ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އޮތް ގޮތުން އަލަށް އުފެއްދި މިނިވަން މުއައްސަސާތައް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ޖަވާބުދާރީ ނުކުރެވޭ މައްސަލާގައި މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ގެނައުމަށް އާންމު ކޮމެޓީ ހުށަހަޅައިފި އެވެ.

މާޗް 2، 2010ގައި އަމަލް ކުރަން ފެށި މަޖިލީހުގެ ގަވާއިދު އެކުލެވިގެންވާ ގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް ޖަވާބުދާރީ ނުކުރެވޭ މުއައްސަސާތަކުގެ ތެރޭގައި އޮޑިޓާ ޖެނަރަލްގެ އޮފީހާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިތުރުން މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑް ކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ އިތުރުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ވެސް ހިމެނެ އެވެ.

މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުންދާ އާންމު ކޮމެޓީގެ މުގައްރިރު އަދި އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު ނާޒިމް ރަޝާދު ވިދާޅުވީ އަލަށް އުފެއްދި މިނިވަން މުއައްސަސާތައް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހާޒިރުކޮށް، ޖަވާބުދާރީ ކުރުވޭ ގޮތަށް އިސްލާހުގެނައުމަށް ކޮމެޓީން ކުރަން ޖެހޭ ހުރިހައި ކަމެއްކޮށް މިހާރު މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގެ ޖަދުވަލު (2) ގައިވާ ގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ޖަވާބުދާރީ ކުރެވެނީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަނާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ އިތުރުން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހެވެ.

ނާޒިމް ރަޝާދު ވިދާޅުވީ މަޖިލީހުގެ ގަވާއިދަށް ގެންނަން ފެންނަ ބަދަލުގެ ތެރޭގައި ސަރުކާރު ތަމްސީލު ކުރާ ޕާޓީގެ މެންބަރަކު މަޖިލީހުގައި ނެތިއްޖެ ހާލަތެއްގައި ސަރުކާރުން ބިލް ހުށަހަޅާނެ އިސްލާހަކާއި ރިޔާސީ ބަޔާނަށް ޖަވާބުދިނުމާއެކު އުފެދިފައިވާ ހިޔާލުތަފާތުވުންތަކަށް ހައްލެއް ހޯދުމަށް އިސްލާހެއްގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ. އަދި އެ މަސައްކަތް ނިންމައި ވަރަށް އަވަހަށް މަޖިލީހުގެ ތަޅުމަށް ފޮނުވާނެ ކަމަށް ނާޒިމް ރަޝާދު ވިދާޅުވި އެވެ.