ޖަރުމަނު ބުންޑަސްލީގާގައި ތާވަލްގެ އެއްވަނައިގާ އުޅޭ ބަޔާ ޒީރޯ ފޯ ލެވަކޫސެން އާއި އެއިޓީން ނައިންޓީ ނައިން ހޯފެންހައިމް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ތާވަލްގެ އެއްވަނައިގައި 13 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ލެވަކޫސެންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރާ ދެ ލަނޑު އެއް ލަނޑުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު ވެގެންދިޔައީ ލެވަކޫސެންގެ ކޯޗު ޒާބީ އަލަންސޯ މި އަންނަ ސީޒަންގައި ވެސް އެ ޓީމުގައި މަޑު ކުރާނެކަން ހާމަކުރިފަހުން ކުޅުނު ފުރަތަމަ މެޗެވެ.

މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލެވަކޫސެނުންނެވެ. ނަމަވެސް މި މެޗު ވެގެންދިޔައީ ލެވަކޫސެނަށް އެހާ ފަސޭހަ މެޗަކަށް ނޫނެވެ.

މިގޮތުން މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ ހޯފެންހައިމް އިންނެވެ. މިލަނޑު މެޗުގެ 33 ވަނަ މިނެޓުގައި ޖަހައިދިނީ މެކްސިމިލިއަން ބެއިއާއެވެ.

މި މެޗުގައި ލެވަކޫސެންއަށް ދިޔައީ ހޯފެންހައިމްގެ ޑިފެންސް ފޫއަޅުވާލުމުގައި ގިނަ މައްސަލަތަކަކާ ކުރިމަތިވަމުންނެވެ. މި ނަތީޖާގައި އޮވެ މެޗު ނިމެން ގާތްވަމުންދިޔަ ވަރަކަށް މި ސީޒަންގައި ފުރަތަމަ ފަހަރަށް ލެވަކޫސެން މެޗަކުން ބަލިވެދާނެކަމުގެ އިހްސާސް ކުރެވެން ފެށިއެވެ.

ނަމަވެސް މިކަން ބަދަލުވެގެންދިޔައީ މެޗުގެ 88ވަނަ މިނެޓުގައި ރޮބާޓް އެންޑްރިކް ޖަހައިދިން ލަނޑުންނެވެ. އަދި މި މެޗުން ލެވަކޫސެން މޮޅުވި ލަނޑު ޖަހައިދިނީ އިތުރު ވަގުތުގެ އެއްވަނަ މިނެޓުގައި ޕެޓްރިކް ޝިކްއެވެ.

މި ކާމިޔާބީއާއެކު ލެވަކޫސެންއިން މިހާރު މި ވަނީ ބަލިނުވެ 39 މެޗު ފުރިހަމަ ކޮށްފައެވެ. ލެވަކޫސެން މިހާރު އުޅެނީ މިހާތަނަށް ކުޅުނު 27 މެޗުން ލިބިފައިވާ 73 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި 13 ޕޮއިންޓްގެ ލީޑަކާއެކުއެވެ.

އަދި މިހާރު ކޮންމެ ޓީމަކަށް ބާކީ ހަތް މެޗު އޮތްއިރު ބުންޑަސްލީގާގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލުމުގެ ފުރުސަތު ލެވަކޫސެންއަށް ވަރަށް ބޮޑެވެ.

މި މެޗުން ބަލިވުމާއެކު ހޯފެންހައިމް އުޅެނީ 33 ޕޮއިންޓާއެކު ތާވަލްގެ ނުވަ ވަނައިގައެވެ.