10:45


މާލޭ ވައިގެ ބަނދަރު ހިންގަން ޖެހޭ އުސޫލުތަކެއް ކަނޑައެޅުމުގެ ގާނޫނެއް ހެދުމުގެ މަސައްކަތް ގައުމީ ޕާޓީން ފައްޓަވައިފި އެވެ.


ގައުމީ ޕާޓީގެ އެޑްމިނިސްޓްރޭޓާ އަބްދުއްރަހީމް ހަސަން މިރޭ ވިދާޅުވީ ރާއްޖެ ޗެމްބާސްގެ ލޯޔަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދުގެ އެހީތެރިކަމާ އެކު ފަރުމާކޮށް އެކުލަވާލާފައިވާ ބިލަކީ މާލޭ ބައިނަލް އަގުވާމީ ވައިގެ ބަނދަރު ބޭރުގެ ފަރާތަކަށް ދިނުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގެ ބިލެއް ކަމަށެވެ.


"މާލޭ ބައިނަލް އަގުވާމީ ވައިގެ ބަނދަރު 25 އަހަރު ދުވަހަށް ބޭރުގެ ބަޔަކަށް ކުށްޔަށްދޭން ނިންމުމުން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން އިދިކޮޅު އިއްތިހާދުން ވަނީ އެކަން ހުއްޓުވުމުގެ އެކްޝަން ޕްލޭނެއް އެކުލަވާލާފައި. އެ ޕްލޭންގެ ދަށުން އަންނަ ބައެއް މިކަމަކީ. މި ބިލުގެ މަސައްކަތް މި ހިނގަނީ ގައުމީ ޕާޓީއާއި ރާއްޖެ ޗެމްބަރުގެ ދަށުން،" އަބްދުއްރަހީމް ވިދާޅުވި އެވެ. "މި މަސައްކަތުގައި އިއްތިހާދުންގެ ހުރިހާ ބައިވެރިންނެއް ނޫޅޭނެ. އެހެންނަމަވެސް މިއީ މުޅި އިއްތިހާދުގެ ކަމެއް. މިކަން ހާމަކޮށް މިއަދު މުޅި އިއްތިހާދުން ވަނީ ނޫސް ބަޔާނެއްވެސް ނެރެފައި،"


އޭނާ އަދި ވިދާޅުވީ  ކުރިޔަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބިލުގެ މަސައްކަތް މުޅިން ނިންމައި  މަޖިލީހަށް ވެއްދޭވަރުވާނެ ކަމަށާއި މި ގާނޫނުގެ މުޅި މައިގަނޑު އަމާޒުވަނީ ސަރުކާރުން ކަނޑައަޅާ ދިވެހި ކުންފުންޏަކުން  މާލޭ ބައިނަލް އަގުވާމީ އެއާޕޯޓު ހިންގުން ކަމަށާއި އެއާޕޯޓު ހިންގުން ބޭރު ބައެއްގެ އަތްމައްޗަށް ދިއުން ހުއްޓުވައިލުން ކަމަށެވެ.


މާލޭ ވައިގެ ބަނދަރު ހިންގުމުގައި ތަބާވާން ޖެހޭ އުސޫލުތައް ކަނޑައަޅާ ގާނޫނެއް ފަރުމާކޮށް މަޖިލީހަށް ވެއްދުމުގެ މަސައްކަތް ފަށާފައިވާ އިރު އެއާޕޯޓް ހިންގުން މިހާރު ވަނީ 25 އަހަރު ދުވަހުގެ މުއްދަތަށް އިންޑިޔާގެ ޖީއެމްއާރް ކުންފުންޏާ ހަވާލުކޮށްފަ އެވެ.