06 Jun 2012, 12:38
ފެބުރުއަރީ 6 ވަނަ ދުވަހުގެރޭ އާޓިފިޝަލް ބީޗްގައި ގުޅިފައިވާ އިއްތިހާދާއި އެމްޑީޕީން ކުރި މުޒާހަރާ ހޫނުވެފައި ވަނިކޮށް އެތަން ދޫކޮށް ފުލުހުން ދިޔުމަށް ކޮމާންޑް ކުރެއްވީ ސީދާ ރައީސް މުހައްމަދު ނަޝީދު ކަމަށް ވެރިކަން ފުރޮޅުނު ގޮތް ތަހުގީގު ކުރަން އެކުލަވާލައިފައިވާ ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީން އާންމު ކޮށްފައިވާޓައިމް ލައިނުންދައްކައިފި އެވެ.
ކޮމިޝަނަށް މިހާތަނަށް ހޯދިފައިވާ ހޯދުންތަކުގެ މައްޗަށް އާންމުންގެ ހިޔާލު ހޯދަން ކަމަށް ބުނެ އިންކްއަރީ ކޮމިޝަންގެ ވެބްސައިޓުގައި މިއަދު އާންމު ކޮށްފައިވާ ޓައިމްލައިންގައި ބުނަނީ ފެބުރްއަރީ ހަ ވަނަ ދުވަހުގެ ރޭ އެމްޑީޕީއާއި އިދިކޮޅު އިއްތިހާދުން އާޓިފިޝަލް ބީޗްގައި މުޒާހަރާ ކުރަމުން ދަނިކޮށް އެތަނުން ފުލުހުން ފޮނުވާލަން ޕޮލިސް ކޮމިޝަނާއަށް ފުރަތަމަ އަމުރު ކުރެއްވީ އޭރުގެ ހޯމް މިނިސްޓަރު ހަސަން އަފީފު އެރޭގެ 11:00 އާއި 12:00 ޖެހުމާދޭތެރޭގަ ވަގުތެއްގައި ކަމަށެވެ.
އެ އޯޑަރާއެކު ކޮމިޝަނާ އަހުމަދު ފަސީހު ފުލުހުންގެ އޮޕަރޭޝަންސް ހެޑް އެ ސަރަހައްދަށް ފޮނުއްވި ކަމަށާއި ނަމަވެސް އެ ހިސާބުގެ މަސްރަހު ރަނގަޅު ނޫންކަމަށް އެބޭފުޅާ ކޮމިޝަނާއަށް ރިޕޯޓްކުރެއްވި ކަމަށެވެ. ނަމަވެސް ހޯމް މިނިސްޓަރުގެ ދެވަނަ އޯޑަރެއް އައީ އައީ ވެސް އެތަނުން ފުލުހުން ގެންދިޔުމަށް ކަމަށެވެ.
އެތަނުގެ މަސްރަހު ރަނގަޅު ނޫންކަމަށް ކޮމިޝަނާ ހޯމް މިނިސްޓަރަށް ދެންނެވި ކަމަށް ވެސް ކޮމިޝަންގެ ޓައިމްލައިންގައި ބުނެ އެވެ. ފުލުހުން އެތަނުން ފޮނުވާލަންދެން ދެން ސީދާ އޯޑަރު ކޮމިޝަނާއަށް ކުރެއްވީ ރައީސް ނަޝީދު ކަމަށްވެސް ކޮމިޝަންގެ ހޯދުންތަކުން އެނގެން އޮތް ކަމަށް ޓައިމްލައިނުގައި ވެއެވެ.
އާޓިފިޝަލް ބީޗުން ފުލުހުން ގެންދިއުމުގެ ދެވަނަ އަމުރެއް ރައީސް ނަޝީދު ކުރެއްވި ކަމަށް ވެސް ޓައިމްލައިނުން އެނގެންއޮވެ އެވެ. އެ އަމުރުގައި ކޮމިޝަނާއަށް ރައީސް ނަޝީދު ވިދާޅުވެފައިވާކަމަށް ޓައިމްލައިންގައި ވަނީ "ފުލުހުންނަށް މިހާރު އިތުބާރު ނުކުރެވޭ" ކަމަށެވެ.
