06 Jun 2012, 14:52
އެމްޑީޕީގެ ރައީސް ކަމަށް ހަމައެކަނި ކުރިމަތިލެއްވި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ އަދި ނައިބު ރައީސް ކަމުގެ މަގާމަށް ހަމައެކަނި ކުރިމަތިލެއްވި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްގެ ކެނޑިޑެންސީ ސައްހަ ކަމަށް އެމްޑީޕީން ކަނޑައަޅައިފި އެވެ.
އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަކްރަމް މިއަދު ވިދާޅުވީ މާރިޔާ އާއި އަސްލަމްގެ ކެންޑިޑެންސީ ސައްހަ ކަމަށް އިންތިހާބާ ކޮމިޓީން އިއްޔެ ނިންމާފައިވާ ކަމަށެވެ. އަދި މާރިޔާގެ ކެންޑިޑެންސީ ސައްހަ ކަމަށް ނިންމާފައިވާ އިރު މާރިޔާއަށް ތާއީދުކޮށް 2364 މެންބަރުން ފޯމް ހުށަހަޅާފައި ވާއިރު އަސްލަމް އަށް ތާއީދުކޮށް 1946 މެންބަރުންގެ ފޯމް ހުށަހަޅުއްވާފައިވާ ކަމަށެވެ.
"ކޮމިޓީން އެ ދެ ބޭފުޅުންގެ ތާއީދު ފޯމްތައް ބެއްލެވުމަށް ފަހު އިއްޔެ ވަނީ އެ ދެބޭފުޅުންގެ ކެންޑިޑެންސީ ސައްހަ ކަމަށް ކަނޑައަޅާފައި،" އަކްރަމް ވިދާޅުވި އެވެ.
އެމްޑީޕީގެ ރައީސް އާއި ނައިބް ރައީސް ކަމުގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންނަށް 60 ދުވަހުގެ މުއްދަތެއް ކެމްޕޭނު ކުރުމަށް ކުރުމަށް ދޭން ޖެހޭ ކަމަށް އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނެފައިވެ އެވެ. އެހެންކަމުގައިވާ އިރު އެ ދެ މަގާމުގެ އިންތިހާބް ބޭއްވުމަށް ހަމަޖައްސާފައި ވަނީ އަންނަ އޯގަސްޓް މަހު 31 ގަ އެވެ.