06 Jun 2012, 11:19
އައްޑޫ ސިޓީގެ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ 17 އަހަރުގެ ކުއްޖަކަށް ހަމަލާދިން މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެއް ކަމަށެވެ. ނަމަވެސް ހައްޔަރު ކުރީ ކޮން ބައެއް ކަމެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.
ހިތަދޫ، އަނާމަންޒިލް، މުހައްމަދު އަޒާން، 17، އަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައި ވަނީ ހިތަދޫ ބޮޑުމަގުގައި ހުންނަ ޝީޝާ ފިހާރަކައިރިން ރޭ 7:30 އެހާކަންހާއިރު އެވެ.
ހިތަދޫ ރީޖިނަލް ހޮސްޕިޓަލުން މިއަދު ބުނީ އޭނާގެ ބުރަކަށީގެ ދެތަނަކަށް ވަޅިކަމަށް ބެލެވޭ އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު އެހާ ސީރިއަސް ނޫން ކަމަށާއި ނަމަވެސް އިތުރު ފަރުވާ ހޯދުމަށް މާލެ ދިޔުމަށް ޑޮކްޓަރު ލަފާދީފައިވާތީ މިހާރު އޭނާ އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާދެމުން ގެންދާ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.