އަދި އެ އަމުރާއެކު ސިފައިންގެ މާލޭ އޭރިޔާ ކޮމާންޑަރަށް ކޮމިޝަނާ ގުޅުއްވާ ފުލުހުން އެތަނުން ފޮނުވާލަން ޖެހިއްޖެ ކަމަށާއި ސިފައިން އެތަނަށް ފޮނުވުމަށް އެދިވަޑައިގަތްކަމަށާއި އެތަނުން ފުލުހުން ދިޔުމަށް ކޮމިޝަނާ ކޮމާންޑް ކުރެއްވި ކަމަށެވެ. ނަމަވެސް ސްޕެޝަލް އޮޕަރޭޝަންސް ފުލުހުންގެ ޓެކްނިކަލް އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ފަރާތް އެ ކޮމާންޑަށް އިންކާރު ކުރައްވާ އެހެން ބަޔަކު އެތަނާ ހަވާލުވުމުން ދާނެ ކަމަށް ކޮމިޝަނަރަށް ދެންނެވި ކަމަށް ވެސް ޓައިމްލައިން ބުނެ އެވެ.
ޓައިމްލައިން ބުނަނީ އޭރު އެމްޑީޕީގެ ހަރުގޭގައި އޮތް ޖަލްސާ މެދު ކަނޑާލައި އެ ސަރަހައްދުގައި މުޒާހަރާ ކުރާ އެމްޑީޕީ މީހުންނާއި ހަރުގޭން އައި ބަޔަކު ގުޅިފައިވާ ކަމަށާއި އެކަން އެހެން ވުމުން ފުލުހުންގެ އޮޕަރޭޝަންގައި ނުހިމެނޭ ތިން އޮފިޝަރަކަށް ރައީސް ނަޝީދު ގުޅުއްވާ ފުލުހުން ވަގުތުން އެތަނުން ގެންދިޔުމަށް އެންގެވި ކަމަށެވެ. އަދި އެތިން އޮފިޝަރުން އެތަނަށް ވަޑައިގެން އެކަން ކުރެއްވޭ ގޮތް ނުވުމުން ޑެޕިއުޓީ ކޮމިޝަނަރަށް ރައީސް ނަޝީދު ގުޅުއްވާ އޭނާގެ ވާޖިބު އަދާނުކުރެވޭ ކަމަށް ވިދާޅުވެ ގޭގައި މަޑުކުރައްވަން އޭނާއަށް އެންގެވި ކަމަވެސް ޓައިމްލައިން ބުނެ އެވެ.
އިންކްއަރީ ކޮމިޝަނުން އެކުލަވާލައިފައިވާ 43 ސޮފްހާގެ ޓައިމް ލައިންގައި ޖެނުއަރީ 14 އިން ފެށިގެން 7 ފެބުރުއަރީގެ ނިޔަލަށް ކަންހިނގާދިޔަ ގޮތް ވަނީ ހިމަނައިފަ އެވެ. އެ ޓައިމްލައިންގައި ޖުމްލަ 282 ސީކުއެންސް ހިމެނެ އެވެ. އިންކްއަރީ ކޮމިޝަނުން މިއަދު ޓައިމްލައިންއެއް އާންމު މިކުރީ ކޮމިޝަން ރިފޯމް ކުރުމުގެ މަސައްކަތް ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ. އަދި ކޮމިޝަންގެ މަސައްކަތް އޮތީ ވަގުތީ ގޮތުން ހުއްޓާލާފަ އެވެ.
