06 Jun 2012, 13:57
ދިޓީވީ އިން ދަރުބާރުގޭގެ މާލަމެއް ކުއްޔަށް ހިފުމަށް ހައްދާފައިވާ ބުކިންއެއް ކެންސަލް ކުރެއްވުމަށް ފަހު ރާއްޖެ ޓީވީ އަށް އެމާލަން ދިން މައްސަަލައެއްގައި ދަރުބާރުގެ ހިންގެވުމާ ހަވާލުވެ ހުންނެވި ހައުސިން މިނިސްޓްރީގެ ބޭފުޅެއްގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްފައިވާ ކަމުގެ ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮެރަޕްޝަންސް ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ހުށަހަޅައިފި އެވެ.
މަގާމުގެ ނުފޫޒުގެ ބޭނުންކޮށްގެން އެހެން ފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާ ކަމުގެ ދައުވާކޮށްދިނުމަށް އެދި އޭސީސީން ހުށަހަޅާފައި ވަނީ މ. މެެރީޑިއަމް އިބްރާހިމް ފަޔާޒްގެ މައްޗަށެވެ. އޭނާއަކީ
2011 ވަނަ އަހަރު ދަރުބާރުގެ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ހައުސިން މިނިސްޓްރީގެ ޑިރެކްޓަރެކެވެ.
އެސީސީން ބުނި ގޮތުގައި 26 އެޕްރީލް 2011 ވަނަ ދުވަހު އެމްޑީޕީގެ އިންޓާނަލް އިލެކްޝަނާ ގުޅިގެން ދަރުބާރުގޭގައި ބާއްވާ ބަހުސް ބޭއްވުމަށް ބްރޯޑްކާސްޓިން މޯލްޑިވްސް (ދިޓީވީ) އަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމް ދޫކޮށްފައިވާ ކަމަށެވެ. އަދި އެކަމަށް އެކުންފުނިން ވަރަށް ބޮޑު ހަރަދުތަކެއް ވެސް ކޮށް، އެ އިވެންޓް އޮންނާނެ ކަން މީޑިއާގައި އާއްމުވެސް ކޮށްފައިވަނިކޮށް، އެހޯލްގެ ބުކިން ރާއްޖެ ޓީވީއަށް ބަދަލުކޮށްފައިވާ ކަަމަށް ބުނެ އެކޮމިޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އެކޮމިޝަނުން އެމައްސަލަ ބެލިއިރު އެހޯލްގެ ބުކިން ރާއްޖެ ޓީވީއަށް ބަދަލުކޮށްފައި ވަނީ ދަރުބާރުގެ ދޫކުރުމާ ބެހޭ އާއްމު އުސޫލްތަކާ ހިލާފަށް ކަމަށެވެ.
އޭސީސީން ބުނީ ދިޓީވީގެ ބުކިން ކެންސަލްކޮށްފައި ވަނީ އިވެންޓް އޮންނަ ދުވަހުގެ ކުރީދުވަހާއި ހަމައަށް ފައިސާ ދެއްކުމުގެ މުއްދަތު އޮއްވައި ކަމަށެވެ. ކުރިން ބުކިން ހަދާފައިވާ ފަރާތެއްގެ ބުކިން ކެންސަލްކުރަނީ ނަމަ ކެންސަލްކުރަމުން ގެންދިޔައީ އެފަރާތަކާ އެކު އެކަމާ މަޝްވަރާކޮށް އެފަރާތަކުން އެއްބަސްވުމުން ކަމަށް ހެކިންގެ ބުނެފައިވެ އެވެ.
ދިޓީވީގެ ބުކިން ކެންސަލްކޮށް ރާއްޖެ ޓީވީއަށް ދީފައި ވަނީ ދިޓީވީއަށް ފޯނުން ގުޅުމަށް ފަހު ފައިސާ ދެއްކުމަށް ފުރުސަތު ދިނުމަށް ފަހު ކަމަށް އޭރު ދަރުބާރުގެ ހިނގުމާ ހަވާލުވެގެން ހުރި އިބްރާހިމް ފަޔާޒް ވިދާޅުވެފައިވާ އިރު އެފަދަ ފުރުސަތެއް ދިޓީވީ އަށް ދީފައިނުވާކަން ހެކިންގެ ހެކިބަހުން އެނގޭ ކަމަށް އޭސީސީން ބުނެފައިވެ އެވެ.