06 Jun 2012, 14:00
ރާއްޖޭގެ ސިޔާސީ މަސްރަހުގައި އުފެދިފައިވާ ނުތަނަވަސްކަން ހުރިހާ ސިޔާސީ ޕާޓީތަކުން ވާހަކަ ދައްކައިގެން ހައްލު ކުރަން އދ. އިން ގޮވާލި ގޮވާލުމަކީ ސަރުކާރުގެ މަގުޗާޓުގެ މަސައްކަތް ކުރިއަށް ގެންދަން ގޮވާލުން ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ އދ. ގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން އިއްޔެ ނެރުއްވާފައިވާ ބަޔާނުގައި ސިޔާސީ ފަރާތްތަކުގެ މެދުގައި މަޝްވަރާކޮށްގެން މައްސަލަ ހައްލުކުރަން ގޮވާލާފައިވާތީ ސަރުކާރުން މަރުހަބާ ކިޔާ ކަމަށެވެ.
"ބަންކީ މޫންގެ ސްޓޭޓްމަންޓަށް ސަރުކާރުން ވަރަށް ބޮޑަށް މަރުހަބާ ކިޔަން. ބަންކީ މޫން ގޮވާ ލެއްވީ އަސްލުގައި 16 ފެބްރުއަރީ ގައި ރައީސުލް ޖުމްހޫރިއްޔާ އެކަށައަޅުއްވާފައި އޮތް މަގުޗާޓުގައިވާ ގޮތައް ވާހަކަތައް ކުރިއަށް ގެންދަން،" އައްބާސް ވިދާޅުވި އެވެ.
އެނާ ވިދާޅުވީ މަގުޗާޓުގައިވާ މަސައްކަތްތަކުގެ އަސްލަކީ ސިޔާސީ ޕާޓީތަކާއި މަޝްވަރާކޮށްގެން ސިޔާސީ ހައްލު ގެނައުން ކަމަށްވާތީ ބަންކީ މޫންގެ ބަޔާނުން މަގުޗާޓަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
ގާނޫނު އަސާސީއާ އެއްގޮތައް ސިޔާސީ ހައްލު ހޯދަން ބަޔާނުގައި ގޮވާލާފައިވާ އޮތުމުން ސަރުކާރުން ގަބޫލު ކުރަނީ ގާނޫނު އަސާސީގެ ރުހާ ހިލާފަށް އަވަސް އިންތިހާބެއް ބޭއްވުމަށް ގޮވާލާ ވާހަކަތައް ވެސް ނިމުމަކަށް އައުން ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
"ބަންކީ މޫންގެ މި ސްޓޭޓް މަންޓުން ޔަގީންކަން ލިބިގެން މިދިޔައީ ދުނިޔޭގެ އެހެން ޖަމިއްޔާތަކުން ނުވަތަ އެހެން ފަރާތްތަކުން މި ގޮވާލާ ގާނޫނު އަސާސީގެ ރުހާއި ހިލާފަށް އިންތިހާބު ބޭއްވުމުގެ ވާހަކަ މި ނިމުމަކަށް އައީކަމަށް،" އެނާ ވިދާޅުވި އެވެ.
އދ. އިން އިއްޔެ ނެރިފައިވާ ބަޔާނެއްގައި ގޮވާލާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި މަޖިލީހުގެ ބޭރުން ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމަށެވެ.