ރާއްޖޭގެ ބޮޑު ފިލްމު ޕްރޮޑަކްޝަން ކުންފުނި "ޑާކްރެއިން އެންޓަޓެއިންމެންޓް"ގެ އާ ޕްރޮޖެކްޓު "ބިބީ"ގެ ޝޫޓިންގެ މަސައްކަތުގެ ބޮޑު ބައެއް ނިންމާލައި މުޅި ފިލްމު ޝޫޓުކޮށް ނިމުމާ ގާތް ކޮށްލައިފިއެވެ.

ޑާކްރެއިން އިން ތަފާތު ގިނަ އާ ޕްރޮޖެކްޓުތަކެއްގެ މަސައްކަތް ކުރަމުން އަންނަކަން އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރެވެ. ޖުމްލަ ހަ ޕްރޮޖެކްޓެއް އިއުލާނު ކުރި ދުވަސްވަރު އަލަށް އިއުލާނުކުރި އެއް ޕްރޮޖެކްޓަކީ ބިބީ އެވެ. މިި ފިލްމު އިއުލާނުކޮށް ފިލްމުގެ ޝޫޓިންގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ބިބީގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނި ގޮތުގައި ފިލްމުގެ ޝޫޓިންގެ 85 ޕަސެންޓު މަސައްކަތް މިހާރު ވަނީ ނިންމާލެވިފައެވެ. އަދި ވަރަށް އަވަހަށް މުޅި ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާލެވޭނެ ކަމަށް ވެސް މޮގާ ބުންޏެވެ.

މި ޕްރޮޖެކްޓުގެ ޕްރޮޑިއުސަރުންގެ ގޮތުގައި މޮގާ އާއި އައިޝަތު ފުވާދު ހިމެނޭއިރު ކެމެރާ ކުރުމުގައި ހަރަކާތްތެރިވާނީ އަހުމަދު ޒިފާފް (ޒިއްޕެ) އެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ޝަހުދާ މަމްދޫހެވެ. މިއީ އޭނާ ޑައިރެކްޓު ކުރާ ފުރަތަމަ ފީޗާ ފިލްމެވެ.

މި ފިލްމުގެ ކާސްޓުގެ ގޮތުގައި ހިމެނެނީ ޝަރަފު އަބްދުﷲ އެވެ. ޝަރަފަކީ މިވަގުތު ފިލްމު އިންޑަސްްޓްރީގައި އެންމެ ޑިމާންޑު ބޮޑު އެއް ތަރިއެވެ. ޑާކްރެއިން އިން އެންމެ ފަހުން ދައްކާފައިވާ ފިލްމު "ފުރޭތަ"ގެ ލީޑު ރޯލުން ވެސް ފެނިގެން ގޮސްފައިވަނީ އޭނާއެވެ. ޝަރަފުގެ އިތުރުން މި ފިލްމުން ފެންނާނީ މަރިޔަމް މަޖުދާ އާއި އަބްދުﷲ ޝާފިއު (ފުބޫ) އަދި ޝީލާ ނަޖީބެވެ.

މި ފިލްމު ޝޫޓިން ނިމުމާ ގާތް ވަމުން ދިޔަ ނަމަވެސް ފިލްމު ރިލީޒް ކުރާނެ ދުވަހެއް އަދި ނޭނގެއެވެ. ޑާކްރެއިން އިން މިހާރު މަސައްކަތް ނިމި އަދި އަޅުވާފައި ނުވާ ބައެއް ފިލްމު ހުރި އިރު، ބިބީ ފެނުމުގެ ކުރީން އެ ފިލްމުތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. މިއަހަރު އެންމެ އަވަހަށް ދެން ފެންނާނެ ކަމަށް ބެލެވޭ އެއް ފިލްމަކީ "ބަޅިނދު" އެވެ.