06 Jun 2012, 11:14
ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީ އަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.
އެމްޑީޕީ އިސް ތަރުޖަމާނު އިމްތިޔާޒް ފަހުމީ މިއަދު ވިދާޅުވީ އެމްޑީޕީގެ އެންމެ އިސް ލީޑަރު، މުހައްމަދު ނަޝީދު އައްޑޫ ސިޓީ އަށް ކުރައްވާ މި ދަތުރުފުޅަކީ އެމްޑީޕީގެ މެންބަރުންނާ ބައްދަލު ކުރެއްވުމަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއް ކަމަށެވެ.
އިންތި ވިދާޅުވީ ނަޝީދުގެ އަރިހުގައި އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ބައެއް މެންބަރުންނާއި ގައުމީ މަޖިލީހުގެ މެންބަރުން ބައިވެޑައިގަންނަވާ ކަމަށެވެ.
"ރައީސް ނަޝީދުގެ އަރިހުގައި އެމްޑީޕީ ޕާލަމެންޓް ގުރޫޕްގެ ބައެއް މެންބަރުންނާއި ގައުމީ މަޖިލީހުގެ މެންބަރުން އެބަ ބައިވެރިވެޑައިގަންނަވާ. އޭގެ ތެރޭގައި މާރިޔާ، ސަރަނގު އާދަމް މަނިކާއި އިސް މެންބަރުން ބައިވެވަޑައިގަންނަވާ،" އިންތި ވިދާޅުވި އެވެ.
ނަޝީދު އައްޑޫ ސިޓީ އަށް ކުރައްވާ ދަތުރުފުޅުގައި މިރޭ މަރަދޫގައި އެމްޑީޕީގެ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕިން ބުންޏެވެ. އަދި މާދަމާ ރޭ ވެސް އައްޑޫގައި އެމްޑީޕީގެ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.