30 Mar 2024, 00:10
ރާއްޖޭގެ ރައީސްކަން ފަސް އަހަރުކުރައްވައިފައި ހުންނެވުމަކީ ހިތްޕުޅަށް އަރައިހާ އިތުރުފުޅެއް ހައްދަވަން ލިބޭ ލައިސަންސެއް ނޫންކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މިރޭ އޮތް ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުއިއްޒުވަނީ، މިހާރު އެ މަނިކުފާނާ ވާދަވެރި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ނުސީދާ ގޮތެއްގައި ރައްދު ދެއްވައިފައެވެ.
މިހާރު އެމްޑީޕީން ބާއްވާ ޖަލްސާތަކުގައި ޞާލިހު ގެންދަވަނީ ތަކުރާރުކޮށް ސަރުކާރުގެ އެކި މަޝްރޫއުތަކަށް ފާޑު ވިދާޅުވަމުންނެވެ. އަދި އެކި ތުހުމަތުތައް ވެސް އަންނަނީ ކުރައްވަމުންނެވެ.
މިރޭ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ކުރިމައްޗަށް ނިކުމެވަޑައިގެން ވާހަކަދައްކަވަން ޖެހޭނީ ތެދު ބަހުން ކަމަށާއި ފަސް އަހަރު ރައީސްކަން ކުރެއްވުމަކީ ހިތަށް އަރާހައި ގޮތަކަށް ދޮގު ހެއްދެވުމަށް ލިބިފައި އޮންނަ ލައިސަންސެއް ނޫން ކަމަށެވެ.
"ފަސް އަހަރެއްގައި ރައީސުލްޖުމްހޫރިއްރާކަން ކުރުމުގެ ފުރުސަތު ލިބުމަކީ ހިތްޕުޅަށް އަރައިވަޑައިގަންނަވާހާ ގޮތަކަށް އިތުރުފުޅު ހެއދެވުމުގެ ލައިސަންސެން ނޫން. އެއީކީއެއް އެކަމަށް އޮތް ލައިސަންސެއް. އެކަމަށް އޮތް ހުއްޖަތެއް ނޫން،" ރައީސް ވިދާޅުވިއެވެ.
އެއާއެކު، އެމަނިކުފާނު އަބަދުވެސް ވާހަކަދައްކަން ވާނީ ތެދު ބަހުން ކަމަށާއި ރައްޔިތުންނަށް ކޮންމެ ބޭފުޅަކު ވެސް އިޚުލާސްތެރިވާން ޖެހޭކަމަށެވެ.
"އެ ބޭފުޅުން ވަކި ލިސްޓެއް ހަދައިގެން ފޯމް ލިޔަސް ނުލިޔަސް ގޯއްޗާއި ފްލެޓް ދިނީ، އެކަން ނޫންތޯ އޭސީސީއިން އެބަލަނީ. އަޅުގަނޑުމެން ވަކި ލިސްޓެއް ހަދައިގެން ވަކި ލިސްޓަކަށް އެ ގޯތިތައް ދޭން ވެގެން އެބަ އުޅެއޭ، ތިމަންނަމެންގެ މެޖޯރިޓީ މަޖިލީހުގައި އޮތީމައޭ އެކަން ނުކުރެވިގެން އުޅެނީއޭ ކިޔައިގެން ދައްކަނީ ހުސް ބުހުތާނު ދޮގު" ރައީސް ފާހަގަކުރެއްވިއެވެ.
މިފަހުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ފުލުހަށް ހާޒިރުކުރުމާއެކު ވެސް އެމްޑީޕީގެ ފާޑު ކިޔުންތައް ސަރުކާރަށް އިތުރުވިއެވެ.