ޓައިމްލައިނުގައި އިތުރަށް ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ޖުމްހޫރީ މައިދާނުގައި ތިބި ފުލުހުން އެތަނުން ފޮނުވާލުމަށް ބަޑީގެ ބޭނުން ކުރުން ނޫންގޮތެއް ނެތް ކަމަށް ރައީސް އަރިހު ސިފައިންގެ ޖެނެރަލަކު ވިދާޅުވި ކަމަށްވެ އެވެ. އަދި އެއްވެސް ހާލެއްގައި ބަޑި ނުޖެހުމަށް ރައީސް ނަޝީދު އެންގެވި ކަމަށް ވެސް ޓައިމްލައިންގައިވެ އެވެ. އަދި ޖުމްހޫރީ މައިދާނުގައި ކަންތައްތައް ހިނގަމުން ދިޔަ ގަޑީގައި ކެބިނެޓްގެ ވޯކިން ޝެޝަނެއް ރައީސް އޮފީހުގައި ބޭއްވި ކަމަށާއި އެ ޝެޝަން ޗެއާ ކުރައްވަމުން ގެންދެވީ ރައީސް ނަޝީދުގެ އެދުމުގެ މަތިން އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ކަންވެސް ހާމަވެ އެވެ. އޭރު ބައްދަލުވުމުގައި ތިއްބެވި ބޭފުޅުންނާއި ކޮންފަރެންސް ކޯލަކުން ރައީސް ނަޝީދު މުހާތަބު ކުރައްވާ ހާލު ރަނގަޅު ކަމަށާއި ސިފައިންގެ ތެރޭގެ ހާލުވެސް ރަނގަޅު ކަމަށް ވިދާޅުވި ކަމަށެވެ.
އަދި އެ ބައްދަލުވުމުގައި މަސައްކަތް ކުރީ ހުރިހާ ޕާޓީއަކުން ގުޅިގެން އޭރު އޮތް މަޝްރަހު ހައްލުކުރަން ޖޮއިންޓް ސްޓޭޓްމަންޓެއް ނެރުމަށް ކަމަށް ވެސް ބަޔާން ކޮށްފައި ވެއެވެ. ނަމަވެސް ރައީސް ނަޝީދު ވަޑައިގެން ނެތީސް އެ ޝެޝަން ކުރިއަށް ގެންދަން ބޭނުން ނުވުމުން އެ ބައްދަލުވުން ކުރިއަށްދާގޮތް ނުވެ ވަނީ ހުއްޓާލީ ކަމަށް ޓައިމް ލައިން ބުނެ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ ދޫކޮށްލަން ކުރިން އެއްބަސްވެފައިވާ ކަންވެސް އެ ޓައިމްލައިންގެ އެކި ހިސާބުތަކުން އެންގެ އެވެ. އަދި ފުލުހުން ހައްޔަރު ކުރަން ސިފައިންގެ ބައެއް އޮފިސަރުން ރިޒަވޭޝަންތަކެއް ހުށަހެޅިކަން ވެސް އެނގެ އެވެ. އެއާއެކު އެހެން އޮފިސަރުން ތަކެއް އެކަން ކުރުމަށް ހަމަޖައްސައި ބައެއް މިނިސްޓަރުންގެ އެދިވަޑައިގަތުމަށް ޖުމްހޫރީ މައިދާނަށް ވަނުމުގެ ފުރުސަތު އެމްޑީޕީގެ އެކްޓިވިސްޓުންނަށް ސިފައިން ފަހިކޮށްދިން ކަންވެސް އެނގެ އެވެ.
ރައީސް ނަޝީދުގެ އިސްތިއުފާގެ ސިޓީ ރައްޔިތުން މަޖިލީހާއި ހަވާލުކުރީ ފުލުހުން ކަމަށް ވެސް ޓައިމްލައިނުން އެނގެން އޮވެ އެވެ. އަދި އެ ސިޓީ ރައީސް އޮފީހުން ފުލުހުންގެ އިދާރާއަށް ގެންދިޔައީ މިހާރުގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒްކަން ވެސް އެއިން އެނގެ އެވެ.
އިންކްއަރީ ކޮމިޝަނުން އާންމު ކުރި ޓައިމް ލައިންގައި ބުނެފައިވަނީ އެ ޓައިމް ލައިނާ ގުޅޭ ގޮތުން ހިޔާލެއް ވާނަމަ މި މަހުގެ 21 ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިން ހިޔާލު ހުށަހެޅުއްވުމަށެވެ. އަދި އެ ހިޔާލުތައް ކޮމިޝަންގެ ވެބްސައިޓުގެ ޒަރީއްޔާއިން ނޫނީ ލިޔުމުން ވެސް ހުށަހެޅޭނެ ކަމަށް ކޮމިޝަނުން ބުންޏެވެ.