31 Mar 2024, 11:13
އިންގްލިޝް ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އާއި ވުލްވަހެމްޕްޓަން ވޮންޑަރާސް ބައްދަލުކުރި މެޗު ވިލާއިން ކާމިޔާބު ކޮށްފިއެވެ.
ވިލާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު ސުން ލަނޑުންނެވެ.
މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ވުލްވްސްއެވެ. ނަމަވެސް މިއާއެކުވެސް މި މެޗުގައި ވުލްވްސްއަށް ވިލާގެ ގޯލް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ. މި މެޗުގައި ވިލާ ފެނިގެންދިޔައީ އެ ޓީމަށް ލިބުނު ފުރުސަތު ތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުނު ތަނެވެ.
މި ގޮތުން މެޗުގެ 36 ވަނަ މިނެޓުގައި ވިލާއިން އުފެއްދި ހަމަލާއެއްގައި އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައިދިނީ މޫސާ ޑިއާބީއެވެ. މި ލަނޑާއެކު ވިލާއިން ހަމަޖެހިލިތަން ފެނިގެންދިޔައެވެ. މި މެޗުގައި ވިލާއިން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި ޖަހައިދިނީ އެޒްރީ ކޮންސާއެވެ.
މި ލަނޑާއެކު މި ހަފުތާ ވެގެން ގޮސްފައިވަނީ ކޮންސާއަށް ވަރަށް ކާމިޔާބު އަދި ފާހަގަ ކޮށްލެވޭ ހަފުތާއަކަށެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެފައިވަނީ މި މެޗުގައި ލަނޑު ޖެހުމުގެ އިތުރުން މި ހަފުތާގެ ކުރީކޮޅު އޭނާއަށް ވަނީ އިންގްލަންޑް ޓީމަށް އެންމެ ފުރަތަމަ ފަހަރަށް ކުޅުމުގެ ފުރުސަތު ލިބިގެން ގޮސްފައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ކޮންސާވަނީ އޭނާގެ އުފާވެރިކަން ބުނެދޭން އުނދަގޫކަމުގައި ހާމަކޮށްފައެވެ. އިންގްލަންޑް ޓީމަށް ކުޅުމަކީ އޭނާ އަބަދުވެސް ބޭނުންވި އެއް ކަންތައް ކަމަށާއި އެހެން ކަމުން އެ ފުރުސަތު ލިބިގެން ދިއުމުން އެއީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމުގައި އޭނާ ހާމަކުރިއެވެ.
މިކާމިޔާބީއާއެކު ވިލާއިން މިހާރުވަނީ ކުޅުނު 30 މެޗުން ލިބިފައިވާ 59 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ. އަދި މި މެޗުން ބަލިވުމުން ވުލްވްސް އުޅެނީ 41 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގައެވެ. ވިލާ އާއި ތާވަލްގެ ހަތަރުވަނައަށް އެންމެ ގާތުން ވާދަކުރަމުންދާ ޓޮޓްނަމް ހޮޓްސްޕާވެސް ވަނީ އެ ޓީމު ކުޅުނު މެޗު ކާމިޔާބު ކޮށްފައެވެ.
ސްޕާސް ވަނީ ލޫޓަން ޓައުން އާއި ބައްދަލުކުރި މެޗު ފަހަތުން އަރާ ކާމިޔާބު ކޮށްފައެވެ. ސްޕާސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ތިން ވަނަ މިނެޓުގައި ޖަހާ ލީޑު ނަގާފައިވަނީ ލޫޓަންއެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޓަހިތު ޗޮންގްއެވެ. މި މެޗުގައި ސްޕާސްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރި ލަނޑަކީ އީސާ ކަބޯރޭ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މި މެޗުން ސްޕާސް މޮޅުވި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 86 ވަނަ މިނެޓުގައި ކެޕްޓަން ސޮން ހެއުން މިންއެވެ.
މި ކާމިޔާބީއާއެކު ސްޕާސް މިހާރު އުޅެނީ 29 މެޗުން ލިބިފައިވާ 56 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައިގައެވެ. އަދި އެ ޓީމު ނުކުޅެ އޮތް މެޗާއެކު ވިލާ އާއި ޕޮއިންޓްގެ ގޮތުން އަރާ ހަމަކުރުމުގެ ފުރުސަތު ސްޕާސްއަށް ލިބިފައިވެއެވެ. އަދި ސްޕާސް އަތުން ބަލިވުމާއެކު ލޫޓަން އުޅެނީ 22 ޕޮއިންޓާއެކު ތާވަލްގެ 18 ވަނައިގައެވެ.