޓައިމްލައިންގައި ބުނެ އެވެ.

އެއާއެކު އެމްއެމްއޭ ކައިރިން އަޅާފައި އޮތް ސިފައިންގެ ކޯޑަން އެމްއެމްއޭގެ ނިވަލަށް ޖައްސައި އަދި ރީފްސައިޑާއި އިސްލާމީ މަރުކަޒުގެ ގޯޅިއަށްވާ ގޮތަށް އޮތް ކޯޑަން ބަންޑާރަ ކޮއްޓާއި ދިމާލުން އެތެރެއަށް ޖެއްސިކަމަށް ފާހަގަކޮށްފައި އެވެ. އަދި އެވަގުތު ލަޓިބުރި އާއި ތޫނު ހަތިޔާރު ހިފައިގެން ޕިކަޕެއްގައި އައި އެމްޑީޕީގެ އެކްޓިވިސްޓުންގެ ބަޔަކު އިސްލާމީ މަރުކަޒުގެ ގޯޅިތެރެއިން ޖުމްހޫރީ މައިދާނުގައި އެވަގުތު ތިބި ފުލުހުންނާއި ކުރިމަތިލި ކަމަށާއި އެ މީހުން ފަހަތަށް ޖެއްސީ އިއްތިހާދުގެ މުޒާހަރާކުރާ މީހުންނާއި އެވަގުތު އެތަނުގައި ތިބި ސިފައިންކަމަށް ވެސް ޓައިމްލައިންގައި ބުނެ އެވެ.

އަދި އޭގެ ފަހުން އެދުވަހުގެ 6 އާއި 7 ކާއި ދެމެދު ވަނީ އެމްއެމްއޭ ސަރަހައްދާއި އަދި ރީފްސައިޑް ސަރަހައްދާއި އެމްއެމްއެމްއޭ ގޯޅި ތެރެ ކޯޑަންކޮށްފަ އެވެ. އަދި ރައީސް މުހައްމަދު ނަޝީދު ފުލުހުންނާއި ބައްދަލުކުރެއްވި ފަހުން އެދުވަހުގެ 7 އާއި 8ކާ ދެމެދު އަނެއްކާވެސް އެމްޑީޕީގެ ސަޕޯޓަރުން "ބާޣީން" ހައްޔަރުކުރުމަށް ގޮވާ މުޒާހަރާ ކުރަމުން ރީފްސައިޑް ކައިރިއަށް އެއްވި އެވެ.

ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ރައީސް ސިފައިންނާ ބައްދަލުކުރައްވަން ބޭނުންވާ ކަމަށާއި ހުރިހާ ސިފައިން ބަންޑާރަށް ކޮއްޓަށް އެބުރި އައުމަށް އަމުކުރުމާއެކު ކޯޑަންގައި ތިބި ސިފައިން ވެސް ކޯޑަން ދޫކޮށް އެތެރެއަށް ވަނެވެ. އޭރު ފުލުހުން ތިބީ ޖުމްހޫރީ މައިދާނުގައި އަޒުމް ކިޔަން ކަމަށާއި ފުލުހުންނާއި އެމްޑީޕީ މީހުން ކުރިމަތިލީ އަތުގުޅާލައިގެން އައިސް ފަހަތުން ކަމަށްވެސް ބުނެ އެވެ. އަދި އެ މަންޒަރު ބައްލަވަން ރައީސް ނަޝީދު ބަންޑާރަ ކޮށީގެ ދެވަނަ ބުރީގައި ހުންނެވި ކަމަށްވެސް ޓައިމްލައިން ބުނެ އެވެ.