ދިހަ މެޗުގެ ސަސްޕެންސަނުން ސަލާމަތް ނުވެ އުޅެނިކޮށް، އިތުރު ފަސް މެޗަށް ވީބީ އައްޑޫ އެފްސީގެ މެނޭޖަރު އިބްރާހިމް ރަޝީދު (ސަތޯ) އަލުން ސަސްޕެންޑްކޮށްފި އެވެ.

ކުޅިވަރުގެ ރޫހާއި ހިލާފް އަމަލުތަކެއް ހިންގާފައިވާތީ އެފްއޭއެމް އިން މިފަހަރުވެސް ސަތޯ ސަސްޕެންޑު ކުރީ ޑިސިޕްލިނަރީ ކޯޑުގެ 32 ވަނަ މާއްދާގެ ދަށުންނެވެ.

އެފްއޭއެމް އިން ސަތޯއަށް އިތުރު ފަސް މެޗުގެ ސަސްޕެންސަނެއް ކުރިމަތި ކުރުވިއިރު، މީހާރުވެސް އޭނަ ހުރީ ދިވެހި ލީގުގެ ފުރަތަމަ ބުރިގައި މިދިޔަ މަހުގެ 14 ވަނަ ދުވަހު ވެލެންސިއާ އާއި ވީބީ ބައްދަލުކުރި މެޗަށް ފަހު އޭނާ ހިންގި ކުޅިވަރު ރޫހާ ހިލާފު އަމަލުތަކުގެ ސަބަބުން 10 މެޗަށް ސަސްޕެންޑް ކޮށްފައެވެ.

މިސީޒަންގައި މިހާތަނަށް އެންމެ ގިނަ ފަހަރަށް ސަތޯ ސަސްޕެންޑް ކުރަން ޖެހިފައިވާއިރު، އެފްއޭއެމް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަތޯއަށް މިފަހރުގެ ސަންޕެންޝަން ކުރިމަތިވީ މިދިޔަ މަހުގެ 26 ވަނަ ދުވަހު މާޒިޔާއާ ދެކޮޅަށް ވީބީ ކުޅުނު މެޗުގައި ކުޅިވަރުގެ ރޫހާއި ހިލާފް އަމަލުތަކެއް ހިންގާފައިވާތީވެ، އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑުގެ 32 ވަނަ މާއްދާގެ ދަށުން ކުރި ސަސްޕެންޝަނެއް ކަމަށެވެ . އަދި މިފަހަރު ސަތޯ ފަސް މެޗަށް މެޗަށް ސަސްޕެންޑްކޮށް ފައިވާއިރު، 2500 ރުފިޔާ އިން އޭނާ ޖޫރިމަނާކުރަން ކޮށްފައި ވާކަމަށް ވެސް އެބަޔާނުގައި ބުނެފައި ވެއެވެ.