31 Mar 2024, 13:59
މައޭމީ އޯޕަންގެ އަންހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން އެމެރިކާގެ ޑެނިއެލް ކޮލިންސް ކާމިޔާބު ކޮށްފިއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ކޮލިންސް ހޯދީ މި މުބާރާތުގައި ހަތަރު ވަނައަށް ސީޑު ކުރެވިފައިވާ ކަޒަކިސްތާންގެ އެލޭނާ ރިބަކީނާ އާއި ފައިނަލްގައި ވާދަކޮށް ކުރި ހޯދައިގެންނެވެ.
މި މެޗު ކޮލިންސް ކާމިޔާބު ކޮށްފައިވަނީ ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ކޮލިންސް ކާމިޔާބު ކޮށްފައިވަނީ ހަތެއް ފަހަކުންނެވެ. އަދި ދެވަނަ ސެޓު ކާމިޔާބު ކޮށްފައިވަނީ ހައެއް ތިނަކުންނެވެ. މިއީ އުމުރުން 30 އަހަރުގެ ކޮލިންސްގެ ކެރިއަރުގައި ޑަބްލިޔުޓީއޭ ވަން ތައުޒަންޑްގެ މުބާރާތެއް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.
މިއީ މި ސީޒަން ނިމުމުން ޓެނިހުން ރިޓަޔާ ކުރުމުގެ ވިސްނުން ގެން ގުޅެމުންދާ ކޮލިންސްއަށް ކާމިޔާބު ކުރެވުނު ތިންވަނަ ތައްޓެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ދުނިޔޭގައި 53 ވަނައަށް ރޭންކް ކުރެވިފައިވާ ކޮލިންސް ހާމަކުރި ގޮތުގައި އޭނާ މިހާ ހިސާބަށް އައުމަށް ޓަކައި ވަރަށް ބުރަކޮށް މަސައްކަތްކުރިއެވެ.
އަމިއްލަ ފަސްގަނޑުގައި އަމިއްލަ ޤައުމުގެ ކުޅިބެލުންތެރިން ކުރިމަތީ މިމުބާރާތް ކާމިޔާބު ކުރެވުމުން ލިބުނު ހިތްހަމަ ޖެހުން އިތުރު ވެގެން ގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
މިއީ މަޔާމީގެ މުބާރާތް ސީޑް ނުކުރާ ކުޅުންތެރިޔަކަށް ކާމިޔާބު ކުރެވުނު ދެވަނަ ފަހަރެވެ. ސީޑް ނުކުރެވޭ ކުޅުންތެރިޔަކަށް އެންމެ ފުރަތަމަ މިމުބާރާތް ކާމިޔާބު ކޮށްފައިވަނީ 2005 ވަނަ އަހަރު ކިމް ކްލައިސްޓާސް އެވެ.
މިއީ މިމުބާރާތުގެ ފައިނަލްގައި ވާދަކޮށް ރީބަކީނާ ޖެހިޖެހިގެން ބަލިވި ދެވަނަ ފަހަރެވެ. މިދިޔަ ސީޒަންގައި އޭނާ ބަލިވެފައިވަނީ ފައިނަލްގައި ޕެޓްރާ ކްވިޓޯވާއާ ބައްދަލުކޮށެވެ.
މި ކާމިޔާބީއާއެކު ދުނިޔޭގެ ރޭންކިންގެ 22 ވަނައަށް ކޮލިންސް ކުރިއަށް ޖެހިލާނެއެވެ.