06 Jun 2012, 12:28
ކަސްޓަމްސް އިންޓަގްރިޓީ ކޮމިޝަނަށް މެންބަރުން އައްޔަން ކުރެއްވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތަކާއި އެ މެންބަރުންނަށްދޭ މުސާރަ އާއި އިނާޔަތްތައް ދިރާސާކުރުމަށް ކަމާ ބެހޭ ކޮމިޓީތަކަށް ފޮނުވައިފި އެވެ.
ކަސްޓަމްސް އިންޓަގްރިޓީ ކޮމިޝަނަށްގެ ގާނޫނު ބުނާ ގޮތުން އެ ކޮމިޝަނަށް ފަސް މެންބަރުން އައްޔަންކުރަން ޖެހެ އެވެ.
ކަސްޓަމްސް އިންޓަގްރިޓީ ކޮމިޝަނަށް ފަސް މެންބަރަކު ހޮވުމަށް ޓަކައި އެކަމަށް އިއްލާން ކުރުމުން މެންބަރުކަމަށް ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން 12 ނަންފުޅެއް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުވައިފަ އެވެ.
އެ ބޭފުޅުންގެ ތެރޭގައި ހިމެނެނީ އަހްމަދު ޝާކިރު މއ. ކަށިމާ، ވިޒާދު އަލީ ހ. އާޒާދެވާދީ، އަބުދުﷲ ސިނާހު މ. ބިލާލުގެ، އަހްމަދު އަލިމަނިކު ގ. ވިޔަވަތި، އަބުއްރަހީމް އަބްދުއްރަހްމާން މއ. ފެހިއަލި، އާއިޝަތު ޝިއުނާ ހ. ބަރަބޯމާގެ، ޖިހާދާ އަނީސް ބްލޫރޯޒް ގއ. ކަނޑުހުޅުދޫ، ފަރީޝާ އާދަމް ދަފްތަރު، މުހައްމަދު ޝަރީފް ހ. ތެވެލި، އަބުދުﷲ ނިސާމް ދަފްތަރު، ޔޫސުފް މާނިއު މުހައްމަދު ގ. އަތަ، ފާތުމަތު ޝަމްވީލާ ގ. އަލީ އާބާދު، އެވެ.
މި ނަންފުޅުތައް މަޖިލީހަށް އިއްވެވުމަށް ފަހު އެ ނަންފުޅުތައް ދިރާސާ ކުރެއްވުމަށް އިގްތިސާދީ ކޮމިޓީއަށް ފޮނުއްވުމަށާއި، އެ މަގާމުތަކުގެ މުސާރަ އާއި އެހެނިހެން އިނާޔަތްތައް ހަމަޖެއްސުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވުމަށް މަޖިލީހުގެ ރައީސް އަބުދުﷲ ޝާޙިދު ނިންމެވި އެވެ.