އައްޑޫ ސިޓީގެ މީދޫގައި ހަތް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރާ މައްސަލައެއް ފުލުހުންނާއި ހިތަދޫ ފެމެލީ އެންޑް ޗިލްޑްރަން ސާވިސް އިން ބަލަން ފަށައިފި އެވެ.

ހިތަދޫ ފެމެލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެ ސެންޓާރާއި ފުލުހުން ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުން ގެންދާއިރު، މައްސަލައިގެ ތުހުމަތަށް އާއިލީ ގޮތުން ކުއްޖާއާ ގާތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ސެންޓަރުގެ ޓީމެއް އިއްޔެ އެރަށަށް ގޮސް އެކުއްޖާއާ ވާހަކަ ދައްކާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ އާއިލީ ގޮތުން ގާތް މީހެއް. އެމީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި. ފުލުހުންނާއި ގުޅިގެން މިހާރު މިދަނީ އެ މައްސަލަ ތަހުގީގު ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އެ އަތޮޅު ހުޅުދޫގައި 14 އަހަރުގެ އަންހެން ކުއްޖަކަށް އެކިފަހަރު މަތިން ޖިންސީ ގޯނާ ކުރިކަމަށް ބުނެ މިދިޔަ މަހުގެ ތެރޭގައި ހުށަހެޅި މައްސަލައެއްގެ ތަހުގީގު ވެސް ފަށާފައިވާ ކަމަށެވެ.

އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރިމަކުގެ ތުހުމަތަށް އެރަށުގެ ބަޔަކާއި ބައެއް ބިދޭސީން ވެސް ހައްޔަރު ކުރި ކަމަށާއި ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕޮރޮޓެކްޝަން ޔުނިޓްގެ ޚާއްސަ ޓީމެއް އެރަށް ގޮސް ނަގަންޖެހޭ ބަޔާންތައް މިހާރު ނަގާފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ސެންޓަރުގައި އެކުއްޖާ ބަހައްޓާނެ ތަނެއް ނެތުމުން އެކުއްޖާގެ މަންމައާ މިހާރު ހަވާލު ކޮށްފައިވާ ކަމަށާއި އެކުއްޖާ ބަހައްޓާނެ ރައްކާތެރިތަނެއް ހޯދަން ޖެންޑާ ޑިޕާޓްމަންޓާ ގުޅިގެން މަސައްކަތް ކުރާ ކަމަށެވެ.