00:15


މަސްތުވާތަކެއްޗާއި ބަނގުރާ އެއްތަނުން އަނެއް ތަނަށް ގެންދިއުމުގެ މަސައްކަތް ކުރާ ކާރެއް ފުލުހުން އަތުލައިގެންފައިވާ ކަމަށާއި އެކަމާގުޅިގެން ހައްޔަރުކުރި މީހާގެ މުއްދަތު އިތުރު ކުރުމަށް ރޭ ކޯޓަށް ހުށަހެޅުމުން އެމީހާ ކޯޓުން ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެފި އެވެ. މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް، ހުސްވި ޖުލައި މަހުގެ އެކަކުން ފެށިގެން، މިހާތަނަށް ފުލުހުން ހިންގި އޮޕަރޭޝަންތަކާ ބެހޭ މައުލޫމާތު ދެއްވަމުން، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖިނާހު މިއަދު ވިދާޅުވީ އެ ކާރަކީ ޢާންމުކޮށް މާލެ ތެރޭގައި ދުއްވާ އުޅޭ ކާރެއް ނޫންކަމަށާއި އެއީ މައްސުވާތަކެއްޗާއި ބަނގުރާ، އެއްތަނުން އަނެއްތަނަށް އުފުލުމަށް ގެންގުޅޭ ކާރެއްކަމުގެ މައުލޫމާތު ޑްރަގް އިންޓެލިޖެންސްއަށް އެކިފަހަރު މަތިން ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ކާރުން ފެނުނު ބަނގުރާ ފުލުހުން ސާފުކުރީ، ކާރުގެ ވެރިފަރާތް ހާޒިރުކޮށް އޭނާގެ ކުރިމަތީގައި ކަމަށާއި އެ ކާރަކީ މީގެ ދެ އަހަރު ކުރިން އެހެން މީހަކާ ހަވާލުކޮށްފައިވާ ކާރެއް ކަމަށް ކާރުގެ ވެރިފަރާތުން މައުލޫމާތު ދިން ކަމަށް ވެސް ޖިނާހު ވިދާޅުވި އެވެ. އަދި ކާރުގެ ވެރިފަރާތުން މައުލޫމާތުދިން މީހާއަކީ މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރި ހިންގާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ މީހެއް ކަމަށާއި އެ މައްސަލައާ ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށްގެނެސް ބަންދުގައި ބަހައްޓަން ޖެހޭ މުއްދަތު ހަމަވެގެން މުއްދަތު އިތުރު ކުރުމަށް ރޭ ކޯޓަށް ގެންދިއުމުން އޭނާ ދޫކޮށްލީ ކަމަށް ވެސް ޖިނާހު ވިދާޅުވި އެވެ. ނަމަވެސް އެމީހަކީ ކާކުކަމެއް ނުވަތަ އެކާރާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވަ އެވެ.


ޖިނާހު އިތުރަށް ވިދާޅުވީ ޖުލައި އެކަކުން ފެށިގެން މިއަދާހަމައަށް ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ވިޔަފާރި ހިންގަން އުޅެނިކޮށް އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ އަގު ދިވެހި ރުފިޔާއިން ލައްކައަކަށްވުރެ މައްޗަށް އަރާނެ ކަމަށެވެ. އަދި މަސްތުވާތަކެތި ބޭނުންކުރަން ތައްޔާރުކޮށްފައި ހުއްޓައި އަތުލައިގަތް މީހުންގެ އަދަދަށް ބަލާއިރު ހަތްސަތޭކަ މީހުން މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވާލެވިފައިވާނެ ކަމަށް ވެސް ޖިނާހު ވިދާޅުވި އެވެ. އަދި މި މުއްދަތުގައި ބަނގުރަލާއި ބިޔަރު ވެސް ފުލުހުން އަތުލައިގަނެފައިވާ ކަމަށާއި، މާލޭން އަތޮޅަކަށް ބޭރުކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ވެސް ޖިނާހު ވިދާޅުވި އެވެ. ނަމަވެސް ކާރުގެ މައްސަލައިގައި އަތުލައިގަން މީހާ ފިޔަވައި އިތުރު މީހަކު އަތުލައިގެންފައިވާ ކަމަކަށް ޖިނާހު ވިދާޅެއްނުވެ އެވެ.