01 Apr 2024, 20:31
އިންގްލިޝް އެފް އޭ ވިމެންސް ލީގު ކަންގެ ޗެމްޕިއަންކަން އާސެނަލް ވިމެން ހޯދައިފިއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން އާސެނަލް ވިމެން ހޯދީ ފައިނަލްގައި ޗެލްސީ ވިމެންއާ ބައްދަލުކޮށް މެޗު ކާމިޔާބު ކޮށްގެންނެވެ. އާސެނަލްއިން މި ތަށި ދިފާއުކޮށްފައި މި ވަނީ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހޭގޮތް ނުވުމުން ކުޅުނު އިތުރު ވަގުތުގައި ކާމިޔާބު ލަނޑަކާއެކުއެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުގެ ފަރާތުން ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ.
ނަމަވެސް ޗެލްސީއަށް މިމެޗުގައި އާސެނަލްގެ ޑިފެންސް ފޫއަޅުވާލުމުގައި ކާމިޔާބުވާ ގޮތެއް ނުވިއެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ވެސް އާސެނަލް މި ތަށި އުފުލާލާފައިވަނީ ޗެލްސީ ބަލިކޮށެވެ. މި މެޗުގެ 21 ވަނަ މިނެޓުގައި ޗެލްސީއަށް މެޗުގެ ލީޑު ނެގުނު ކަމަށް ހީވެގެންދިޔައެވެ.
ނަމަވެސް ވީއޭއާރުން ބެލިއިރު އެލަނޑު ޖެހުމަށް އުފެއްދި ހަމަލާގައި ޗެލްސީގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހިފައިވުމުން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ. މިއާއެކު އާސެނަލްއަށް އިތުރު ހިތްވަރެއް ލިބިގެންދިޔަ ކަހަލައެވެ. ފުރަތަމަ ހާފުގެ ބާކީ އޮތް ބައިގާ ރަނގަޅަށް ކުޅެފައިވަނީ އާސެނަލްއިންނެވެ.
މި މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުން ވެސް ހަމަލާއަށް އިސްކަން ދިނުމުގެ ނަތީޖާ އަކަށް ވެގެންދިޔައީ ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ލިބި ދެޓީމުގެ ކީޕަރަށް ވެސް ނުރައްކާ ތެރި ހަމަލާތަކެއް ދިފާއު ކުރަން ޖެހުމެވެ.
ނަމަވެސް މިއިން އެއްވެސް ހަމަލާއެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މި މެޗުގެ 90 މިނެޓްގެ ކުޅުން ހަމަވިތަނާ ކަހަލަ ގޮތަކަށް އާސެނަލްގެ މެދުތެރެއަށް ކުޅޭ ފްރީޑާ މާނުމް ކުއްލިއަކަށް ހޭނެތިގެން ދަނޑު މައްޗަށް ވެއްޓުމާ ގުޅިގެން ދެ ޓީމާއި ދަނޑުގައި ތިބި މެޑިކަލް ޓީމުތަކުން އޭނާއަށް ފަރުވާދިނުމަށް އަވަސްވެގަތެވެ.
އަދި އެންމެ ފަހުން އޭނާ ދަނޑު ބާލާފައިވަނީ އޮކްސިޖަން ގުޅައިގެންނެވެ. އާސެނަލްއިން ފަހުން ހާމަކުރިގޮތުގައި މާނުމްގެ ހާލު މިހާރު ރަނގަޅު ކަމަށާއި އޭނާ ވާހަކަ ދައްކާ ހަދައެވެ. މިމެޗުން އާސެނަލް މޮޅުވި ލަނޑު މެޗުގެ 116 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ސްޓިނާ ބްލެކްސްޓެއިނަސްއެވެ.
މިކާމިޔާބީއާއެކު އާސެނަލް ވިމެން އިން އުފާފާޅު ކުރި އިރު ޗެލްސީ ވިމެންއިން މިސީޒަންގައި ހަތަރު ތަށި ކާމިޔާބު ކުރުމަށް ދެކެމުން އައި ހުނަފެން މިވަނީ ނާކާމިޔާބު ވެގެން ގޮސްފައެވެ.