06 Jun 2012, 14:23
އިންތިހާބެއްގައި ވާދަ ކުރިއަސް ސިވިލް ސްސާވިސް މުވައްޒިފުންނާއި ސިވިލްސާވިސް ކޮމިޝަންގެ މެންބަރުން ވަޒީފާ އިން ވަކި ނުކުރެވޭ ގޮތަށް ސިވިލް ސާވިސްގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުގެ ތަޅުމުން ބޭރު ކޮށްފި އެވެ.
ޑީއާރުޕީ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި އެ އިސްލާހު މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ނެގި ވޯޓުގައި އެ އިސްލާހު މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެ ވަގުތު ޖަލްސާގައި ތިއްބެވި 58 މެންބަރުންގެ ތެރެއިން އެންމެ 12 މެންބަރުންނެވެ. އެ އިސްލާހު ބަލައި ގަންނަން ނުފެންނަ ކަމަށް 40 މެންބަރުން ވޯޓު ދެއްވި އެވެ.
ހަސަން ލަތީފް އެ އިސްލާހު ހުށަހަޅުއްވާފައި ވަނީ އިންތިހާބަކަށް ކުރިމަތިލައިފި ނަމަ ސިވިލްސާވިސް މުވައްޒިފުންނާއި ކޮމިޝަން މެންބަރުން ވަޒީފާ އިން ވަކިކުރަން ޖެހޭ ކަމަށް ސިވިލް ސާވިސް ގާނޫނުގައި ބުނާ، 16 ވަނަ މާއްދާގެ ހަތަރަކާއި 51 ވަނަ މާއްދަ އުވާލުމަށެވެ.
އެ ބިލުގައި ހަސަން ލަތީފް ވިދާޅުވެފައި ވަނީ 16 ވަނަ މާއްދާގެ ހަތަރެއް، ގާނޫނު އަސާސީގެ 187ވަނަ މާއްދާއާ ހިލާފުވެއިވާ ކަމަށާއި 51 ވަނަ މާއްދާ ގަނޫނު އަސާސީގެ 26 ވަނަ މާއްދާ އާއި 30 ވަނަ މާއްދާއާ ހިލާފުވެފައިވާ ކަމަށެވެ.
ސިވިލް ސާވިސްގެ ގަނޫނުގެ 16 ވަނަ މާއްދާގެ ހަތަރެއްގައި ބުނެފައި ވަނީ ގަނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ސިޔާސީ މަގާމަކަށް ކުރިމަތި ލައިފި ނަމަ ކޮމިޝަންގެ މެންބަރުކަމުގެ މަގާމު ހުސްވާނެ ކަމަށެވެ.
ގާނޫނު އަސާސީގެ 187 ވަނަ މާއްދާގައި ބުނަނީ ސިވިލްސާވިސް ކޮމިޝަންގެ މެންބަރުކަމުން ވަކި ކުރެވޭނީ ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމާ އެކަށީގެންނުވާ ފަދަ ކަމެއް ކުރިކަމަށް، ނުވަތަ އެ މަގާމު އަދާ ކުރުމަށް އުޒުރުވެރިވާ ފަދަ ހާލަތެއް މެދުވެރި ވެއްޖެކަމަށް، ނުވަތަ މަގާމު އަދާކުރުމުގެ ގާބިލްކަން ނެތް ކަމަށް ފެނިއްޖެ ހިނދެއްގައި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފެނިގެން އެ މެންބަރަކު އެ ކޮމިޝަނުން ވަކި ކުރުމަށް މަޖިލީހުގެ ޖަލްސާއަކުން ފަސްކުރުމުން ކަމަށެވެ.
ސިވިލް ސާވިސްގެ ގާނޫނުގެ 51 ވަނަ މާއްދާގައި ބުނެފައި ވަނީ ދިވެހި ރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އާއްމު އިންތިހާބެއްގައި ވާދަ ކުރުމަށް ގަސްތުކުރާ ދިވެހި ސިވިލްސާވިސްގެ މުވައްޒިފުން އެ އިންތިހާބެއް ބާއްވާ ތަރީހުގެ މީލާދީ ހަ މަސް ދުވަސް ކުރިން އެ މުވައްޒަފަކު ހުރި ވަޒީފާ އިން އިސްތިއުފާ ދޭންވާނެ ކަމަށެވެ. އަދި މަގަމުން އިސްތިއުފާ ނުދީ އިންތިހާބަކަށް ކުރިމަތިލައިފި ނަމަ ވަޒީފާ އިން ވަކި ކުރެވޭނެ ކަމަށެވެ.
ވޯޓު ދިނުމާއި އިންތިހާބުތަކަށް ކުރިމަތި ލުމުގެ ހައްގާ ބެހޭ މާއްދާ ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ށ) އިންތިހާބުތަކުގައި އެކިއެކި މަގާމުތަކަށް ކުރިމަތިލުމުގެ ހައްގު ލިބިދޭ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 30 ވަނަ މާއްދާގައި ބުނަނީ ސިޔާސީ ޕާޓީތައް އުފައްދައި ހިންގައި ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމާއި ޖަމިއްޔަތަކާއި ޖަމާއަތްތައް ހެދުމުގެ މިނިވަންކަން ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމަށެވެ.
އެ ދެ މާއްދާ އުނި ކުރުމުގެ އިތުރުން، ސިވިލް ސާވިސް ކޮމިޝަންގެ މައިގަނޑޫ މަސައްކަތަކީ، ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން މަސައްކަތް ކުރުން ކަމަށް ބުނެފައިވާ ސިވިލް ސަވިސްގެ ގާނޫނުގެ 18ވަނަ މާއްދާގެ (ހ)ގެ އިބާރާތް ބަދަލު ކުރުމަށް ވެސް ހަސަން ލަތީފުގެ ބިލުގައި ވަނީ ހުށަހަޅުއްވައިފަ އެވެ.
މި ބިލުގެ ބަހުސްގައި މަރުހަލާގައި ވެސް އެ އިސްލާހަށް ގިނަ މެންބަރުންތަކެއް ވަނީ ދެކޮޅު ހައްދަވައިފަ އެވެ. އެ މެންބަރުން ވިދާޅުވީ ސިވިލްސާވަންޓުންނަކީ އެއްވެސް ސިޔާސީ ވިސްނުމެއްނެތި މުޅި ގައުމަށް ހިދުމަތްކުރަން ތިބި ބައެއް ކަމަށެވެ. އަދި ގާނޫނަށް އެ އިސްލާހް ގެނަސްގެން ސިވިލްސާވަންޓުން ސިޔާސީ ބަޔަކަށް ހަދައިފި ނަމަ ގައުމުގައި އޮތް އެންމެ އިތުބާރު ހިފޭ މުއައްސަސާ ހަލާކުވެގެން ހިނގައިދާނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގައުމީ ސަނަދުތަކުގެ އޮނިގަނޑަށް އަމަލު ކުރުމުގެ ގަވާއިދު، އާއްމު ގަވާއިދު ތަކާބެހޭ ގާނޫނުގައި ހިމެނުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.
އެގޮތަށް ފާސްކޮށްފައި ވަނީ ޖަލްސާގައި ތިއްބެވި 57 މެންބަރުންގެ ތެރެއިން 51 މެންބަރުން ވޯޓު ދެއްވައިގެންނެވެ.