ރަމަޟާންމަހުގެ ފަހުދިހައިގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާ، އަޅުކަމުގައި ގިނަ ވަގުތު ހޭދަ ކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް މިފަދައިން ވިދާޅުވީ ސިލްސިލާކޮށް ކުރިއަށްގެންދާ އާންމުންނަށް ރައީސާ ސުވާލުކުރެވޭ 'ރައީސްގެ ޖަވާބު'ގެ މިއަދުގެ ޕްރޮގްރާމްގައެވެ.

އާއްމުންގެ މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ފަހު ދިހައިގެ ދުވަސްތައް ސަރުކާރު ބަންދުކުރަން ނިންމެވީ، ރޭއަޅުކަމަށް ފުރުޞަތުދެއްވައި، މި ދުވަސްތަކުގައި އެންމެ ހެނދުނާ އޮފީހަށް ދިއުމުގެ ބުރަ ލުއިކޮށްދެއްވުމަށް ކަމަށެވެ.

މިއީ އިސްލާމްދީންމަތީ ރާއްޖެ ހޭދަކުރި 897 އަހަރުގެ ތާރީޚަށް ބަލާއިރު، ރަމަޟާންމަހުގެ ފަހުދިހަ ރައްޔިތުންނަށް އަޅުކަމަށް ޚާއްޞަކޮށްދޭން މިފަދަ ނިންމެވުމެއް ދައުލަތުން ނިންމެވިކަން އެނގެން އޮތް ފުރަތަމަ ފަހަރެވެ.

ފަހުދިހައިގައި ކޮންމެހެން ޚިދުމަތަށް ނުކުންނަން ޖެހޭ ސަރުކާރު މުވައްޒަފުންނަށް ޚާއްޞަ ޢިނާޔަތެއް ދެއްވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ. ސަރުކާރުން މިހާތަނަށް ރައްޔިތުންނަށް އެންމެ ގިނަ ލުއި ހޯއްދަވައިދެއްވި ރޯދަމަހަށް މިއަހަރުގެ ރޯދަމަސް ވާނެއެވެ.

މިގޮތުން މިފަހަރުގެ ރޯދަމަހު ކާބޯތަކެތީގެ އަގު ބޮޑުވިޔަ ނުދޭން ޚާއްޞަ ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅުއްވާފައެވެ. އަދި ރޯދަ ހަދިޔާ ރައްޔިތުންނަށް ބެއްސެވިއެވެ. ރޯދަމަހު ކަރަންޓާ ފެނުގެ ބިލުތައް ބޮޑުވިޔަ ނުދޭން ބިލްތަކުން ޑިސްކައުންޓެއް ދެއްވައި ވަކި މިންވަރެއް މަޢާފްކޮށްދެއްވާނެކަން ވެސް ރައީސް ވަނީ އިޢުލާންކުރައްވާފައެވެ.

އަހަރުތެރޭގައި އަންނަ އެންމެ ހެޔޮކަން ބޮޑު ރޭ ކަމުގައިވާ ލައިލަތުލްޤަދްރު ވަނީ ރޯދަމަހުގެ ފަހު 10 ގެ ތެރޭގައެވެ. ފަހު 10 ގައި އަޅުކަން އިތުރުކުރުމަށް މުޅި އުންމަތަށް ކީރިތި ރަސޫލާ ވަނީ އިރުޝާދު ދެއްވާފައެވެ. އަދި އެކަލޭގެފާނުގެ ސުންނަތަށް ބަލާއިރު އެކަލޭގެފާނު އެންމެ ދީލަތިކަމާ އިޙްސާންތެރިކަން އިތުރުކުރެއްވީ ރަމަޟާންމަހުގެ ފަހު 10 ގައެވެ. މިއަދުން ފެށިގެން ކުރިއަށް އޮތީ މި ރޯދައިގެ ފަހު ދިހައިގެ ދުވަސްތެކެވެ.