06 Jun 2012, 12:10
ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ރަސްމީދަތުރުފުޅެއްގައި އިއްޔެ މެލޭޝިއާ އަށް ފުރައިވަޑައިގެންފި އެވެ.
މެލޭޝިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ދިފާޢީ އަދި އަސްކަރީ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ކުރައްވާ އެ ދަތުރުފުޅުގައި ޑިފެންސް މިނިސްޓަރު ނާޒިމް ވަނީ އިއްޔެގެ ވަގުތެއްގައި މެލޭޝިއާގެ ޑިފެންސް މިނިސްޓަރާ ބައްދަލުކުރައްވައިފަ އެވެ.
ނާޒިމުގެ ދަތުރުފުޅުގައި މެލޭޝިއާގެ ޗީފް އޮފް އާމީ އަށާއި ޗީފް އޮފް ނޭވީގެ އިތުރުން މެރިޓައިމް އެންފޯސްމަންޓް އޭޖެންސީ (ކޯސްޓްގާޑު)ގެ ޑައިރެކްޓަރު ޖެނެރަލް އަދި އެ ޤައުމުގެ ފަޔާ ޑިޕާޓްމަންޓްގެ ޗީފްއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ދިފެންސް މިނިސްޓްރީ އިން ބުންޏެވެ.
އެމްއެންޑީއެފްގެ ތަރައްގީ އަށާއި ރާއްޖޭގެ ދިފާއީ ނިޒާމަށް ބޭނުންވާ އެކިއެކި އެހީ މެލޭޝިއާގެ ސަރުކާރުގެ ފަރާތުން ހޯދުމަށް މަޝްވަރާކުރެއްވުމަށް ކުރައްވާ ދަތުރުފުޅުގައި މިނިސްޓަރު ނާޒިމްގެ އިތުރުން ވައިސް ޗީފް އަޙުމަދު މުހައްމަދާއި ކޯސްޓްގާޑުގެ ކޮމަޑާންޓް އަހުމަދު ޝާހިދު އަދި ޕްރިސިޕަލް ޑައިރެކްޓަރު އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އިބްރާހިމް ޙިލްމީ ބައިވެރިވެވަޑައިގަންނަވަ އެވެ.